ޗައިނާގެ ދަންތުރައިން މިންޖުވާން ތައްޔާރު: ނަޝީދު

10 Dec 2019 | 21:35

ޗައިނާގެ ދަންތުރައިން މިންޖުވުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަނަރަ މެންބަރަކާއެކު މިހާރު އިންޑިއާއަށް ކުރައްވައި ދަތުރުފުޅުގައި އެގައުމު ނައިބު ރައީސް ވެންކައިއާ ނައިޑޫއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން މިއަދު ހާމަކުރި ގޮތުގައި، އެބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުއެހީތަކަކީ ''ދަންތުރަ'' އެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ ޗައިނާއިން ދިން ލޯނު އެހީގައި ހިންގި ތަރައްގީގެ މަޝްރޫއުތަކުން ރާއްޖެއަށް އިތުރުވި ދަރަނީގެ އެސެސްމަންޓްއެއް މިހާރު ހަދަމުންދާ ކަމަށެވެ.

ނާއިބު ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނަކީ އެއްބަެއް ކަމަށެވެ.

ނަޝީދު އަބަދުވެސް ވިދާޅުވަމުންދަނި ސަގާފީ ގޮތުންނާއި ތާރީޚީ ގޮތުން އިންޑިޔާ ރައްޔިތުންނާއި ދިވެހިންނަކީ ހަމަ އެއްބައެއް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ރައްޔިތުން ކަނީ އެކައްޗެއްކަމަށާއި ކިޔަނީ އެއްފޮތްތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބަލަނީ އެއް ފޮތްތަކެއް ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެބައްދަލުވުމުގައި އިންޑިޔާގެ ނައިބުރައީސްވަނީ ރާއްޖެއިން ގެންގުޅޭ "އެންމެ ފުރަތަމަ އިންޑިޔާ" ސިޔާސަތަށް ތައުރީފުކުރައްވައިފައެވެ. އަދި އެސިޔާސަތުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާވާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް