ޒަކިއްޓެގެ ކަންތަކުގައި ޢަލީ ރަމީޒުގެ ކޮމެންޓަކީ ކޮބާ؟

01 Jun 2020 | 18:13

ފާއިތުވި ދެދުވަހު ރާއްޖޭގެ މީސްމީޑިއާ ފުރާލާފައިވަނީ ލަވަކިޔުންތެރިޔާ ޒަކިއްޓެއާއި ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ، އަދިވެސް ދިވެހިންގެ ހިތްތަކުގައި ރަސްކަންކުރާ، ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ވާހަކަތަކުންނެވެ. އެތައް ދިވެހިންތަކެއް ހިޔާލު ފާޅުކުރަމުން އަންނަ މިނިވަން ޓުވިޓާގެ "ޓްރެންޑިންގ" އަށް ޢަލީ ރަމީޒް އަރާފައިވަނީ މޯލްޑިވިއަން އައިޑޮލް އިން ތައާރަފުވެ، ގިނަ ބަޔަކަށް އެނގުނު ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގެ ސަބަބުންނެވެ.

ޒަކިއްޓެ ސޯޝަލް މީޑިއާގައި އަލީ ރަމީޒުގެ ލަވަތަކާ ގުޅޭގޮތުން ބުނެފައިވަނީ އަލީ ރަމީޒުގެ ލަވަތަކުގެ 80 ޕަސެންޓު ލަވަތަކަކީ ކޮންމެވެސް އާޓިސްޓެއް ކޮޕީކޮށްގެން (އިރާލައިގެން) އުފައްދާފައިވާ ލަވަތަކެއްކަމަށެވެ. އޭގެ ފަހުން އެ ޕޯސްޓުގެ އިތުރަށް ކޮމެންޓުކުރަމުން އަލީ ރަމީޒް އަކީ "ޓީވީއެމުން އުފެއްދި ޕަޕެޓެއް" ކަމަށްބުނެފައެވެ.

މިއާއެކު މުޅި އިންޓަނެޓްގެ އެކި މީޑިއަމްތަކުގައި ޒަކިއްޓެއާ ދެކޮޅަށް ތަފާތު ވާހަކަތައް ދައްކަން ފަށައި އޭނާއަށް މަލާމަތްކުރަން ހެދުމުން އެންމެފަހުން އޭނާ ވަނީ މީސް މީޑިއާ އެކައުންޓުތައް ޑީއެކްޓިވޭޓްވެސް ކޮށްފަ އެވެ.

ޒަކިއްޓެ އެކައުންޓުތައް އެކްޓިވޭޓް ކުރުމަށްފަހު ޒަކިއްޓެ އިއްޔެ ބުނެފައި ވަނީ އަލީ ރަމީޒުގެ ލަވަތަކަކީ ކޮޕީއެއް ކަމަށް ބުނެފައިވާ ވާހަކީއަކީ ގޯސް ވާހަކައެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެއަށްފަހު އޭނާ ދެއްކި ވާހަކަތަކަކީ އެހާ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ޒަކިއްޓެ ބުންޏެވެ.

މިހިސާބުން ދެންޖެހިލާނީ ޒަކިއްޓެ ދިފާޢު ކުރާ ވާހަކައަށެވެ. އާއެކެވެ. 2003 ވަނަ އަހަރު ލަވަކިޔުން ހުއްޓާލާފައިވާ ޢަލީ ރަމީޒްގެ ގިނަ ލަވަތަކަކީ ކޮޕީ ރާގުތަކަށް ކިޔާފައިވާ ލަވަތަކެވެ. އެއީ އޭރުގެ ޓްރެންޑެވެ. އޭރުގެ މަޝްހޫރު ހުރިހާ އާޓިސްޓުންގެ ކިޔާފައިވަނީ ކޮޕީ ރާގުތަކެވެ. އާމްދަނީއަށް މި ފަންނާނުން ކުރަމުން އައި މި މަސައްކަތުގެ ޑިމާންޑަށް ބަލާ އިރު އޭރު މުޅި ރާއްޖެވެސް އޮތީ ކޮޕީ ރާގުގެ ނޫންއެއްޗެއް އަޑު އަހާކަށްނޫނެވެ. މިއީ ލަވަކިޔުންތެރިޔާ ބޭނުން ނުވި ވިކަމުގައި ވީނަމަވެސް، މާކެޓްނެތް ކަމެއްކަމުން ލަވަކިޔުންތެރިން ލައްވައި ލަވަކިޔުއްވައި ލަވަ ނެރޭ ޕްރޮޑޮއިސަރުން ވެސް ކޮޕީ ރާގަށް ލަވަކިޔުއްވަނީއެވެ.

