ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުން ތާވަލްކޮށްފި

14 Jan 2020 | 16:19

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެމައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެމަހުގެ 30 ގައެވެ.

އެމައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް މިމަހުގެ 28 ގައި ބާއްވާ ގޮތަށް ހައިކޯޓުން ވަނީ ތާވަލުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެގެންނެވެ.

އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެކެވެ. އަދި އުފުލާފައިވަނީ ސިޔާސީ ދައުވާއެކެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވަމުންދާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

Advertisement

ކޮމެންޓް