Advertisement

އިރާދަކުރެއްވިއްޔާ މިމަސް ނިމޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކޮންމެވެސް މިންވަރަކަށް ޓެސްޓްކުރެވޭނެ: މަބްރޫކް

22 May 2020 | 10:37

އިރާދަކުރެއްވިއްޔާ މިމަސް ނިމޭއިރު ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްްދެއްގައިވެސް ކޮންމެވެސް މިންވަރަކަށް ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލްކަން ހުންނާނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަބްރޫކް ވިދާޅުވީ ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުން އުވާލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗަށް ގެނެވުނު އާ މެޝިނާއި އޭޑީކޭ ހޮސްޕިޓަލްގައި ގާއިމްކުރެވުނު މެޝިނާއި އެކު މިހާރުވެސް ބައްޔަށް ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވޭނެ ނިސްބަތް އިތުރުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އިތުރު ދެ މެޝިނެއް އައުމުގެ މަގުމަތީގައިވާކަންވެސް އެބޭފުޅާ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ސަރަހައްދީގޮތުން ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ހޯދަންޖެހޭ މެޝިނަރީތައް ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި، އިރާދަކުރެއްވިއްޔާ މިމަސް ނިމޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކޮންމެވެސް މިންވަރަށް ޓެސްޓް ކުރެވޭނެ ކެޕޭސިޓީ ގާއިމްވެގެން ދާނެކަމަށެވެ. 

މަބްރޫކް ވިދާޅުވިގޮތުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުން އުވާލުމުގެ މަސައްކަތްކުރާއިރު ބަލާނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލަފަޔަށެވެ. އަދި އިތުރު ފިޔަވަހިތަކަށް ހުޅުވާލާނީ ބޭނުންވާ މިންވަރަށް ތަކެތި ހުރިކަން ޔަގީންވުމުން ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement