Advertisement

އެމްއެންޑީއެފް ނޮދަން އޭރިއާއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

12 Dec 2019 | 01:59

އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ”ދުޅަހެޔޮ ހަށިހެޔޮ“ ނިމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ދުވާފަރުގައި މިމަހުގެ 10 ވަނަދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ކާނަލް އިސްމާޢީލް ޝަރީފް ވަނީ ޕްރޮގްރާމުގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

2019 ނޮވެމްބަރު 10 ން ޑިސެމްބަރު 1 ގެ ނިޔަލަށް ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމްގައި 150 ފަރާތެއް ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން 105 ބައިވެރިން ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި މުދައްރިބުންގެ ގޮތުގައި 10 ބައިވެރިން ވަނީ ތަމްރީން ކުރެވިފައެވެެ. މި 150 ބައިވެރިންގެ ތެރެއިން 5 އަހަރުގެ ތުއްތު ކުއްޖަކުވެސް ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ދުވާފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމު ކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަސްކޮށްދީ، ކަސްރަތު ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި ކުލާސްތައް ނަންގަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނެވެ.

ރ. ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ”ދުޅަހެޔޮ ހަށިހެޔޮ“ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި ރ.ދުވާފަރު ކައުންސިލްގެ އިސް ބޭފުޅުންގެ އިތުރުން ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެލެއްވި ސިފައިންނާއި ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް