Advertisement

އެޖެންޑާ19 އަށް އެއް އަހަރު: އެމްޑީޕީގެ އިންސާފުވެރި ފަނޑިޔާރުގެއަށް ނަޒަރެއް!

28 May 2020 | 10:52

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ނުކުތީ، އެޖެންޑާ ނަވާރައިގެ ނަމުގައި މެނިފެސްޓޯއަކާއި އެކުއެވެ. އެޖެންޑާ ނަވާރައިގެ މައިގަނޑު ސިޔާސަތަކީ ނުވަތަ އެމްޑީޕީގެ ބަހުން ނަމަ މައިގަނޑު ވަޢުދަކީ "އިންސާފު" ހޯދައިދިނުމެވެ. ދިވެހި ރައްޔިތުންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމެވެ. މިއީ އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީގެ މައިގަނޑު ވާހަކައެވެ.

ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނީ ވައްކަންކުރި މީހުން ޖަލަށް ލައިގެން: ރައީސް

1 އޭޕްރިލް 2019 ވަނަ ދުވަހުގެ ރެއެވެ. ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މަޖިލީސް ތަމްސީލުކުރައްވާ މެންބަރުގެ އިތުރުން އެ ކޮމިޝަނުގެ މިހާރުގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ހިސާން ޙުސެއިންގެ ކެމްޕެއިން ޖަލްސާއެކެވެ. ވާހަކަފުޅު ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވާހަކައިގެ އަމާޒުވެސް ހުރީ، އިންސާފު ގާއިމްކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

"ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވެ، އިންތިޚާބުގައި ވެރިކަން ބަދަލުކުރީ އޭރުގެ ސަރުކާރުގައި ހުރި ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން. އަދި އަންނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު ބޭނުންވަނީ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރި މައްސަލަތައް ބަލައި، ވަކި ފަރާތަކަށް ބުރަ ނުވެ، އިންސާފު ގާއިމްކޮށްދޭނެ ޝަރުއީ ނިޒާމެއް ހޯދަން. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅިވިއެވެ.

ފަނޑިޔާރުން ލަދު ގަންނުވާނުލަނީސް އިސްލާހެއް ނުވާނެ: ނަޝީދު

އެހެން ކަންމަތީ ކެމްޕެއިން ޖަލްސާއެއް އޮތް ދުވަހެކެވެ. އެމްޑީޕީގެ ޓިކެޓްގުގައި މައްޗަންގޮޅީ ގޮނޑިއަކަށް ވާދަކުރެއްވައި މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދެވީ މާފަން އުތުރަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ މިހާރު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީއަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އަދި ނާއިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ރައީސް ނަޝީދުގެ ވާހަކަފުޅުވެސް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ފަނޑިޔާރުގެ އިސްލާޙުކުރުމަށެވެ.

"މިވާހަކަ ސާފުކޮށް ބުނެނުދީ، މުޅި ރާއްޖޭގެ ރައްޔިތުން އެ ފަނޑިޔާރުން ލަދު ނުގަންނަވާ ހިނދެއްގައި އަޅުގަނޑުމެންގެ ފަނޑިޔާރުގެއެއް ރަނގަޅެއް ނުވާނެ، އެއްވެސް ބޭފުޅެއް މިކަމަށް ޖެހިލުންވެ ވަޑައިގެންފިނަމަ އަޅުގަނޑުމެން އެއްމެން ހަލާކު ވާނެ. އެންމެން އެކުގައި ތިބެ މިކަމަށް ކުރިމަތި ލައިގެން މިކަން އިސްލާހު ކުރިއްޔާ ނޫނިއްޔާ އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކެއް އިސްލާހެއް ނުވާނެ" 18 މާރޗަ 2019 ގައި ބޭއްވުނު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން ބުނީ ފަނޑިޔާރުގެ އިސްލާހު ކުރަން ބޭނުން ކަމަށް

