Advertisement

ރިސޯޓް ކުލި 6 މަހަށް ފަސްކުރެވި، ސަރުކާރު ފްލެޓްތަކާއި ބިންތަކުގެ ކުލި 6 މަހަށް ފަސްނުކުރެވުނީ ކީއްވެ؟

25 May 2020 | 21:58

"މި ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު، ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިޒޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް..." މިއީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޤައުމާ މުހާތަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ މަހުޖަނުންނަށް ދެވުނު އުފާވެރިކަމުގެ ހަބަރެކެވެ. ރިޒޯޓްތަކުގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލިވެސް ވަނީ ހަމަހަށް ފަސްކުރެވިފައެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ކުއްޔާސް ދޫކޮށްފައިވާ ތަންވެސް މީގެތެރޭގައި ހިމެނެއެވެ.

ރައީސްގެ ވާހަކަފުޅުގައި "އާދައިގެ ރައްޔިތުމީހާ"ގެ ދިރިއުޅުމަށް ބަދަލުއަންނަވަރުގެ ލުޔެއްގެ ވާހަކައެއް ދައްކަވާފައެއްނުވެއެވެ. އާއެކެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާ ދިނުމާއި، މަހުޖަނުންގެ ރިޒޯޓްތަށް ހިމެނޭގޮތަށް ކުންފުނިތަކަށް ދޫކުރާ ލޯންތަކަކީ ސަރުކާރުން މިހާލަތަށް ރައްޔިތުންނަށް ފޯރުކޮށްދިން ވަރަށް ބޮޑު ލުޔެކެވެ.

ރިސޯޓްތަކުގެ ކުލި 6 މަހަށް ފަސްކުރަން ސަރުކާރުން ނިންމަވާފައިވާ އިރު، ސަރުކާރުގެ ސޯޝަލް ހައުސިންގ ފްލެޓްތަކާއި، ބިންތަކުގައި ދިރިއުޅެމުންއަންނަ ފަރާތްތަކުގެ ކުއްޔަށް ސަރުކާރުން ދެވުނީ 30% ގެ ލުޔެއްކަން ފާހަގަކޮށްލަންޖެހެއެވެ. ފްލެޓްތަކުގައި އުޅެމުން އަންނަ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކާއެކުވެސް ކޮންމެ މަހަކު ސަރުކާރަށް ދައްކަން ޖެހޭ ކުލި 6 މަސްދުވަހަށް ކުޑަކުރެވޭގޮތަކަށް ސަރުކާރުގެ ސިޔާސަތު ކަނޑަ ނޭޅި، މަހުޖަނުންގެ ރިސޯޓްތަކުގެ ކުއްޔަށް ދެވުނު ބޮޑު ލުޔާއެކު ގިނަބަޔަކު މިވަނީ މާޔޫސްކަމަކަށް ވެއްޓިވަފައެވެ.

މާޔޫސްނުވާންވީ ކީއްވެގެންތޯއެވެ. ރާއްޖޭގެ ފަތުރުވެރިކަމުން ދިގުމުއްދަކަށް ބޮޑު މަންފާއެއް ލިބެމުން އައި މަހުޖަނުންގެ ރިސޯޓްތައް ކޮވިޑް-19 އާއިއެކު ކުޑަކަކޫމައްޗައް ތިރިކޮށްލީ ހީކުރިވަރަށްވުރެންވެސް އަވަހަށެވެ. ގޭގެ ކުލިދެއްކުމުގެ ޒިންމާ ނަގައިގެން ތިބި އެތަކެއް ބައެއް ވަޒީފާތަކުން ކުއްލި ގޮތަކަށްމިވަނީ ވަކިކޮށްފައެވެ.

ރިސޯޓްތަކަށް ސަޕްލައިކޮށްދެމުންއައި އެތަކެއް ފަރާތްތަކަކަށް ދޭންޖެހޭ ފައިސާ ރިސޯޓްތަކުން ނުދިނުމުގެ ސަބަބުން އެ ކުންފުނިތައް ބަނގުރޫޓުވެފައިވާއިރު، މޯލްޑިވްސް އިންލެންޑް ރެވެނިއުއަށް ދައްކަންޖެހޭ އެތަކެއް މިލިއަން ރުފިޔާ ރިސޯޓްތަކުން ދައްކާފައިނުވާ ވާހަކައަކީ، ހުދު ޓުއަރިޒަމް މިނިސްޓަރ ދައްކަވާ ވާހަކަފުޅެވެ.

ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި މުޅި ރާއްޖޭގައިވެސް ސަރުކާރުގެ ފްލެޓްތަކާއި ގޯތި ދޫކޮށްފައިވާ އިރު މިއިން ކަމަކަށް ރައީސް ޞާލިހް އަލިއަޅުއްވާލާފައި ނުވެއެވެ. ރާއްޖެގެ ދަނޑުވެރިކަން ސަޕްލައި ނުކުރެވި ދަނޑުވެރިންގެ ތަކެތި ވަނީ ހިލޭ ބަހައި، މީގެން އެތަކެއް އެއްޗެއް ހަލާކުވެފައެވެ. އެހެންކަމުން ރަށުގައި ތިބެގެން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔެއް ވާނަމަ މިއީ އެ ކުލި ފަސްކޮށްދެވޭނަމަ ފަސްކޮށްދެއްވަންވީ ވަގުތެވެ.

