މިއަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް އިބޫއަށް ވޯޓެއް ދެއްވާ: ނަސްރީނާ

20 Sep 2018 | 17:27

ނުހައްގުން އަނިޔާ ލިބެމުންދާ އެންމެހާ ފަރާތްތަކާއި، ދިވެހި ގައުމު މި އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުނަށް އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު އިބްރާހިމް މުހަންމަދު ސޯލިހް(އިބޫ) އަށް ވޯޓުދިނުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެންމެހާ ރައްޔިތުންގެ އަރިހުން އެދިވަޑައިގަނެފި އެވެ.

ނަސްރީނާ މިއަދު އާންމު ކުރައްވާފައިވާ ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ.

ނަސްރީނާ ވިދާޅުވީ އެކަމަނާއާއި އެކަމަނާގެ އާއިލާ ތަހަންމަލް ކުރައްވަމުންގެންދަވާފަދަ އަނިޔާތަކެއް ތަހަންމަލް ކުރައްވަމުންގެންދަވާ އެތަކެއް އާއިލާތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން ކުރީގެ ރައީސް މައުމޫނަށާއި، ނުޙައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަށާއި، އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަށް އިންސާފު ހޯއްދަވައި ދެއްވުން އެދި އިލްތިމާސް ކުރައްވާކަމަށެވެ.

އިތުރަށް ނަސްރީނާ ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި އަށް މަސް ދުވަސް ހޭދަ ކުރައްވާފައިވަނީ އެއްވެސް ކުށެއް ނެތި ކަމަށާއި، ޖަލުގައި ރައީސް މައުމޫން ހުންނެވިއިރު އަލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އާދޭސް ނުދަންނަވާ ކަމާބެހޭ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށެވެ.

އެ ފުރުސަތު ރައްޔިތުންނަށް ލިބޭނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި އެދުމަކީ އަދި އާދޭހަކީ، އެ ދުވަހު ވީހާއަވަހަކަށް، ވީހާ ގިނަ ރައްޔިތުން ނިކުމެ، މިހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މުޅި ގައުމު މި އަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުން ކަމަށްވެސް ނަސްރީނާ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް

Advertisement