ދެން މިޖެހެނީ އޭރާއި މިހާރު ލަވަކިޔުންތެރިން އާމްދަނީ ހޯދުމަށް ކިޔައިއުޅެނީ އަމިއްލަ ރާގުގެ ލަވަތައްތޯ ބަލާލާށެވެ. ބަދަލު ނުވާ ހަޤީގަތަކީ ޢަލީ ރަމީޒް ފަދައިން މިއަދުވެސް ލަވަކިޔުން ތެރިން އާމްދަނީ ހޯދަނީ ކޮންމެވެސް އާޓިސްޓެއް ކޮޕީކޮށްގެން (އިރާލައިގެން) އުފައްދާފައިވާ ލަވަތައް ކިޔައިގެންކަމެވެ. ދިވެހި މިއުޒިކީ ފަންނާނުންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓް މިއުޒިކުންކަމަކީ މިއަދު ދެބަސްވެވޭނެކަމެއްނޫނެވެ. ރިސޯޓްތަކުން އެދެނީވެސް ކޮޕީ ރާގުތަކަށް ނުވަތަ މަޝްހޫރު ފަންނާނުންގެ ކަވާ ލަވަތައް ކިޔުމަށެވެ. ފަތުރުވެރިންގެ ޑިމާންޑްވެސް އޮތީ މިހެންނެވެ. މަޝްހޫރުކަންވެސް ލިބެނީ ހަމަ އެ ކޮޕީ ލަވަތައް ކުޅެގެންނެވެ. ސަޤާފީ ބޮޑުބެރު ކުޅެނީވެސް ހިންދީ ރާގުތަކަށެވެ. އެހެންކަމުން މީގެ 20 އަހަރު ކުރިން ރާއްޖޭގެ މިއުޒިކީ ފަންނާނުން ކޮޕީ ރާގުގައި ލަވަކިޔުން މައްސަލައަކަށް ވަނީ ކޮން މިންގަޑަކުންތޯ ސުވާލުއުފެދެއެވެ.

