އާބާދީގެ ނިސްބަތުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ތަކުގެ ލިސްޓުގެ 33 ވަނާގައި ރާއްޖެ

14 May 2020 | 05:28

ރާއްޖޭގައި ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑަކަށްވެފައިވާ އިރު. މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 1000 ގާތްވެފައެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތާބެހޭގޮތުން ސަރުކާރުން ހާމަކުރައްވާ މައުލޫމާތުތަކުގައި ރާއްޖެއިން މި ބަލި ކޮންޓްރޯލްކުރުމަށް ކުރަމުން އަންނަ މަސައްކަތް މިނެކިރައި އުޅެނީ ސަރަހައްދީ ޤައުމުތަކާއެވެ. އެގޮތުން ސާކު ސަރަހައްދުގައި ރާއްޖެއާއި ގާތް ކުރާ އަދަދަށް ކޮރޯނާ ވައިރަސްއަށް ޓެސްޓް ހެދުނު ގައުމެއް ނެތްކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން (އެންއޯއީސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ސަރަހައްދީ ގޮތުން ކަން މިހެންއޮތްކަމުގައި ވީނަމަވެސް އާބާދީގެ ނިސްބަތުން ކޮވިޑް-19 ގެ އަސަރު ރާއްޖެއަށް ކޮށްފައިވާ މިންވަރު ދެނެގަތުމަކީވެސް ވަރަށް މުހިންމުކަމެކެވެ.

ތަފާސް ހިސާބުތަކަށް ބަލާލާއިރު އާބާދީގެ ނިސްބަތުން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދަނީ ހާސްވާންޖެހޭ ފަދަ ހަލުވިމިނެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮވިޑުގެ ތަފާސްހިސާބުތައް އާބާދީގެ ނިސްބަތުން ބަލައިލާއިރު ރާއްޖޭ މިވަނީ އެ ލިސްޓުތަކުގެ ކުރީސަފުގައިއެވެ. ސާކުގެ ގައުމުތައް ބަލައިލާއިރު އާބާދީގެ ނިސްބަތުން ކޮވިޑަށް ޕޮޒިޓިވް މީހުން އެންމެ ގިނައީ ރާއްޖޭގައިއެވެ.

ނިސްބަތުން ބަލާއިރު އާބާދީގެ ކޮންމެ އެއްމިލިއަން މީހެއްގެ ތެރެއިން 1,545 މީހުންނަށް ނުވަތަ 0.155 އިންސައްތަ މީހުން ރައްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު މިއީ ސަރަހައްދުގެ އެހެން ގައުމުތަކުގެ އަދަދު ތަކާއި އަޅައި ކިރާއިރު ވަރަށް ތަފާތު ބޮޑު ފަރަގެކެވެ.

ސާކުގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ދޫކޮށް ޕޮޒިޓިވް މީހުން ދެން އެންމެ ގިނަ ޕާކިސްތާނުގައި އާބާދީގެ ނިސްބަތުން ޕޮޒިޓިވް ވެފައި ވަނީ މިލިއަނަކުން 133 މީހުން ނުވަތަ 0.013 އިންސައްތައެވެ. މިއީ ރާއްޖެއާއި ބަލާއިރު އެތައްގުނަ ދަށް އަދަދެކެވެ.

ސަރަހައްދުން އެންމެ ދަށުގައި އުޅެނީ ނޭޕާލެވެ. 29 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭފާލް އިން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އެންމެ 110 މީހުންނެވެ. އާބާދީގެ ނިސްބަތުން އެއީ ކޮންމެ އެއްމިލިއަނަކުން އެންމެ 4 މީހުންނެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުން މުޅި ސާކުގެ ހުރިހާ ޤައުމެއްގެ ކޭސްތައް އާބާދީގެ ނިސްބަތުން ބަލައިލިނަމަވެސް އޭގެ 78 އިންސައްތަ އެއީ ރާއްޖެއެވެ.

މިއާއެކު ދެކުނު އޭޝީއާގެ ހުރިހާ ގައުމުތަކަށް ބަލައިލާއިރުވެސް އާބާދީގެ ނިސްބަތުން ބައްޔަށް ޕޮޒިޓިވް މީހުން އެންމެ ގިނައީ ރާއްޖޭގައިއެވެ.

މުޅި އޭޝިޔާ ބައްރަށް ބަލައިލާއިރުވެސް ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން އަށްވަނައިގައި އޮތީ ދިވެހިރާއްޖެއެވެ. ރާއްޖޭގައި ބަލި މިހާރު ފެތުރެމުން ދާ ރޭޓުން ދާނަމަ ސަރަހައްދުން 7 ވަނަ އަށް ވަރަށް އަވަހަށް އަރާނެކަމަށް ބެލެވެއެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށް ބަލައިލާއިރު އާބާދީގެ ނިސްބަތުން ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ތަކުގެ ލިސްޓުގެ 33 ވަނައިގައި އޮތީ ރާއްޖެއެވެ. 

Advertisement

ކޮމެންޓް