Advertisement

ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގެއް ނުކުރެވޭނެ: ކައުންސެލަރ ޖެނެރަލް ފިލްޒާ

14 May 2020 | 16:18

މިހާރު ލޯކަލް ކައުންސިލްތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު، ވަކި ޚާއްސަ ގާނޫނަކުން އިތުރު ނުކުރެވޭނެކަމަށް ރަައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

ފިލްޒާ މިފަދައިން ވިދާޅުވީ ކައުންސިލަރުންގެ ދައުރު ދިގުކުރުމާއި ބެހޭގޮތުން ހުށައަޅާފައިވާ ވަގުތީ ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ގާނޫނީ ލަފަޔަކަށް އެދުމުން ދެއްވި ލަފާގައެވެ. މި ސަންސެޓް ގާނޫނުގެ ބިލް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ހަސަން ލަތީފެވެ.

މި ބިލާއި ގުޅިގެން ލާމަރުކަޒީ ކޮމެޓީއަށް ދެއްވި ލަފާގައި ފިލްޒާ ވިދާޅުވީ ގާނޫނު އަސާސީގައި ކަނޑައެޅިގެން މުއްދަތު ބަޔާން ކުރެވިފައިވާ ކަމެއްގެ ދައުރު، ވަގުތީ ގާނޫނަކުން އިތުރު ކުރެވިދާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސްގެން ދައުރު އިތުރުކުރެވިދާނެކަމަށް ފިލްޒާ ވިދާޅުވިއެވެ.

އެކަމަށް މިސާލެއްގެ ގޮތުން އެކަމަނާ ނެންގެވީ ގާނޫނު އަސާސީގެ 80 ވަނަ މާއްދާއެވެ.

ގާނޫނު އަސާސީގެ 80ވަނަ މާއްދާގައިވާ ގޮތުގައި ކުއްލިނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޢާންމު އިންތިހާބެއް ބޭއްވުމަށް ދަތިވެއްޖެނަމަ، މަޖިލީހުގެ ޢުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހުކުރުމަށް ތަންނުދޭކަމަށް ބުނެފައެވެ. މި ސަންސެޓް ގާނޫނުގެ ބިލް ހުށައެޅިގެންދިޔައީ އެއަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ. 

Advertisement

ކޮމެންޓް