ކޮވިޑް-19 ގެ ތަދުމަޑުކަމާއެކު، މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތައް އަންނަނީ ބޮޑު ކުލީގައި ދިރިއުޅުމަށް ނުކުޅިދި ގެއިން ބޭރުވާންޖެހިފައެވެ. ގިނަބަޔަކު މިހާރުވެސް މަގުމަތިވެފައިވާއިރު، ނިމުނު ސަރުކާރުން 80،000 މީހުންނަށް އަމާޒްކޮށްގެން އަޅާ ނިމިފައިވާ 7000 ހިޔާ ފްލެޓްތަކުގެ މަސައްކަތް މިހާރުވަނީ މުޅިން ކަހަލަގޮތަކަށް ނިންމާލެވިފައެވެ. ރައީސް ޞާލިހް ގެ ވާހަކަފުޅުގައި މި ކަމަށް އެއްވެސް ވަރަކަށް އަލިއަޅުވާނުލައްވައި ދޫކޮށްލުން މިއީ މިހާރުގެ ރާއްޖޭގެ ހާލަތް މިނެކިރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަވާކަމެކެވެ. ސަރުކާރުގެ އަގުހެޔޮ ބޯހިޔާވަހިކަމަކީ މި ދަނޑިވަޅުގައި 80،000 މީހުނަނަށް މިކަމުން ސީދާ ފައިދާ ކުރާނެކަމެކެވެ. ސަރުކާރަށް ވެސް ލިބޭނެ ބޮޑު ލުޔެކެވެ.

ކުރިން ޖުލައި މަހަށް ފްލެޓްއަށް ވަންދަން ހަމަޖެހިފައިވާ މީހުން ވެއްދުމުގެ މަސައްކަތް ދެންކުރެވޭނީ ކޮވިޑް-19 އިން ސަލާމަތްވުމުންކަމަށް ރައީސް ޞާލިހްވަނީ މާރޗް 2020 ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

"މި ހިޔާ ފްލެޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގޮސް މިމަހުގެ ނިޔަލަށް މި އަންނަ މަހުގެ ކުރީކޮޅުގައި އެކަން ނިންމާލެވޭ ވަރަށް ގޮސްގޮސް އޮއްވައި، މިކަން މިދިމާވީ އަޅުގަނޑުމެންނަށް. މިވަގުތު އޮތީ އިހަށް މަޑުޖައްސާލާފައި. އަޅުގަނޑު ހިތުން ދެ ސެކްޓަރއެއްކަންނޭނގެ މިހާރު ނުނިމި އޮތީ އިނގޭތޯ؟ އޭރުން އެނިންމާލެވުނީސް އަޅުގަނޑުމެންނަށް މަހެއްހާ ދުވަސް ލިބުނުނަމަ. އޭރުން އެކީގައި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނަށް އެ އޮންނަ ޝަރުޠުހަމަވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ފެށުނީސް. އެހެންނަމަވެސް، ޑިލޭއެއް މިކަމުގައި އަތުވެއްޖެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިކަން ހަމަ ނިމުމާ އެކީގައި އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. މިހާރު ފްލެޓްތައް އެހުރީ ނިމުމުގެ މަރުޙަލާގައި. އަދި އެކަމަކު މުޅިއަކުން ނެތް މީހުން ވަންނަ ހިސާބަކަށް ނުދޭ. އެހެން ނަމަވެސް އެ މަސައްކަތް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް މިކޮޅުން ނިންމައި، އެ ލިބޭ ފަރާތްތައް ކަނޑައެޅިގެންދާނެ. ދެން ޕޭމަންޓަށް އަދި އަޅުގަނޑުމެން ދައްކަންޖެހޭ ޕޭމަންޓަށް ބަދަލެއް ގެނައުމުގެ ގޮތްތަކެއް އަދި ނުނިންމަން." ރައީސް ޞާލިހް ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.

އެހެންކަމުން އިޤްތިސާދީ މި ދަތިހާލަތުގައި ރައްޔިތުމީހާ އުފުލާތަކުލީފް ސަރުކާރުގެ ސަމާލުމަަށް ގިނަ ރައްޔިތުން މިވަނީ މި އަޑު މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އުފުލަންފަށާފައެވެ. މިކަމުގައި ސަރުކާރުން އަވަސް، ހަރުދަނާ، އަދި އާދައިގެ ރައްޔިތު މީހާއަށް ސަރުކާރުގެ ބާރުގެ ދަށުގައި ހުރިކަންކަމުން ލުއިދެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމަކީ ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. މަހުޖަނުންނަށް ދެވޭ ލުޔާ ގާތަށްވެސް އާދައިގެ ރައްޔިތުމީހާއަށް ލުއި ނުދެވޭކަމަކީ ރައީސް ޞާލިހްގެ ވާހަކަފުޅުން ދޭހަވިއެއްކަމެވެ. 

Advertisement

ކޮމެންޓް