ރެއާލް މެޑްރިޑް ފެންވަރު ދައްކާލައިފި

08 Nov 2018 | 08:16

ޗެންޕިއަންސް ލީގުގައި ވިކްޓޯރިއާ ޕްލެޒެންއައި ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑް 5-0 ކުން މޮޅުވެ ފެންވަރު ދައްކާލައިފިއެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 21 ވަނަ މިނެޓުގައި ކަރީމް ބެންޒީމާއެވެ. އެ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ރެއާލްގެ ދެވަނަ ލަނޑު ޖެހީ ޓޯނީ ކުރޫސް ނަގައިދިން ކޯނަރަކުން ކަސެމީރޯއެވެ.

ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް ބޭލް ދިން ބޯޅަ އަކުން ބެންޒީމާ ތިންވަނަ ލަނޑު ޖެހިއިރު ހަތަރުވަނަ ލަނޑު ޖެހުމުގައި ބޭލްއަށް އެހީތެރިވެދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެންޒީމާއެވެ.

ބެންޒީމާ މި މެޗުގައި ޖަހައިދން ލަނޑުތަކާއެކު އޭނާ މިހާރު ހިމެނެނީ ރެއާލްއަށް ހުރިހާ މުބާރާތަކުން 200 ލަނޑު ޖަހައިދިން ކުޅުންތެރިންގެ ތެރޭގައެވެ.

ދެވަނަ ހާފް ފަސޭހައިކޮށްލައިގެން ކުޅުންކަމަށް ފާހަގަކުރެވުން ރެއާލްގެ ފަސްވަނަ ލަނޑަކީ ވިނިސިއަސް ހުސްކޮށްލާފަ ދިން ބޯޅައަކުން ޓޯނީ ކުރޫސް ޖަހައިދިން ލަނޑެކެވެ.

މިގުރޫޕުގައި ސީއެސްކޭއޭ މޮސްކޯ އަދި ރޯމާ ބައްދަލުކުރި މެޗު 2-1 ކުން ކާމިޔާބު ކުރީ ރޯމާއެވެ.

ރެއާލް އަދި ރޯމާ ޗެންޕިއަންސް ލީގުގަ ދެން އޮތް މެޗުގައި ބައްދަލު ކުރާއިރު އެ މެޗުން އެއް ޕޮއިންޓް ހޯދައިގެންވެސް ރެއާލްއަށް ދެވަނަ ބުރު ކަށަވަރު ވާނެއެވެ.

ރެއާލް އަދި ރޯމާއަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު ގުރޫޕުގެ އެއްވަނަ ރެއާލްއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގަ ސީއެސްކޭއޭ މޮސްކޯ 4 ޕޮއިންޓާއެކު އޮތް އިރު ވިކްޓޯރިއާ ޕްލެޒެން އޮތީ 1 ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައެވެ. 

Advertisement

ކޮމެންޓް

Advertisement