ޑީޓީއާރްސީ ލޮކްޑައުންގައި އޮއްވާ ބައެއް މުވައްޒަފުން ބޭރަށް ނުކުމެ ހެދި!

17 May 2020 | 14:40

ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް މީހުން ހުއްދަނެތި ވަދެ ނިކުތުން މަނާކޮށްފައި ވަނިކޮށް، އެތަނުގެ ބައެއް މުވައްޒަފުން ހުއްދައަކާއި ނުލައި ބޭރަށް ނުކުމެ ހެދިކަން ހާމަވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީގެވެ.

ޑރ.ނަޒްލާ ވިދާޅުވީ ޑީޓީއާރްސީއަށް އެންމެފަހުން ބަޔަކު ގޮސްފައިވަނީ އެޕްރީލްމަހުގެ 13ވަނަ ދުވަހުގައި ކަމަށާއި، އެ ދުވަހު އެތަނަށް ހަތަރު މީހަކު ދިޔަކަމަށެވެ. ޑީޓީއާރްސީން މިހާތަނަށް ކޮވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި އެޕްރީލްމަހުގެ 13ވަނަ ދުވަހުގައި ދިޔަ ފަރާތެއްވެސް ހިމެނޭކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި އެޕްރީލް މަހުގެ 22ވަނަ ދުވަހުން ފެށިގެން އެތަނަށް މީހުން ވަދެ ނިކުތުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މެނޭޖްމަންޓަށް ނޭނގި ތަނުން ބޭރަށް ގޮސް، ރަށު ތެރޭގައި އުޅުނުކަން އެނގިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެއީ ކޮން ފަރާތްތަކެއްކަންވެސް ދެނެގަނެވިފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ޑީޓީއާރްސީން ދެފަރާތެއް ކޮންމެވެސް ވަރަކަށް ބަލިވެގެން ހެލްތު ސެންޓަރަށް ދިޔަކަންވެސް އެނގިފައިވާކަމަށް ޑރ.ނަޒްލާ ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރެއިން އެއް ފަރާތް ދިޔައީ ބޭސް އަޅަންކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިހާރު ހިންމަފުށި ވަނީ މޮނީޓަރިންގގެ ހާލަތަށް ލެވިފައެވެ. އަދި އެރަށުގެ އެކި ހިސާބުތަކުންނާއި ޑީޓީއާރްސީންވެސް ވަނީ ގިނަ އަފަދެއްގެ ސާމްޕަލްތަކެއް ނަގާފައެވެ.

Advertisement

ކޮމެންޓް