5 ގޯލް ޖަހާ ޔުނައިޓެޑް ފެންވަރު ދައްކާލައިފި

13 Mar 2020 | 06:32

ޔޫރޯޕާ ލީގުގައި އޮސްޓްރިއާގެ ލާސްކް ކޮޅަށް ފަސް ގޯލު ޖަހާ ޔުނައިޓެޑް ފެންވަރު ދައްކާލައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހައި ގުޅިގެން 500 ސަޕޯޓަރުން ދަނޑަށް ވަނުމަށް ހުއްދަދީގެން ކުޅުނު މި މެޗު ޑޮމިނޭޓް ކޮށްފައިވަނީ ޔުނައިޓެޑުންނެވެ.

ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅު ހަމަލާތަކެއް އުފައްދަމުންދިޔަ ޔުނައިޓެޑަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެޓީމައި ގުޅުނު ނައިޖީރިއާގެ ފޯވަޑް އިގާލޯއެވެ. މިއާއެކު އިގާލޯ ވަނީ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅުނު ހުރިހާ މެޗެއްގައި ގޯލު ޖަހަމުންއައި ރެކޯޑް ދަމަހައްޓާފައެވެ. އިގާލޯގެ ގޯލާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 ކުން ޔުނައިޓެޑް ކުރީގަ އޮވެގެންނެވެ.

ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފުގައިވެސް އެޓޭކިން ގޭމެއް ކުޅެމުންދިޔަ ޔުނައިޓެޑުގެ ދެވަނަ ގޯލް ޑެނިއެލް ޖޭމްސް ކާމިޔާބު ކޮށްދިންއިރު އެޓީމް އިތުރަށް ހަމަޖެހިލީ މެޗުގެ ފަހު ދިހަ މިނެޓުތެރޭގައި މަޓާ ޖެހި ގޯލާއެކީގައެވެ. ޖޭމްސް ޖެހި ގޯލަކީ އޮގްސްޓް 2019 ގެ ފަހުން އޭނާ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ޔުނައިޓެޑުގެ ލީޑް އިތުރަށް ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ގްރީންވުޑް އަދި ޕެރެއިރާ ޖަހައިދިން ގޯލުތަކުންނެވެ.

ލީގުގައި އެންމެ ފަހުން ސިޓީއައި ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައަށް ޖުމްލަ ފަސް ބަދަލު ގެނެސްގެން މިމެޗަށް ނުކުތް ޔުނައިޓެޑުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޔުނައިޓެޑް ކާމިޔާބުކުރި ގޯލުތަކުގެ އިތުރުންވެސް އިތުރު ގޯލްތަކެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ލިބުނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަނަވަރީ ޓްރާންސްފާގައި ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަންއިން ޔުނައިޓެޑައި ގުޅުނު ބްރޫނޯ ފެނާންޑޭސްއެވެ. ޔުނައިޓެޑައި ގުޅުނުފަހުން ބްރޫނޯ ކުޅުނު ހުރިހާ މެޗެއްގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗް ޝޯލްޝާ ބުނީ މެޗާ ދޭތެރޭ ކުޅުންތެރިންގެ ފޯކަސް ވަރަށް ރަނގަޅު ކަމަށައި ކުޅުންތެރިންނަށް ތައުރީފް ހައްގު ކަމަށެވެ.

ލާސްކްގެ ކޯޗް ބުނީ ފެނިގެންދިޔައީ ޔުނައިޓެޑުގެ ކޮލެޓީ ކަމަށެވެ. ތަފާތު ބޮޑުކޮށް ބަލިވުމުން އޭގެން ދަސްކުރަންޖެހޭ ކަންތައްތަކެއް ހުންނާނެކަމަށްވެސް އޭނާވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ މި މެޗަށް ފަހު ލާސްކްއަށް ޔޫރޯޕާ ލީގް ނިމިއްޖެކަމަށްވެސް ބުނެފައެވެ.

ޔޫރޯޕާ ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޔުނައިޓެޑް ނުރުނު މިނަތީޖާއާއެކު އެޓީމް ދެވަނަ ލެގަށް ނުކުންނާނީ ހަމަޖެހިލައިގެންކަމަށް ގަބޫލުކުރެވެއެވެ.

ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވަނީ ލީގުގައި ޓޮޓެންހަމްއާއެވެ. މި ދެޓީމަކީވެސް އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ސްޕޮޓަކަށް ވާދަކުރަމުންދާ ދެޓީމެވެ. 

Advertisement

ކޮމެންޓް