ކޮވިޑް-19އަށް ފަރުވާދެމުންދިޔަ ދެމީހަކު ރަނގަޅުވެއްޖެ

21 Mar 2020 | 11:05

ދިވެހިރާއްޖޭގައި ކޮވިޑް-19އަށް ފަރުވާދެމުންދިޔަ ދެމީހަކު ރަނގަޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނެވެ.

އަމީން ވިދާޅުވި ގޮތުގައި މި ދެފަތުރުވެރިންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން މާލެއަށް ގެނެވި، ދަރުވަމަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެފަރާތެވެ. އޭގެ ތެރެއިން 70އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސްވެ، އޭނާގެ އޮކްސިޖަން ލެވެލް ހިފެހެއްޓުމަށްޓަކައި އޮކްސިޖަން ދޭން ޖެހުނުކަަމަށް މީގެ ކުރިން ވަނީ ހާމަވެފައެވެ.

އޭނާއާއި އޭނާގެ އަންހެނުންގެ ޓެސްޓް ނަތީޖާ ޑަބަލް ނެގެޓިވްކަމަށް ދެއްކުމުން އެ ދެމީހުންނަށް ފަރުވާ ދެވިފައިވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަަމަވެސް އެ ފިރިހެންމީހާގެ ނިއުމޯނިޔާ ހުރުމުން އޭނާ އިތުރު ދެ ހަފްތާއަށް އައިސޮލޭޝަންގައި ބަހައްޓާނެކަަމަށް ވަނީ ހާމަކޮށްފައެވެ.

އެ ފަރާތްތައް އަލުން އަނބުރާ ގައުމަށް ފޮނުވާނީ ދެ ހަފްތާ ފަހުން ޓެސްޓްކުުރުމަށްފަހުވެސް ކޮވިޑް-19 ނެތްކަން ޔަގީންވުމުންކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement