އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއަކު ރާއްޖެއަށް 75 ހާސް މާސްކް ހަދިޔާކޮށްފި

31 May 2020 | 05:46

އިނގިރޭސިވިލާތުގެ މަޝްހޫރު ކަނޑުމަހުގެ ވިޔަފާރި ކުރާ ކުންފުންޏެއްކަމުގައިވާ ވޯލްޑް ވައިޑް ފުޑްސްގެ ޗެއާރމަން ޖޯން ބާރޓަންގެ ފަރާތުން ދިވެހިރާއްޖެއަށް 75،000 މާސްކް ހަދިޔާކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެބޭފުޅާ އަކީ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއާރމަންވެސް މެއެވެ.

ޖޯން ބާރޓަން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ނޭޝަނަލް އިމަރޖެންސީ ސެންޓަރުން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން 75،000 ޑިސްޕޯސެބަލް ސާޖިކަލް މާސްކް ހަދިޔާކުރައްވާފައެވެ. މި މާސްކްތަކަކީ ފްރައިންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިން ތަކެއްޗެވެ.

ވޯލްޑް ވައިޑް ފުޑްސް އަކީ ގިނަ އަހަރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ކަނޑުމަސް ޔޫރަޕްގެ މާކެޓަށް ފޯރުކޮށްދެމުން އަންނަ މެދުވެރިއެކެވެ. އަދި އެކުންފުންޏަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ މުހިންމު ބައިވެރިއެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މިފްކޯގެ ތަރައްގީއަށްވެސް އެކުންފުނިން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

މި މާސްކްތައް ހަދިޔާކުރެއްވުމަށްފަހު ޖޯން ބާރޓަން ވިދާޅުވީ މި އެހީއިން ދިވެހި މުޖުތަމައުގެ ސަލާމަތަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރާ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި މިއީ އެންމެންނަށްވެސް ދަތި ވަގުތެއްކަމަށާއި، އެބޭފުޅާ ހަދިޔާކުރައްވާ މާސްކްތަކުން ފައިދާކުރާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.


Advertisement

ކޮމެންޓް

Advertisement