ފަނޑިޔާރުގެ އިސްލާހު ކުރަން އެމްޑީޕީން ދެއްކި ވާހަކަތައް ރައްޔިތުން ގަބޫލު ކުރިކަމާއި، އެ ކަމަށް ރައްޔިތުން އެދިއެދި ތިބިވަރު އެނގުނީ ވޯޓުގެ ނަތީޖާއިން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ފަސްދޮޅަސް ފަސް ގޮނޑި އެމްޑީޕީއަށް ދިނީ ރައްޔިތުން ބޭނުންވާ އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދަން ބޭނުންވާތީއެވެ. ވޯޓުގެ ނަތީޖާއާއި އެކު ރައީސް ނަޝީދު، ހެންވޭރުކޮޅުގައި ދެއްކެވި ވާހަކައިން ތަންކޮޅެއް އަނެއްކާވެސް ކޯޓުކޮށްލާނަމަވެ.

"ރާއްޖެ އަލިވިލެން މިދަނީ މާ އުފާވެރި ފަތިހަކަށް. ރަން ރީންދޫ އިން ޖަރީވެފައިވާ ފަތިހަކަށް. ރާއްޖޭގެ ރައްޔިތުންގެ އުންމީދީ ފަތިހަކަށް. ތިޔަބޭފުޅުންގެ ހަވާލުކޮށްދެއްވާފައިވާ މަސައްކަތް އަކުރުން އަކުރަށް، ރަނުން ރަނަށް ކޮށްދޭނަން". ނަޝީދު ވިދާޅުވިއެވެ. ކޮންމެއަކަސް ދެން އޮތް ސުވާލަކީ، ރައީސް ނަޝީދު އެ ވިދާޅުވި ގޮތަށް ރަނުން ރަނަށް ރައްޔިތުން ހަވާލުކުރި މަސައްކަތް މަޖިލީހަށް ކުރެވޭތޯ މި ސުވާލެވެ.

މެނިފެސްޓޯގައި އޮތީ ކީކޭ؟

މިހާ ހިސާބުން މި ބަލާލަނީ އެމްޑީޕީގެ މެނިފެސްޓޯ ނުވަތަ އެޖެންޑާ ނަވާރައިގާ އޮތީ ކީކޭތޯއެވެ. ޝަރުޢީ ދާއިރާގެ އޮނިގަނޑު ބަދަލުކުރަން އެޖެންޑާ ނަވާރައިގާ ކުރާނެ ކަމަށް އެމްޑީޕީން ވައުދުވެފައިވާ ކަންކަމަށް ބަލާލާއިރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަދައި، އެތަނަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހޭ، ވަކި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ތަނަކަށް ހަދާނެ ކަމަށް ވައުދުވެފައިވެއެވެ. އަދި ކޯޓުތަކުގެ ރެޖިސްޓްރާއިންނަކީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރާ ބަޔަކަށް ހަދާނެ ކަމަށާއި، ރެޖިސްޓްރާއިންގެ ދައުރު ބޮޑުކޮށް ބާރުތަކެއް ދިނުމަށް ވައުދުވެފައިވެއެވެ. 

މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ޤާނޫނީ އޮނިގަނޑުގެ ތެރެއިން

މި ގޮތުން ފަނޑިޔާރުންގެ ދައުރެއް ނެތި މައްސަލަތައް ބަލައިގަތުމުގައި ރެޖިސްޓްރާ ގޮތް ނިންމުމާއި، ފަނޑިޔާރުންގެ ބެންޗު ވަކިތަރުތީބަކުން ޓްރާންސްޕޭރަންޓްކޮށް ކުރުމަކީ ރެޖިސްޓްރާއިންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާނެ ކަމަށް ބުނެފައިވެއެވެ. 


