ދުނިޔޭގެ ސިއްހަތުގެ ޖަމްއިއްޔާ އެކީގައި އޮތް ގުޅުންތައް އެމެރިކާއިން ކަނޑާލައިފި
މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ދެކޮޅަށް ދުނިޔެއިން ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ދައުރު އަދާކުރާ ދުނިޔޭގެ ސިއްހަތުގެ ޖަމްއިއްޔާ އެކު އޮތް ގުޅުންތައް ކަނޑާލުމަށް އެމެރިކާއިން ނިންމައިފިއެވެ.
މިކަން އިއުލާންކުރީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމުގައިވާ ވައިޓް ހައުސްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ޓްރަމްޕް ވިދާޅުވީ އަހަރެއްގެ މައްޗަށް އެންމެ 40 މިލިޔަން ޑޮލަރު ދިން ނަމަވެސް ޗައިނާގެ އަތުގައި ޑަބްލިޔުއެޗްއޯގެ ކޮންޓްރޯލް އެބައޮތްކަމަށާއި، ނަމަވެސް އެމެރިކާއިން އޭގެ ބަދަލުގައި އަހަރަކު 450 މިލިޔަން ޑޮލަރު އެ ޖަމާއަތަށް ދައްކާ ކަމަށެވެ. އަދި ޗައިނާގެ ސަރުކާރުގެ ނާގާބިލްކަމުގެ ނަތީޖާ މުޅި ދުނިޔެ ތަހައްމަލް ކުރަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
އަދި ޗައިނާގެ ފަރާތުން "ވޫހާން ވައިރަސް"ގެ ހަގީގަތް ފޮރުވުމުގެ ސަބަބުން މުޅި ދުނިޔެއަށް އެ ވައިރަަސް ފެތުރިގެން ދިޔަކަމަށާއި، އަދި އެކަމުގެ ސަބަބުން އެމެރިކާއާއި ދުނިޔެއިން ގިނަބަޔަކު މަރުވެގެން ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ މި ވައިރަސް ފެތުރެން ފެށިއިރު، އެކަމާއި މެދު ދުނިޔެއަށް އޮޅުވާލުމަށް ޗައިނާގެ ފަރާތުން ޑަބްލިޔުއެޗްޔޯއަށް ބާރު އެޅިކަމަށެވެ.
ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ ޑަބްލިޔުއެޗްެއޯގެ ފަރާތުން އިސްލާހުކުރަން ޖެހޭ ކަންކަމުގެ މައުލޫމާތު އެ ޖަމްއިއްޔާއަށް ދެވުނުކަމަށާއި، ނަމަވެސް އެކަމަށް އަމަލުކުރުމަށް އެފަރާތުން ދެކޮޅު ހެދިކަމަށެވެ. އެހެންކަމުން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާއާއި އެކު އޮންނަ ގުޅުންތައް ކަނޑާލުމަށް ނިންމާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އަދި އެ ޖަމްއިއްޔާއަށް މިހާރު ދެމުންދާ ފައިސާތައް އާންމު ސިއްހަތާއި ގުޅޭ ބައިނަލްއަގްވާމީ އެހެނިހެން މަސައްކަތްތަކަށް ދިނުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists