އިސްތިއުފާ ދިނުމުން ކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓޭނެ ނަމަ އިސްތިއުފާދޭނަން: ޝިދާތާ
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާދެއްވުމުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓޭނެނަމަ އެކަމަނާ އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ދެންނެވީ ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ކުރިމަތީގައި މިއަދު ކުރި ހިމޭން އިހުތިޖާޖު ބައްލަވާލެއްވުމަށްފަހު މީޑިޔާއާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިދާތާ ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާާ ފަރާތްތަކުގެ ދަފްތަރުބަލައި ފިޔަވަޅު އަޅާނީ ފުލުހުން ކަމަށާއި، ޖެންޑާ މިނިސްޓްރީއަށް އޮތް މަސްއޫލިއްޔަތަކީ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
މިނިސްޓަރ ޝިދާތާ މިއަދު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ފުލުހުން ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަނާާ ވިދާޅުވީ ފުލުހުންގެ ފަރާާތުން ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި މީހުން ހައްޔަރުކުރުުމުގައި ލަސްތަކެއް އުޅޭކަމަށާއި، އެކަމާާއި ގުޅިގެން ފުލުހުންނާއި ވާހަކަދައްކަމުންދާކަމަށެވެ.
މިއަދު ޝިދާތާ ވަނީ އެކަމަނާ އިސްތިއުފާާއަށް ގޮވާލަމުންދާ ފަރާތްތަކަށްވެސް ރައްދެއް ދެއްވާފައެވެ. ޝިދާތާ ވިދާޅުވީ އެކަމަނާ މަގާމުން އިސްތިއުފާދެއްވައިގެން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ހުއްޓުވޭނެނަމަ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު އިސްތިއުފާދޭނަން މިވަގުތު އަޅުގަނޑު އިސްތިއުފާދީގެން ދެން އެއްވެސް ކުއްޖެއްގެ ސެކްޝުއަލް އެބިއުސް މައްސަލައެއް ނާންނާނެކަމުގެ ޔަޤީންކަން އޮވެއްޖެއްޔާ"، ޖެންޑާ މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް އެކިއެކި މައްސަލަތަކާ ގުޅިގެން މީޑިއާގެ ވަސީލަތްތަކުގައި ވާހަކަ ދައްކަވާފައިވާ ގޮތާއި މެދު ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާ ކަަމަށްވާ ފިޔަވަތީގެ ފުރާޅުގެ މައްޗަށް ކުދިން އަރައިގެން އުޅޭ މައްސަލައިގައި ޝިދާތާ ވަނީ އެއީ މާބޮޑު މައްސަލައެއް ނޫންކަމަށާއި، އެހެނިހެން ފަރާތްތައްވެސް ބޮޑުވެފައިވަނީ ފުރާޅަށް އަރައިގެންކަމަށް ބުނެފައެވެ.
މީގެ އިތުރުންވެސް ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ކިޔާ ކުއްޖަކު ގެއްލުނު މައްސަލައިގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދުވެސް ގިނަބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، މިފަދަ ތަންތަނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައެވެ.
ޝައިމް ގެއްލުނު މައްސަލައިގައި އޭނާ ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާކަމެއް އެ މިނިސްޓްރީން އެންމެ ފުރަތަމަ ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ކޯޓު އަމުރެއް މީސް މީޑިޔާގައި ލީކްވުމުން މިނިސްޓްރީން ވަނީ އެކަމަށް އެއްބަސްވެފައެވެ.
އެ މިނިސްޓްރީގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން މިނިސްޓްރީން ވަނީ އެއީ ކުޑަކުދިންގެ ހިޔާއާއި އެއް ކޮންޕައުންޑެއްގައި ހުންނަ އަމާން ހިޔާއިން ގެއްލުނު ކުއްޖެއްކަމަށް ބުނެފައެވެ. އަދި ޝައިމް ގެއްލުނީ އެސެސްމަންޓެއް ހެދުމަށް އެތަނުގައި ހުއްޓާކަމަށް ބުންްޏެވެ.
ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވަނީ ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާއިން ކަމަށެވެ.
މިއަދުގެ މުޒާހަރާގެ ބައިވެރިން ދިޔައީ މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވާލައި އެކަމަނާ ފޭލްވެއްޖެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މި މުޒާހަރާގައި ގިނައީ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ.
ގއ.ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިމާމަގެ މައްޗަށް ތުހުމަތުކުރެވިފައިވެއެވެ. މި މައްސަލައިގައި މިއަދު ހަވީރުގެ ވަގުތެއްގައި އެކުއްޖާގެ ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައެވެ.
ފޮޓޯ: ރާާއްޖެއެމްވީ
Advertisement
This content is created and paid for by advertisers and does not involve Voice Journalists