މީގެ އިތުރުން އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ބަދަލު ކުރުމާއި، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ނުބެލޭ ގޮތް ހެދުމާއި، ރާއްޖޭގެ ދެކޮޅުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވާލާ، ޑިސްޓްރިކްޓް ކޯޓުތަކެއް ހެދުމުގެ ވާހަކައިގެ އިތުރުން ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ޖުޑީޝަލް ސަރވިސް ކޮމިޝަން ފަންކްޝަން ކުރާ ގޮތުގެ ވާހަކަވެސް ހިމެނެއެވެ.

މެނިފެސްޓޯގައިވާ ގިނަ ވާހަކަތަކަކީ، ނުވަތަ ވައުދުތަކަކީ ކުރީގެ ތަޖުރިބާގެ އަލީގައި ކޮންމެހެންވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ރައްޔިތުންވެސް ގަބޫލުކުރާނެ ރަނގަޅު ވާހަކަތަކެކެވެ.

އަހަރެއްވީ އިރު ނަތީޖާ ހާސިލްވީ ކިހާވަރަކަށް؟

މިހާ ހިސާބުން މި އަންނަނީ ރައްޔިތުން އެޖެންޑާ ނަވާރައަށް މާކްސްދޭ ހިސާބެވެ. ވައުދުވީ ކަންތައްތަކުގެ ތެރެއިން ހާސިލްވީ ކިހާ މިންވަރެއްތޯ އަދި ނުވާނަމަ ނުވެ އޮތީ ކީއްވެގެން ކިހާ ހިސާބެއްގައިތޯ ސުވާލު ކުރެވޭ ހިސާބަކީ މިއީއެވެ. އެކަމަކު އޭނގެ ތަފްސީލަށް ދިޔުމުގެ ކުރިން، ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރާއި އެކު ކުރިން ތިއްބެވި ފަސް ފަނޑިޔާރުން މިހާރު ބަދަލުވެފައިވާކަން ފާހަގަ ކުރަން ޖެހެއެވެ. މި ދެންނެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން މަޖިލިސް ނަވާރައިންވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ތިބޭ ފެންވަރުގެ ބައެއް ކަމަށް ނުފެންނާތީ މަގާމުން ވަކިކޮށްފައެވެ.

ބާކީ ހުންނެވި ފަނޑިޔާރު ނެންގެވީ ސްމާޓް މޫވްއެކެވެ. ކޮޅު ބަދަލުކޮށްލާ، ރިޓަޔަމަންޓް ޕެކޭޖަކާއި އެކު މަގާމުން އިސްތިއުފާ ދެއްވީ އުމުރުގެ ބާކީ ބައި ސަރުކާރަށް ބަލަދު އަރާގޮތަށެވެ. ޑީލެކޭ މި ދެންނެވީ ޖޭއެސްސީން މި ދެންނެވި ފަނޑިޔާރުގެ މައްސަލަތަކެއް ބަލަމުންދަނިކޮށް ޕެކޭޖްދީ މަގާމުން ވަކިކޮށްދިނީމައެވެ. އަދި މި ދެންނެވި ފަނޑިޔާރު މަގާމުން ރިޓަޔަރކުރުމަށް ފަހު، މައްސަލައެއް ބަލަމުންދާ ފަނޑިޔާރަކަށް ރިޓަޔަމެންޓް ނުލިބޭ ގޮތަށްވެސް ހެދީމައެވެ.

މަޖިލިސް ނަވާރައިން އެންމެ ފުރަތަމަ އިސްލާހުކުރި ޤާނޫނުތަކުގެ ތެރޭގައި ކޯޓުތަކުގެ ޤާނޫނު ހިމެނެއެވެ. ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރި އިރު، އެ ކޯޓުގައި ޤާނޫނުގައި ބުނާ އަދަދަށް ފަނޑިޔާރުން އަދިވެސް ހަމައެއް ނުވެއެވެ. ދެހާސް ނަވާރަވަނަ އަހަރުގެ ޖުލައި މަހުގެ ތޭވިސްވަނަ ދުވަހު އަމަލުކުރަން ފެށި މި ދެންނެވި ކޯޓުތަކުގެ ޤާނޫނުގެ އިސްލާހުގައިވާ އަދަދަށް ސުޕްރީމް ކޯޓުގައ ފަނޑިޔާރުން ނެތި ދިހަ މަސް ދުވަސްވީއެވެ. މިކަމުގެ ޒިންމާ ގައިމުވެސް އުފުލުން ޖެހޭނީ ރައްޔިތުންނެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ. ރައްޔިތުންގެ މަޖިލީސް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިކަމުގައި ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެއެވެ.

ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ޖެހޭ ޒާތުގެ ބައެއް މައްސަލަތައް ހުރެއެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗު ހަމަ ނުވެ ދިހަ މަސް ދުވަސް ވެގެން މިދަނީ، އަމިއްލައަށް ޤާނޫނު ހަދައި، އެ ޤާނޫނު ތަސްދީޤުކޮށް އެކަމަކު އެއަށް އަމަލުނުކޮށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން ކޮބާ؟

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭ ކަން އެންމެންވެސް އެއްބަސްވެއެވެ. އެކަމަކު އެކަން ކުރާނީ ކޮން އިރަކު ކިހިނެތް ކަމެއް އެއީ ނުދައްކާ ވާހަކައެވެ. ނުދައްވާ ވާހަކަ ބާއްވާ، ދެއްކެން ހުރި ނުވަތަ ދައްކާ ވާހަކަތައް ދައްކަމާ ބަހީއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަޖިލިސް ނަވާރައިން ގެނައި އެއް އިސްލާހަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ވާހަކައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން، ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައި، މަޖިލިސް ނާއިބު ރައީސްކަމުގައި އީވާ އިންނަވައި، މެޖޯރިޓީ ލީޑަރުކަމުގައިވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުވެސް އިންނަވައި، ޖުޑިޝަރީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައިވެސް ފުރިހަމަ އަޣްލަބިއްޔަތު އޮވެ، އެމްޑީޕީން އިސްލާހުކޮށް، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ތަސްދީޤު ކުރެއްވި އިސްލާހަކީ އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތާއި ކަނޑައެޅިގެން ޚިލާފު އިސްލާހެކެވެ.

ކުރިންވެސް ދެންނެވި މެނިފެސްޓޯގައި އޮތީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަދައި، އެތަނަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހޭ، ވަކި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ތަނަކަށް ހަދާނެ ކަމަށް ހަދާނެ ވާހަކައެވެ.

އެކަމަކު ބާރު ލިބުމުން، މެނިފެސްޓޯގައި އޮތްގޮތް ހަނދާން ނައްތާލައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށަށް ގެނައީއެވެ! ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އެތައް އޮތުމުން ކަމުނުދިޔަ އެމްޑީޕީއަށް އެކަން މިހާރު ހަނދާންވެސް ނެތި ޖޭއެސްސީގެ ދަށަށް އެތައް ގެނައުން އޯކޭވީއެވެ.