މިއުޒިކް ދާއިރާ ވަޅުޖެހިފައިވާ އިރެއްގައި އަލްބަމް ވިޔަފާރި މިވަނީ މުޅިން ކަހަލަގޮތަކަށް ހުއްޓިފައެވެ. އާމްދަނީ ހޯދުމަށްވުރެން ހޮބީއެއް ގޮތަށް ނުވަތަ މަޖަލަކަށް ލަވަކިޔައި އުޅޭ މީހުން ގިނަ އިރެއްގައި މީގެ 20 އަހަރު ކުރިން މިކަން ކޮށްފައިވާ ފަންނާނުން އެކަން ކުރީ އެމީހުން ކާންބޯންކުރާ މަސައްކަތެއްގެގޮތުގައެވެ. މިއަދުވެސް ރިސޯޓް މިއުޒިކު ކުޅޭ ހުރިހާ ބޭންޑުތަކެއް އާމްދަނީ ހޯދުމަށް ކިޔަން ޖެހެނީ ހަމަ ކޮޕީ ލަވަތަކެވެ. ފޮލޯ ކުރަން ޖެހެނީ ދުނިޔޭގެ ޗާޓުގައިވާ އެންމެ ފާހަގަ ކޮށްލެވޭ ލަވަތަކަށެވެ. ކުޅެން ޖެހޭނީ ހަމަ އެ ކޮޕީ ލަވަތެކެވެ. މަޝްހޫރުކަމާއި ފައިސާވެސް ލިބެނީ ހަމަ އެ ކޮޕީ ލަވަތައް ކުޅެގެންނެވެ. ޒަކިއްޓެ ފަދަ އެތައް ޒުވާނުންނެއް ކޮނޑަށް ގިޓާ އެއްލައިގެން ރިސޯޓަށް އަރާ ކިޔަން ޖެހެނީ ހަމަ ކޮޕީ ލަވަތަކެވެ. ނަމަވެސް ހުރިހާ ޒުވާނުންނަކީވެސް އަމިއްލަ ރާގަށް ލޯބި ކުރާ، ކުރި އަރުވާ ފަންނާނުންނެވެ. އަމިއްލަ ރާގު ދިވެހިންގެ ތެރެއަށް މަޝްހޫރުކޮށް ހޭނުމުގައި މުހިންމު ދައުރުތައް އަދާކުރާ ފަންނާނުންވެސް ހިމެނޭގޮތަށެވެ. ކޮޕީ ލަވައަށް ވަނީ ހިންދީ ލަވަތައް އެކަނިކަމުގައި ބަލާފަރާތްތަކެއް ހިމެނުމަކީ އެކަށީގެންވާކަމެކެވެ. އިނގިރޭސީ ކަވާ ލަވަތަކަކީ ރިސޯޓް މިއުޒިކުގެ ބޮޑު ބައެކެވެ. 80% އޭ ނުވަތަ 99% އޭ ނުބުނާނަމެވެ. އެ ހިސާބު ޒަކިއްޓެ ހޯދިގޮތައް ހޯދަން ނޭގޭތީއެވެ.

އަމިއްލަ ރާގުގެ ރަސްގެފާނު، އަދި ގިނަބައެއްގެ ލޯތްބާއި މަޤުބޫލުކަން ހޯދާފައިވާ އަލްމަރުހޫމް ފްލޫ ނާޝިދުއަކީ ރާއްޖޭގެ އަމިއްލަ ރާގުތަކަށް ދިވެހިން ހޭލައްވާލި، ޒުވާނުންނާއި އެކި އުމުރުފުރައަށް ދިވެހި އުފެއްދުން ބަލައިގަންނަން މަޖުބޫރުކުރުވި މިއުޒިކީ އުފެއްދުން އުފެއްދި މިއުޒީޝަނެކެވެ. ނަމަވެސް އޭނާގެ އެޔޮއްބޮޑު މިއުޒިކީ ޙަޔާތުގައި ރިޒޯޓުތަކުގައި ކުޅެން ޖެހުނީ ހަމަ ކޮޕީ ލަވަތަކެވެ.ކޮންމެސް ހުޅަނގުގެ މީހެއްގެ ބްލޫޒް އެކެވެ. ނުވަތަ ރެގޭ އެކެވެ. އެހެންވީމާ އޭނާވެސް އާމްދަނީ ހޯދާފައިވަނީ ހުޅަނގުގެ މީހުން ކިޔާފައިވާ އެކިއެކި ކޮޕީ ލަވަތައް ކިޔައިގެންނެވެ.

ދެން އޮތީ ޢަލީ ރަމީޒްގެ ލަވައިގެ ކެރިއަރުގެ ވާހަކަދައްކާލުމެވެ. އަލީ ރަމީޒް ލަވައިގެ ދުނިޔޭގައި ކޮށްފައިވާ މަސައްކަތްތައް "ޖެނެރޭޝަން ޒީ" ނުވަތަ ޖީލުގެ ޒުވާނުންނަށް ނޭނގުމަކީ އެކަށީގެންވާކަމެކެވެ. ގިނަބަޔަކު މިމައްސަލާގައި ޢަލީ ރަމީޒްގެ ކޮމެންޓަކަށް ގިނަބަޔަކު އިންތިޒާރުކުރެވެނީވެސް އެހެންވެކަމަށްވެދާނެއެވެ. އެހެންކަމުން މިޖީލަށް މިވާހަކަތައް ތިލަކުރުމަށް ޢަލީ ރަމީޒްގެ ގާތް ފަރާތްތަކާއި، މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކާ ޕްރޮޑިއުސަރުންނާއި ވާހަކަދައްކާލީމެވެ.

