ރައީސް ޔާމީނާ ބައްދަލުކުރުމަށް ޖާބިރު ޖަލަށް!

01 Dec 2019 | 11:49

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ބައްދަލުކުރެއްވުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ޖަލަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ރެޖިސްޓްރާ އަބްދުﷲ ރިފާއު ވިދާޅުވީ، ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް ޑީއާރުޕީގެ ލީޑަރު ޖާބިރު ނިންމަވައިފައިވާކަމަށެވެ.

އެގޮތުން މާފުށީ ޖަލަށް ވަޑައިގަތުމުގެ ހުއްދައަށް އެދި މާދަމާ ހެނދުނު ހޯމް މިނިސްޓްރީއަށް ލިޔުމުންއެދޭނެ ކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ޖަލުގައި އޮންނަވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ޖަލަށް ހުކުމްކުރިތާ 48 ގަޑިއިރު ނުވަނީސް އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ޖާބިރު ނިންމެވިއިރު، ރައީސް ޔާމީން އުމުރު ދުވަހު ހުންނަވަންޖެހޭނީ ޖަލުގައި ކަމަށް ޖާބިރުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ރައީސް ޔާމީން ޖަލަށްލުމަށް އެންމެ ގިނައިން ގޮވައިލައްވާ އެއް ބޭފުޅަކީ ޖާބިރެވެ.

Advertisement

ކޮމެންޓް