ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރިސޯޓް މުވައްޒަފުންނަށް އެހީވުމާއި މެދު މަޝްވަރާކުރަނީ

17 Apr 2020 | 22:45

ކޮވިޑް-19ގެ ސަބަބުން މާލެ ލޮކްޑައުން ކުރި ހާލަތުގައި ރަށަށް ނުދެވި ތާށިވެފައި ތިބި ރިސޯޓް މުވައްޒަފުންނަށް އެހީތެރިވުމާއި މެދު ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެފިއެވެ.

މިއަދު ހަވީރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓް މުވައްޒަފުން ނޫނަސް، އެކި ކަހަލަ ދަތުރުތަކުގައި މާލެއަށް އައިސްފައިވާ ފަރާތްތަކުގެ ތަފާސް ހިސާބުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ މިފަދަ ފަރާތްތަކުން ތިބޭނީ އެކި ތަންތަނުން ކޮޓަރި ކުއްޔަށް ހިފައިގެންކަން ދެނެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމާއި މެދު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ސާދަ ދުވަހުގެ ކަރަންޓީން ނިންމުމަށްފަހު އަނބުރާ ރަށަށް ދިއުމަށް ގިނަ ރިސޯޓް މުވައްޒަފުން ވަނީ މާލެ އައިސްފައެވެ. މިގޮތަށް ގިނަ މުވައްޒަފުން މާލެއަށް އައިސްތިއްބާ މާލެ ވަނީ ލޮކްޑައުންގެ ހާލަތަކަށް ގޮސްފައެވެ.

މި ހާލަތުގައި އައި ބައެއް ފަރާތްތަކަކީ ނޯޕޭ ލީވްގައި އައި މުވައްޒަފުން ކަމުން އެފަރާތްތަކަށް ވަނީ ބޮޑެތި މާލީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

Advertisement

ކޮމެންޓް

Advertisement