މިހާރުގެ ގިނަ މިއުޒިކް ފަންނާނުންނަކީ ޒަކިއްޓެ ފަދައިން އަމިއްލައަށް ރާގާއި، ޅެން ހަދައި އެއަށް އަޑު އަޅައި ދިރުން ގެންނަމުން އަންނަ ހުނަރުވެރި ފަންނާނުންތަކެވެ. ނަމަވެސް ޢަލީ ރަމީޒް ލަވަކިޔުމުގެ ކެރިއަރުގައި ޕްރޮޑިއުސަރެއް ހަވާލު ކުރާ ލަވައެއް ކިޔާލަނީއެވެ. ޅެން ހަދާކަށް ރާގު ހަދާކަށް ނުޖެހެއެވެ. މިއީ ފަންނާނުގެ މައްސަލައެއްވެސް ނޫނެވެ. އަދި ފަންނާނުގެ ހުނަރާ ދިމާކުރަން ޖެހޭނެ ސަބަބެއްވެސް ނޫނެވެ.

މިއީ މި ޖީލުގެ މިއުޒީޝަނުންނަށް މުހިންމު އަދި ކޮޕީ ރާގާއި އަމިއްލަ ރާގުގެ ބަހުސްތަކުގެ މައުލޫމާތައްޓަކައިވެސް މުހިންމު ވާހަކަތަކެއްކަމުން އިތުރު ފާހަގަކުރެވޭ އިތުރު ކަމެއް ހިއްސާކޮށްލާނަމެވެ. ކޮޕީ ލަވަ ނޫން ލަވައެއް އަޑު އަހަން ދިވެހިން ބޭނުން ނުވި ޒަމާނެއްގައި ޢަލީ ރަމީޒް ވަނީ އަމިއްލަ ރާގުގެ އަލްބަމެއް ނެރެފައެވެ. އެއީ އޭނާގެ އެންމެ ފުރަތަމަ އަލްބަމެވެ. އެ އަލްބަމްއަށް އަލީރަމީޒު ދިން ނަމަކީ 'ރިހިރޭ' އެވެ. އޭރުގައި ޒަކިއްޓޭ ދުނިޔެއަށް ނޭވާވެސް ނުލާނެއެވެ. 90 ގެ އަހަރުތަކުގައި ނެރުނު މި އަލްބަމަކީ އޭރުގެ އެންމެ މަޤުބޫލު ފަންނާނުގެ ފްލޮޕްއެކެވެ. ބޮޑު ފްލޮޕެކެވެ. އެފަދަ ރިސްކްއެއް މިއުޒިކް ދާއިރާގައި ޒަމާނާ ހާލަތައްބަލައި ނަގަންކެރޭނީ ކިތައްފަންނާނުންތޯ ސުވާލުކޮށްލަންޖެހެއެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ އަމިއްލަ ރާގުގެ ދެ އަލްބަމް ނެރެފައެވެ. ކަނބުލޮ އާއި ގޮއްޔެ އަލްބަމަކީ ހުސް އަމިއްލަ ރާގު ހިމަނައިގެން ނެރުނު އަލްބަމްގެ އިތުރުން ލައިވް މިއުޒިކާއެކު ރެކޯޑްކުރެވިފައިވާ ދެ އަލްބަމްކަން ފާހަގަކޮށްލަންޖެހެއެވެ.