އޯކޭވިއްޔާ އެންމެންނަށްވެސް އޯކޭއެވެ. އެކަމަކު އޯކޭ ނުވާ ހިސާބަކީ މިއީއެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އިސްލާޙުކޮށް، އެމްޑީޕީއަށް ނިސްބަތްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީޤު ކުރެއްވި ޖޭއެސްސީގެ ޤާނޫނަށް އިސްލާހު ގެނައުނުގެ ޤާނޫނު ބުނާ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓޭޓަރެއް އައްޔަން ކުރަންޖެހެއެވެ. އައު ޗީފެއް އައްޔަން ކުރެވެންދެން އޭރު ހުރި ޗީފް ހުރެވޭނެ ކަމަށް ޤާނޫނުގައި ބުނެފައި އޮތް ނަމަވެސް، އައު ޗީފެއް ހޯދަން މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންވެސް ކުރިއެވެ. އައު ޗީފެއް ހޯދަން އިއުލާން ކުރިތާ ފަސް މަސްވެގެން ދިޔައިރު، ޤާނޫނަށް އަށް މަސްވީ އެވެ. ޖޭއެސްސީއަކަށް އެކަމެއް އަދި މިހާތަނަށްވެސް ނުކުރެވޭއިރު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް، ވެރިކަން ބަދަލުވީ އިރުވެސް ހުންނެވި ޗީފް އަދިވެސް ހުންނެވީއެވެ. އޭނާ އެ މަގާމުގައި ބަހައްޓަން ޖޭއެސްސީން ބޭނުންނަމަ ކުޑަ މިނުން އިޖުރާއަތުތައް ފުރިހަމަކޮށްލާ، ރަސްމީކޮށް މަގާމު ހަވާލުކޮށްފައި ބަހައްޓާލުންވެސް މާ ރަނގަޅުވެފައި، ޤާނޫނާއި އެއްގޮތަށް އަމަލުކުރެވުނީއެވެ.

ދެން އޮތީ ޖޭއެސްސީގެ މަސައްކަތްތަކުގެ ވާހަކައެވެ. މީގެ މާ ބޮޑު ތަފްސީލަކަށް ނުދިޔަސް، ސުޕްރީމް ކޯޓު ފިޔަވައި ދެން ހުރި ކޯޓުތަކަށް ބަލާއިރު އަމިއްލައަށް އިސްތިއުފާ ފިން ފަނޑިޔާރުން ނޫނީ ހަމަ މަގާމުގައި އެތިބީއެވެ. ދެ މެޖިސްޓްރޭޓަކު ވަކި ކުރިކަން އެކަމަކު ފާހަގަކޮށްލަން ވާނެއެވެ.

އެންމެ މަތީ ކޯޓުގެ ދެ މަގާމު ހުސްކޮށް އޮތް އިރު، ދެން ހުރި ކޯޓުގައި އެ ތިބީ ކުރިންވެސް ތިބި ފަނޑިޔާރުންނެވެ. ހައިކޯޓުގެ އިސްފަނޑިޔާރުގެ ހައެއްކަ މައްސަލަ ޖޭއެސްސީން ނުބަލާއިރެއް ނުދެއެވެ. ވަގަށް ނަގައި މަރާލާފައިވާ ރިލްވާނުގެ މަރުގެ މައްސަލައިގާ ސަސްޕެންޑް ކުރި ފަނޑިޔާރުވެސް ސަސްޕެންޝަންގައި ހުންނަތާ އަށެއްކަ މަސްވީއިރު، ޚިދުމަތް ނުލިބި ދައުލަތުން އެ ފަނޑިޔާރަށްވެސް ބަރާބަރަށް މުސާރަ ދެމުންދަނީއެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގާވެސް ފަނޑިޔާރަކު ސަސްޕެންޝަންގައި ހުންނަތާ ފަސް މަސް ވީއިރު މައްސަލައެއް ނުހިނގައެވެ.

ރައީސް ޔާމީން އެކަނި ޖަލުގައި އޮތުމުން އިންސާފު ނުލިބޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެ، ޒިންމާއިން ރެކެން މަސައްކަތް ކުރައްވާއިރު، ޖޭއެސްސީގައި ފުނި ޖެހިފައިހުރި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު ނޭޅޭހާ ހިނދަކު އިންސާފުވެރި ފަނޑިޔާރުގެއެއް ނުލިބޭނެ އެވެ. ވާހަކަ ދެއްކިއްޖެއެވެ. ވައުދު ވެވިއްޖެއެވެ. ދެން އަމަލުން އެކަން ދައްކާށެވެ. އެމްޑީޕީގެ އިޚްލާސްތެރިކަމަށް ރައްޔިތުން ރިޕޯޓް ދޭނީ ދެން އޮންނަ އިންތިޚާބެއްގައެވެ. 

Advertisement

ކޮމެންޓް

Advertisement