ރޭޕްގެ މައްސަލައިގައި ދެމީހަކަށް ކުރަނީ ޖިންސީ ގޯނާގެ ތުހުމަތު، އަނެކަކަށް އިހުމާލުވުމުގެ ތުހުމަތު

18 Jan 2020 | 15:21

ގއ. ކަނޑުހުޅުދޫ ދެ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު ކުރެވެނީ، ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކަކަށް ކަމަށް ފުލުހުން ބުނެފި އެވެ.

ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ދެ މީހަކަށް ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ އެކަކަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިޔަށްދާއިރު އެ ތުހުމަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިހުމާލުވި ކަމުގެ ތުހުމަތު ކުރަނީ ކާކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކުއްޖާ ރޭޕްކުރިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕަ އާއި ކާފަ، އަދި މުނިކާފައެވެ. އެނގިފައިވާ ގޮތުގައި ތުހުމަތުކުރަނީ ކާފަ އާއި މުނިކާފަގެ މައްޗަށެވެ.

އެމައްސަލައިގައި ކާފައާއި މުނިކާފަގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

82 އަހަރުގެ މުނިކާފައަކީ މީގެކުރިންވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާކޮށްފައިވާ މީހެކެވެ. ފުލުހުން މިއަދު ބުނީ، 2018 ވަނަ އަހަރު ޖޫން މަހު ހުށަހެޅުނު އެ މައްސަލައިގައި އޭނާ ހައްޔަރު ނުކުރަން ފުލުހުން ނިންމީ މައްސަލައަށާއި އޭނާގެ ހާލަތައް ބެލުމަށްފަހު ކަމަށެވެ.

ނަމަވެސް އެމައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމައްސަލައިގެ އަޑުއެހުމެއް ބޭއްވި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ކޮމެންޓް