މިރިޕޯޓުލިޔުމަށް ކުރި މަސައްކަތަށް ވަރަށް އާދަޔާޚިލާފު މަޢުލޫމާތެއް ލިބުނެވެ. އެއީ ޢަލީ ރަމީޒު ކިޔާފައިވާ އެތަ އް މަދަހަތަކެއްގެ ވާހަކައެވެ. އާންމުގެ މަޤުބޫލުކަން އިންތިހާއަށް ހޯދާފައިވާ ޢަލީ ރަމީޒްގެ މަދަހަތަކަކީ 100% އަމިއްލަ ރާގުގެ މަދަހަތަކެކޭބުނެފިނަމަ މިކަން ޤަބޫލުކުރަން ދަތިވެދާނެއެވެ. އެހެންކަމުން ލަވަފޮށި ހުޅުވައި އަޑު އަހާލާށެވެ. ޢަލީ ރަމީޒް ކިޔާފައިވާ ހުރިހަ މަދަހަތަކަކީ 100% އަމިއްލަ ރާގެވެ. އޭނާގެ އެއްވެސް މަދަހައެއް ކޮޕީ ރާގަކަށް ކިޔާފައި ނުވާކަމަށް އޭނާގެ ވަރަށް ގާތް ރައްޓެއްސަކު ވޮއިސްއަށް މަޢުލޫމާތު ދިނެވެ.

ޒަކިއްޓެ ފާހަގަކޮށް އަދި ފަހުން މަޢާފަށް އެދިފައިވާކަމަކީ ޢަލީ ރަމީޒްއަކީ "ޓީވީއެމުން އުފެއްދި ޕަޕެޓެއް" ބުނެފައިވާ ބުނުމެވެ. އޭރު ގެ ރާއްޖޭގައި އޮޕަރޭޓްކުރާ ހަމައެކަނި ޓީވީ، ޓީވީއެމްއަކީ އޭރު ހުރިހާ ފަންނާނުންނަށް ފުރުސަރު ދީ، އަދި ފަންނާނުން ފަންނާނުންނަށް ހަދައިދިން މުއައްސަސާއެވެ. ޓީވީ އެމުން ދައްކަނީ ހަމައެކަނި ޢަލީރަމީޒުގެ ލަވަތަކެއް ނޫނެވެ. ހުރިހާ ލަވަކިޔުނތެރިންގެ ލަވަތައްވެސް ދައްކައެވެ. އަދި ޢަލީ ރަމީޒުގެ ކުރިން ހަމަ އެ ޓީވީއެމްގައި ރަސްކަން ކުރަމުންދިޔަ ފަންނާނުންވެސް އެބަތިއްބެވެ. ނަމަވެސް ޢަލީރަމީޒު ކިޔާ މީހަކު ލަވަކިޔަން ފެށިހިސާބުން ގިނަ ފަންނާނުންގެ އަޑު ކެނޑިގެންދިޔައީއެވެ.

މިއަދު ރާއްޖޭގައި ޓީވީ ޗެނަލްގެ އަދަދު 10 އަކަށްވުރެން މަތިވެފައިވާ އިރު، ޒަކިއްޓެ ޒަކިއްޓެއަށް ހަދައިދިނީވެސް ޓީވީއެމްއިންކަން ދަންނަން ޖެހެއެވެ. އަލީ ރަމީޒް އަކީ ޓީވީއެމްގެ އުފެއްދުމެއް ކަމަށް ބުނާއިރު، މިއަދު ޒަކިއްޓެ އަށް ލިބިފައިވާ މަޝްހޫރު ކަމަކީ ޓީވީއެމްގެ "މޯލްޑިވިއަން އައިޑޮލް" އިން ތައާރަފުވެ ލިބިފައިވާ މަޝްހޫރުކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެ ޝޯއަކީ އެތައް މިލިއަން ރުފިޔާއެއްގެ ސްޕޮންސާއެއް އެ ޝޯއެއްގެ ފަހަތުގައިވާ އިންޓާރނޭޝަނަލް މިންގަޑުން ކިރަންޖެހޭ ޝޯއެކެވެ. އެ ޝޯއަށް އަރައިގެން ރަނގަޅު ހުނަރެއް ދައްކާލެވިއްޖެއްޔާ 24 ގަޑިއިރުގެތެރޭގައި އެމީހަކު މުޅި ރާއްޖެއަށް މަޝްހޫރު ވީއެވެ. ނަމަވެސް މީގެ 20 އަހަރު ކުރިން ކަންކަން ހުރީ އެހެންތޯއެވެ. ނޫނެކެވެ.

