ތައިލެންޑާއި ސިންގަޕޫރުގެ ހެޔޮއެދޭ ފަރާތްތަކުން ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފި

02 May 2020 | 12:43

ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ތައިލެންޑް އަދި ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

މިތަކެތި ރޭ ރާއްޖެ އައި މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ވަނީ ގެނެސްފައެވެ.

ރޭ ލިބުނު މެޑިކަލް އިކުއިޕްމަންޓްގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ހަދިޔާކުރި 5000 ޓެސްޓް ހިމެނޭ 25 ޓެސްޓް ކިޓާއި، ތައިލެންޑްގެ ޓްރެވަލް އެޖެންޓެއްކަމަށްވާ މޯލްޑިވްސް ޓްރެވަލް އެކްސްޕަރޓް ކޮމްޕެނީ ލިމިޓެޑްގެ ކޮންސަލްޓިންގ މެނޭޖަރ މިސް ތިޓިތިޕް ތަންޔަކުލްތިޕް ހަދިޔާކުރި 200 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި، އިތުރު 300 ޕީޕީއީ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މިއެހީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މި ދީލަތި އެހީތެރިކަމަށްޓަކައި ހެޔޮއެދޭ ފަރާތްތަކަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ.

އަންނަ ހަފްތާގައިވެސް ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ރާއްޖެއަށް ފޮނުވާ އިތުރު އެހީ ރާއްޖެއަށް ލިބޭނެއެވެ.

Advertisement

ކޮމެންޓް