މޭޔަރު ކަމަށް އަންނަންވީ އަބުރުކަތިލައިގެނެއްނޫން: ޝިފާ

13 Dec 2019 | 17:47

ކޮރަޕްޝަންގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރި ކަމަށް ބުނާ މައްސަލަ ޝިފާ ދޮގުކުރައްވައިފިއެވެ.

ޝިފާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އޭސީސީން މާލޭ ސިޓީ ކައުންސިލަށް ވަދެފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 30 ގައެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރީ ބިޑަށް ނުލައި ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ފާހާނާ ބަރީގެ އިމާރާތުގެ މައްސަލައިގައެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޝިފާ މިއަދުވަނީ، އޭނާ އޭސީސީއަށް ހާޒިރުކުރި ކަމަށް ދައްކާވާހަކަތައް ދޮގު ކުރައްވާފައެވެ. ޝިފާ ވިދާޅުވީ، ހަގީގަތާ ހިލާފު އެފަދަ ވާހަކަ ދައްކަނީ ސިޓީ ކައުންސިލުގެ ދެ މެންބަރެއް ކަމަށެެވެ.

އެގޮތުން މެދުހެންވޭރު ދާއިރާގެ ކައުންސިލު މެންބަރު އަލީ ނިޔާޒާއި މާފަންނު އުތުރު ދާއިރާގެ މެންބަރު ފަޒީން އަކީ އަންނަ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވާ ދެ މެންބަރުންކަން ޝިފާ ފާހަގަކުރެއްވިއެވެ.

ޝިފާ ވިދާޅުވީ ނިޔާޒުއާއި ފަޒީން އެފަދަ ވާހަކަތައް ދައްކަވަނީ އޭނާގެ އަބުރު ކަތިލައިގެން މޭޔަރުކަމަށް އައުމަށް ކަމަށެވެ.

''އެސީސީއަށް ހާޒިރުކޮށްފި ކަމަށް ބުނެ ވާހަކަ ދައްކަވަނީ ނިޔާޒުއާއި ފަޒީން. މިއީ މޭޔަރު ކަމަށް ކުރިމަތިލައިގެން ތިއްބެވި ދެ މެންބަރުން. މީހުންގެ އަބުރު ކަތިލައިގެނެއް ނޫން މޭޔަރު ކަމަށް އަންނަން މަސައްކަތް ކުރަންވީ. ރައްޔިތުންގެ ރުހުން ހޯދައިގެން.'' އަންނަ އިންތިހާބުގައިވެސް މޭޔަރު ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝިފާ ވިދާޅުވިއެވެ.

ފާހާނާ ބަރީގެ އިތުރުން ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ކުރިން ވިދާޅުވެފައި ވެއެވެ.

އެ ޕާކްގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ވެސް މެންބަރުން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް