އަބުރު ކަތިލުމަށް ކުރި މަސައްކަތަކީ ވެރިކަން ނިމުމުގެ ބިންގަލަށްވެސް ވެދާނެ: ޝަހީމު

18 Nov 2019 | 04:32

އަބުރު ކަތިލުމަށް ސަރުކާރުން ކުރި މަސައްކަތަކީ ވެރިކަން ނިމުމުގެ ބިންގަލަށް ވެދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމު މިހެން ވިދާޅުވީ ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލަ، މަރު ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެކުލަވައިލި ރިޕޯޓުގައި، ޑރ. މުހައްމަދު ޝަހީމަށް ތުހުމަތުތަކެއްކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައި އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެތުހުމަތުތަކާއި ގުޅީގެން ޝަހީމު ކުރެއްވި ޓުވީޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ނުހައްގުން ކަތިލި "ކަންބަޅި، ބަކަރި'' އަކީ އޭނާތޯ ސުވާލު ކުރައްވާފައެވެ. ޝަހީމް ވިދާޅުވީ އޭނާގެ އަބުރު ކަތިލުމަށް ކުރެވުނު މަސައްކަތަކީ މި ވެރިކަން ނިމުމުގެ ބިންގަލަށްވެސް ވެދާނެ ކަމަށެވެ.

ޝަހީމު ވިދާޅުވި ގޮތުގައި މިއީ ސަރުކާރުން މީހަކަށް ދިން އެންމެ ބޮޑު އަނިޔާއެވެ.

"އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި 'ކަންބަޅި ބަކަރި' އަކީ އަޅުގަނޑުތޯ އެވެ. އަޅުގަނޑުގެ އަބުރުކަތިލައި ތިޔަ އެޅީ ވެރިކަން ނިންމުމުގެ ބިންގަލަށްވެސް ވެދާނެ އެވެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާއެވެ." ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވައިލި ރިޕޯޓްގެ ހުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑަށް ބާރުލައްވައި، ވިދާޅުވީ ރިޕޯޓުގެ ޝަހީމާއި އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ޝަހީމް ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ.

ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް އޮތް ކަމަށް އެ ރިޕޯޓްގައި ބުނެ އެވެ. އަދި ޝަހީމް އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ. ޝަހީމު ދެއްވި ބަޔާނުގައި އެމެސެޖު އަފްރާޝީމަށް ފޯވާޑްކުރި ކަމަށް ވިދާޅުވެފައި ވެއެވެ.

Advertisement

ކޮމެންޓް

Advertisement