އާމްދަނީން ނަގާ ޓެކްސް ގާސިމަށް ސިފަވީ ހިތި ބޭސްގުޅައެއްގެ ގޮތުގައި

25 Dec 2019 | 10:12

އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށީގެން ނަގަން ގާނޫނުން ލާޒިމުކޮށްފައިވާ އިންކަމް ޓެކްސް، ނުވަތަ އާމްދަނީން ނަގާ ޓެކްސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ސިފަވެގެން ދިޔައީ ހިތި ބޭސްގުޅައެއްގެ ގޮތުގައެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ރޭ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިލާ ގްރޫޕުގެ ޗެއާމަންކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން އިންކަމް ޓެކްސް ނަގާނެ ކަމަށެވެ. އެގޮތުން ޓެކްސް ނެގުމުގައި ދެބަޔަކަށް ބަހާލާފައިވާކަން ފާހަގަކުރައްވައި ގާސިމު ވިދާޅުވީ، ޖެނުއަރީ އެކަކުން ފެށިގެން އެއްބަޔަކު އަތުން ޓެކްސް ނަގާއިރު، އޭގެ ހަތަރު މަސް ފަހުން އަނެއްބައި މީހުން އަތުން ވެސް ނަގާނެ ކަމަށެވެ.

އެހެންކަމުން އެކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށާއި ބައެއް ފަހަރު ހިތި ބޭސްގުޅައެއްވެސް ކާލަން ޖެހޭނެ ކަމަށް ގާސިމު ވިދާޅުވިއެވެ.

''ހުރިހާ ރައްޔިތުންވެސް އެއަށް ސަމާލުވާން އެބަޖެހޭ. ދެން ބައެއް ފަހަރު ހުންނާނެ ހިތި ބޭސްގުޅަވެސް ކާލަންޖެހޭ. ކާލީމާ ރަނގަޅުވާނެ، ހިތާ ދެކޮޅަށްވެސް ކާލަންޖެހޭ ބޭސް ގުޅަގުޅަ ހުރޭ. ޓެކްސްގެ ފައިސާއަށް ހިޔާނާތްތެރި ނުވެ، އޭގެ ވެރި ފަރާތްތަކަށް ލިއްބައިދެވިއްޖެނަމަ "ހިތިބޭސްގުޅަ" ކައިގެންވެސް މަންފާ ލިބިގަނެވޭނެ.''ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، އާމްދަނީން ޓެކްސް ނެގި ނަމަވެސް އޭގެ އެންމެ އެދެވޭ މަންފާ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށާއި، ޓެކްސްގެ މަންފާ އެންމެ ފައިދާހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގާސިމު ވިދާޅުވިއެވެ.

އެކަމުގައި ކޮރަޕްޝަން ނުހިމެނޭނެ ކަމަށް ޔަގީން ކުރައްވާ ކަަމަށްވެސް ގާސިމު ވިދާޅުވިއެވެ.

މީގެއިތުރުން އިންކަމް ޓެކްސް ''ހިތި ބޭސްގުޅަ'' އެއްގެ ގޮތުގައި ގާސިމް ސިފަ ކުރެއްވި ނަމަވެސް އޭނާ ވަނީ އިންކަމް ޓެކްސް ނެގުމަށް ހިތްވަރުދީ އެޖަލްސާގައި ވާހަކަ ދައްކަވައިފައެވެ.

އެގޮތުން ގާސިމް ވިދާޅުވީ، އިންކަމް ޓެކްސް ނެގުމަކީ އެއް ގޮތަކަށް ވެސް ރައްޔިތުން ހިތްބުރަ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

''އަޅުގަނޑު ދަންނަވާނީ ޓެކްސްގެ ނިޒާމުގެ ތެރެއަށް ރާއްޖޭގެ ގިނަ ބަޔަކު ވެދެވަޑައިގެންނެވި ވަރަކަށޭ އަޅުގަނޑުމެންގެ ތަރައްގީ އަޅުގަނޑުމެންނަށް ގެނެވޭނީ.'' ގާސިމު ވިދާޅުވި އެވެ.

ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް އެކެއް ޖެނުއަރީން ފެށިގެން ނަގަން ފަށާނެ އެވެ. ނަމަވެސް, އާންމު ފަރުދުންނަށް ލިބޭ މުސާރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް އެކަކުން ފެށިގެންނެވެ.

Advertisement

ކޮމެންޓް

Advertisement