ޖޭއެސްސީއަށް ހާޒިރެއް ނުވާނަން: އުއްތަމަ ފަނޑިޔާރު

16 Oct 2019 | 22:22

ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހާޒިރުވެވަޑައިނުގަންނަވާނެ ކަމަށް އުއްތަަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާާޅުވީ ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައެވެ.

ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ކޮމިޝަނުން 15 ކަމެއް ބެލުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ޖޭއެސްސީގެ ދުސްތޫރީ މެންޑޭޓުގެ ދަށުން އެ ކޮމިޝަންއަށް ބެލުމުގެ ބާރު ލިބިގެންވާ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ.

އަދި އޭގެ ތެރެއިން ކޮންމެ ކަމަކީވެސް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ގަޟާއީ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ގަޟާއީ ނިންމުމަކާއި ގުޅިގެން އޭގެ ސައްހަކަން ބެލުމާއި، އެއީ ގާނޫނުތަކާއި އެއްގޮތް ކަމެއްތޯ ބެލުމަށް އެއްވެސް އިޖުރާއަތެއް ހިންގުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ތަންދޭ ކަމެއްނޫންކަމަށެވެ. އެހެންކަމުން އެފަދަ އިޖުރާތެއް ޖޭއެސްސީއިން ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކުން ވިޔަސް ހިންގުމަކީ ކަނޑައެޅިގެން ޣައިރު ދުސްތޫރީ އަމަލެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ވަނީ ސިފަކުރައްވާފައެވެ.

އެ ސިޓީގައި އިތުރަށް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 64 ވަނަ މާއްދާގެ ދަށުން، އެއްވެސް ފަރާތަަކުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަކަށް ތަބާނުވެތިބުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.

އެހެންކަމުން، ޖޭއެސްސީއަށް ހާޒިރުވުމަށް އެންގި އެންގުމަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް