ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް އަދިވެސް މަސައްކަތް ކުރަންވެފައި އެބަހުރި: ރައީސް މައުމޫން
ރާއްޖޭގެ ޖުމްހޫރީ ތާރީހުގައި ހިނގާފައިވާ ކަންތައްތަކުން ހާމަވަމުންދާ އެންމެ މުހިންމުކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް އަދިވެސް ގިނަ އަދި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ކަމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ވޭތުވެގެންދިޔަ ދިގު މުއްދަތުގައި، ތަފާތު އިމްތިހާންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިއުމާއި، ދެވަނަ ޖުމްހޫރިއްޔާ ގާއިމްކޮށް، އެ ނިންމާ، މަލްޓި ޕާޓީ ޑިމޮކްރަސީއެއް ހޯދަން ދިވެހިން ކުރި މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެއަށްފަހު ހިނގާފައިވާ ދިހަ އަހަރުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތުން ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް އަދިވެސް ގިނަ އަދި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެމަނިކުފާާނު ވަނީ ބަޔާންކުރައްވާފައެވެ.
ބަޔާން ނިންމަވާލައްވަމުން ރައީސް މައުމޫން ވަނީ މިވަގުތު މިތިބީ ސިޔާސީ ހަތަރު އަނގޮޅިއެއްގައިކަން ފާހަގަކޮށް، އާ ދައުރެއް ފެއްޓުމުގެ މަރުހަލާގައި ގިނަ ކަންކަން ކުރަން ޖެހިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ބޭފުޅާއެވެ. ރައީސް މައުމޫން ވަނީ ޖުމްލަ 5 އަހަރުގެ 6 ދައުރު ފުރިހަމަކުރައްވާ، 30 އަހަރު ރާާއްޖޭގައި ވެރިކަންކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists