ބޭނުންވަނީ ތިން އިރު "ޝުކުރު" ދެންނެވުމެއްނޫން، މުސާރަ އާއި އިނާޔަތް އުނިކުރުމާދެކޮޅު: ސިއްހީ ހިދުމަތްތެރިން

14 Apr 2020 | 19:21

"އަޅުގަނޑުމެން، ސިއްހީ ޙިދުމަތްތެރިން ބޭނުންވަނީ ތިން އިރު "ޝުކުރު" ދެންނެވުމެއްނޫން. ރައްކާތެރި އަދި އުޅެވޭވަރުގެ ދިރިއުޅުމެއް.އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުުނިކުރުމާ "އަހަރެން ދެކޮޅު"" މިއީ މިމަހު 12 ވަނަ ދުވަހު ސަރުކާރުން ސިއްހީ ހިދުމަތްދެމުން އަންނަ އެންމެ ބޮޑު ހޮސްޕިޓަލްގެ މުވަޒަފުންގެ މުސާރަ އާއި އިނާޔަތައް ބޮޑު ބަދަލެއް މި މަހުގެ ގެނުވި "ކުއްލި" މެމޯ އާއި އެކު ސިއްހީ ހިދުމަތްތެރިން މީސްމީޑިއާގައި ފާޅުކުރަމުން އަންނަ ޝުއޫރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ޞާލިހް ޓެގްކުރައްވައި މި ޓުވީޓު ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މެމޯގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ނަރުހުން، ޑޮކްޓަރުން، ލެބް ޓެކްނީޝަނުން (ޑައިރެކްކޮށް ރިސްކަށް ހުށަހެޅޭ މުވައްޒަފުން) ހިމެނެއެވެ.


ކުއްލި މެމޯ: ބަންދު ދުވަސްތަކުގައި ޑިއުޓީ ކުރުމުން ލިބޭ އޯޓީ ކަނޑާލުން

ރައީސް އޮފީހުގެ ޔުނިޓެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާތަނަށް މުވަޒަފުން އަމަލުކުރުމަށް އޮންނަ އުސޫލްގެ ދަށުން ރަސްމީ ބަންދު ދުވަސްތަކަކީ "އެކްސްޓްރާ" ދުވަހެއް ގޮތުގައި ބަލައި، އެ ދުވަހުގެ މުޅި ޑިއުޓީ އަކީ އޯވާ ޓައިމް ގޮތުގައި އަންނަނީ ބަލަމުންނެވެ.

މީގެ ދެ ދުވަސްކުރިން، ކުއްލި ގޮތަކަށް މި އުސޫލަށް ބަދަލު ގެނެސް އައިޖީއެމް ހޮސްޕިޓަލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް އިން މިވަނީ މެމޯއެއް ނެރެފައެވެ.

އެގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން މާރޗް 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައި ވީނަމަވެސް، ނަރުހުންނަށް މުސާރަ ދިނުމަށް ނިންމާފައިވަނީ ރަސްމީ ދުވަސް ދުވަހުވެސް އަމަލުކުރާ ފަދައިން އެމުވަޒަފެއްގެ ޑިއުޓީ ގަޑީގެ މަސައްކަތް ކޮށްފައިވާ ގަޑިތަކަށްކަމުގައި އެ މެމޯގައިވެއެވެ. އެއީ ދުވާލަކު 8 ގަޑިއިރަށްވުރެން އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތުތަކަށް އަދި އެހެނިެން މުވަޒަފުންނަށް ދުވާލަކު 6 ގަޑިރަށްވުރެން އިތުރަށް މަސައްކަތްކުރާ ނަމަ އެވަގުތަށް އިތުރުގަޑި ދެވޭނެކަމަށެވެ.

މި ގެނެވުނު ބަދަލާއެކު ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ނަރުހުން، ޑޮކްޓަރުން، ލެބް ޓެކްނީޝަނުން (ޑައިރެކްކޮށް ރިސްކަށް ހުށަހެޅޭ މުވައްޒަފުން) އިތުރުން އިދާރީ މުވަޒަފުންނަށްވެސް މި މެމޯގެ ދަށުން މުސާރަ ކުޑަވެގެންދާނެއެވެ.

ސިއްހީ ހިދުމަތްތެރިން، ރަސްމީ ޑިއުޓީގައާއި ޑިއުޓީ ވަގުތު ނިމުމުން، ވޮލަންޓިއަރސް ގޮތުގައި ވޭތުވެދިޔަ 1 މސް، ދުވާލަކު 15-16 ގަޑި އިރު ތިޔަ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދާޔާ ހިލާފު ހިތްވަރެއްދަނީ ދައްކަމުންދާކަމަށް ސިއްހީ ހިދުމަތްތެރިންގެ ޓެރޭޑް ޔޫނިއަން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އެތަކެއް ކޭސްތަކެއް ރާއްޖެއިން ފެނިފައިވާ އިރު ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން އަންނަނީ މުޅި އައިޖީއެމް ހޮސްޕިޓަލްގެ އިތުރުން ހުރިހާ ކަރަންޓީން ފެސިލިޓީއެއްގައި ހަރަކާތްތެރިވަމުންނެވެ.

"ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ރިސްކް އެލަވަންސް ނުލިބޭ"

"ވޮއިސް" އަށް މައުލޫމާތު ދިން ސިއްހީ އެހީތެރިން ވިދާޅުވެފައިވާ ގޮތުގައި، އާއިލާ އާއި ދުރުގައި އެއްމަސް ދުވަހަކަށް ވުރެން ގިނަ ދުވަހު މަސައްކަތްކޮށްފައިވަނީ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެންކަމާއި، މިފަދަ ކަމެއްގައި ދޭން ޖެހޭ ރިސްކް އެލަވަންސް ވެސް ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދީފައިނުވާތާގައި ކުރިން އަންގާފައި ނުވާ ބަދަލެއް ސަރުކާރުން ގެނައުމުން މިއީ އެ ބޭފުޅުންގެ ގުރުބާނީ ސަރުކާރުން އަގު ވަޒަންކުރި ގޮތްތޯ ސުވާލު އުފައްދަވާފައެވެ.

ރާއްޖޭގައި ނުރައްކާތެރި ހާލަތްތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް މުސާރައިގެ އޮނިގަނޑުގެ ދަށުން ރިސްކް އެލަވްންސް އަންނީ ދެމުންނެވެ. އޭގެ ތެރޭގައި ޖަލު އޮފިސަރުން، ފުލުހުން، ސިފައިން ހިމެނެއެވެ. 

Advertisement

ކޮމެންޓް

Advertisement