އެމްޑީޕީ ޕްރައިމެރީ: ރިޒްނާ، ރިޔާޒް، އައްޒާމް ހުޅުމާލެ ދާއިރާއަށް

09 Dec 2019 | 22:59

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގައި އަލަށް އުފެދޭ އެއް ދާއިރާއަކީ ހުޅުމާލޭގެ ދާއިރާއެވެ. މި ދާއިރާގައި ގިނަ އަދަދެެއްގެ ރައްޔިތުން ދިިރިއުޅެމުންދާއިރު، ލާމަރުކަޒީ ނިޒާމުގެ ދަށުން މި ރައްޔިތުންވެސް ގިނަ ކަންތައްތަކަކަށް ދަނީ އެދެމުންނެވެ.

ހުޅުމާލޭގެ ކައުންސިލަރކަމުގެ މަގާމަށް ގިނަ ފަރާތްތަކަކުން އަމާޒުހިފާފައިވާއިރު، މިމަހުގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ހުޅުމާލޭގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން މިހާރު ވަނީ ފާޅުކޮށްފައެވެ.

ރިޒްނާ ޒަރީރް

އެގޮތުން މިހާތަނަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ ކައުންސިލް ޕްރައިމެރީގައި ވާދަކުރާނެކަން ޢިއުލާނުކޮށްފައިވާ ރިޒްނާއަކީ 13 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި ހޭދަކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

"ވޮއިސް" އަށް މައުލޫމާދު ދެމުން އޭނާ ހާމަކުރިގޮތުގައި މިދާއިރާއަށް ކުރިމަތިލުމަށް ގަސްތުކުރީ ރާއްޖޭގެ އެކި ހިސާބުތަކުން އައިސްތިބި ގިނަ މީހުންނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތަކަށްވެފައި، ހަމަޖެހޭ ފަހި ދިރިއުޅުމެއް ކައުންސިލް މެދުވެރިކޮށް އެރައްޔިތުންނަށް ފަހި ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުންކަމަށެވެ.

މީގެ އިތުރުން ފާއިތުވިި 13 އަހަރަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް ރައްޔިތުންނަށް ދިމާވާ އެކި އެކި އިޖްތިމާއީ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެރޮނގުން މަސައްކަތްކޮށްފައިވާ މީހަކަށްވެފައި، މިއަދު ރައްޔިތުންނާއި ގާތުން އެފަދަ ކަންކަން ހައްލުކޮށްދިނުމަށް މަަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުމާއި ހުޅުމާލޭގައި ދިރިއުޅޭ މީހެއްހެ ހައިސިއްޔަތުން ރައްޔިތުން ވިންދާއި އިހްސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ސަރުކާރާއި ދާއިރާގެ މަޖިލިސް މެމްބަރާއި ގުޅިގެން ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ރައްޔިތުން ތާއީދު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ކުލަ ޔެލޯ ރިޔާޒް

ހުޅުމާލޭ ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ރިޔާޒަކީ ހުޅުމާލޭގައި ވިޔަފާރިއެއް ހިންގަމުންދާ، ޒުވާނެކެވެ. އޭނާއަކީ އެމްޑީޕީގެ ގިނަ މސައްކަތްތަކުގައި ވެސް އިސް ދައުރެއް އަދާކުރަމަުންދާ ޒުވާނެކެވެ. އެގޮތުން މީސް މީޑިއާގައި ގިނަ ބަޔަކު ފޮލޯކުރަމުންދާ ''އެމްޑީޕީ ކުލަ ޔެލޯ '' ޕޭޖާއި ''ހަރުގެ ގްރޫޕް'' ހިންގުމުގައިވެސް ރިޔާޒު އިސް ދައުރެއް އަދާކުރެއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެމުން ރިޔާޒު މިއަދު ބުނީ، އޭނާ ހުޅުމާލޭ ދާއިރާގެ ކައުންސިލަށް ވާދަކުރަން ނިންމީ ހުޅުމާލެއަކީ މުސްތަގުބަލުގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ ސިޓީއަކަށް ވުމުގެ އިތުރުން އެއީ މުސަތަގުބަލެއް އޮތް ޒުވާނުންގެ ސިޓީއަކަށް ވުމުން ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތް ކުރުމަށް ކަމަށެވެ.

އެގޮތުން ހުޅުމާލެ ފޭސް ދެއްގައި މީހުން އާބާދުވުމުން ރައްޔިތުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއްވެސް ހުންނާނެ ކަމަށް ރިޔާޒު ބުނެއެވެ. އެހިދުމަތް ދިނުމަށް ބޭނުންވަނީ ރައްޔިތުންނާ ގުޅުން ބޮޑު، ޒުވާނެއް ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން ބޯހިޔާވަހިކަމާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްވެސް ހުޅުމާލޭ ފޭސް ދޭއްގައި ހިންގާއިރު އެކަންކަމަށް އެއްބާރުލުންދީ، ރައްޔިތުންނަށް ފަހި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށްވެސް ރިޔާޒު ބުނެފައިވެއެވެ.

އައްޒާމް ލަތީފް

އެމްޑީޕީގެ ޕްރައިމެރީގައި ހުޅުމާލެ ދާއިރާއިން ވާދަކުރަން ނިންމާފައިވާ އައްޒާމް ލަތީފް (އަތިރި ސޮރު) މިއީ ހުޅުމާލެގެ އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މިސަރުކާރުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ހުޅުމާލޭގެ އިޖުތިމާއީކަން ކަން ރޭވުމާއި ބެލެހެއްޓުމުގެ ކަންކަމުގައި ހަވާލުވެފައިވާ އައްޒާމް ހާމަކުރާގޮތުގައި އޭނާގެ އެންމެ ބޮޑު ބޭނުމަކީ ވަކި ޕާޓީއެއް ބެލުމެއްނެތި ހުޅުމާލެއިން ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކައް ހަމަޖެހޭ ފުރުސަތުތަކެއް ހޯދައިދިނުންކަމަށެވެ.

"އަޅުގަނޑަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ އާބާދުވި މީހުންތެރޭ ހިމެނޭ މީހެއް. މިހާތަނަށްވެސް މިތަނަކީ މީހުން ނިދަން އަރާ ހާއްޔެއްގޮތުގައި އޮންނަތަނެއް. ވަޒީފާއި އަދި މުނި ފޫހިފުލުވުމުގެ ފުރުސަތުތައް ހަނި. މުޖުތަމައުއެއްގޮތުގައި އެންމެ އެކުގައި މަސައްކަތް ކުރަން އިސްނަގާނެ ފަރާތެއްނެތް. މިކަން ކަން އެބަޖެހޭ އިސްލާހު ކުރަން. ހުޅުމާލެގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެ ގޮތަކަށް ކައުންސިލްގެ ދައުރު ބޮޑުކުރަން ޖެހޭ. ކުންފުންޏަކުން މިކަންކަން ބެލުން ހުއްޓަލަން ޖެހޭ. މިކަން ކަމަށް މަސައްކަތް ކުރުން އެއީ ކައުންސިލަށް އަޅުގަނޑު ކުރިމަތިލާން ނިންމި އެންމެ ބޮޑު ސަބަބަކީ" އައްޒާމް ކިޔާދިނެވެ.

މި މަހު އެމްޑީޕީގެ ޕްރައިމެރީ ބޭއްވުމަށް ނިންމާފައިވީނަމަވެސް މިހާތަނަށް އެކަމުގެ މާބޮޑު ތަފްސީލެއް ލިބިފައިނުވެއެވެ. އެމްޑީޕީގެ ޕްރައިމެރީއަށް އިއުލާންކުރުމާއެކު މިހާރު ގިނަ ފަރާތްތަކަކުން އަންނަނީ މިކަމުގެ ޝައުގު ފާޅުކުރަމުންނެވެ.

ނޯޓް: ވޮއިސް މެދުވެރިކޮށް ކެންޕެއިން ހަބަރު ގެނެސްދިނުމަށް 9956888 އަށް ގުޅާލައްވާ!

Advertisement

ކޮމެންޓް

Advertisement