ކޮންމެއަކަސް ޒަކިއްޓެ މިވަނީ މަޢާފަށް އެދިފައެވެ. 80% އެއްގެ ވާހަކަ އިތުރަށް ދިފާޢުކޮށްފައިވިޔަސް މަޢާފަށް އެދި ބަޔާނެއްވަނީ ނެރިފައެވެ. އެންމެ މަޖާކަމަކީ 'ޒަކިއްޓޭ'އެއްގެ ކަންތައް ބޮޑުވެ އެތައް ހާސްބަޔަކު ސޯޝަލްމީޑިއާގައި ރުޅިގަދަވެ އަލިފާން ރޯކޮށް، ޒަކިއްޓޭ ވީދައި ކައި ހުސްކޮށްލިއިރު ޢަލީރަމީޒަށް ކަމެއް ވެގެންއުޅޭހެންވެސް ހިޔެއްނުވާތީއެވެ.

ޢަލީރަމީޒުގެ ފޭސްބުކް ޕޭޖާއި ޓްވިޓާގައި އަޕްކުރަމުންދިޔައީ އެކިއެކި ދީނީ މަޢުލޫމާތު ތެކެވެ. މިހިސާބުން މި ބަހުސް ނިންމާލަންޖެހެއެވެ.

ޒަކިއްޓެގެ މި ސްޓޭޓަސްއާއެކު ވަރަށް ގިނަ ކަންކަން ޒަކިއްޓެއަށްވެސް ރޭކާލައިފިއެވެ. އެތައް ހަޤީގަތެއް ޤަބޫލުކުރަން ޖެހިއްޖެއެވެ. އަދި އެތައްކަމެއް މި މިއުޒިކް އިންޑަސްޓްރީގައި އޭރު ކުރިފަދައިން ބަދަލުނުވެ ކުރިއަށް ދާކަންވެސް މިވަނީ ސާފުވެފައެވެ. އަދި މީހުންގެ ހިތްތަކުގައި ވަކި މީހަކަށް ދެވިފައިވާ ލޯތްބާއި ޤަދަރަކީ ހަމަ ކުއްލިއަށް މީހަކު ނުކުމެ ދައްކާ ވާހަކައަކުން ފަނޑުވެގެންދާނެ އެއްޗެއް ނޫންކަން މިއަދު މިވަނީ ޤަބޫލުކުރަން ޖެހިއްފައެވެ. އެންމެ މުހިންމުކަމަކަށް އެއް ފަންނާނަކު އަނެއް ފަންނާނަކަށް އިހްތިރާމް ކުޑަ ކުރުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިނުގަންނަ ފަދައިން ރާއްޖޭގެ މި ކުޑަ ކުޑަ އާބާދީންވެސް ބަލައިގެންނާނެ ކަމެއްނޫންކަމެއްކަން މިވަނީ އެނގި ހާމަވެފައެވެ.

އަޕްޑޭޓް:

ދެން އޮތީ ޢަލީ ރަމީޒްގެ ކޮމެންޓެއް މިކަމުގައި ހޯދުމެވެ. މި މައްސަލާގައި ވޮއިސްއިން ގުޅާލުމުން ޢަލީ ރަމީޒް ގެ ޖަވާބަކަށް ބުނީ "ނޯ ކޮމެންޓް" އެވެ. 

Advertisement

ކޮމެންޓް