ބަންގްލަދޭޝްއިން ލިބުނު ކާބޯތަކެތީގެ އެހީ ރެޑް ކްރެސެންޓް މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެނީ

31 May 2020 | 08:20

ބަންގްލަދޭޝްގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން ކާބޯތަކެތީގެ އެހީ މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް ދިވެހިރާއްޖޭގައި ތިބި ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާކަމަށް ހާމަކޮށްފިއެވެ.

ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްެއިން ކުރި ސުވާލަކަށް ޖަވާބުދެެއްވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ މި ދުވަސްވަރު ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ހާލަތު ބަލައި ކަށަވަރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އެންއީއޯސީން ހިންގާ ހޮޓްލައިނަކީ އެކި ބަސްތަކުން ވާހަކަދައްކާ ފަރާތްތަކަށްވެސް ގުޅޭނެފަދަ މަލްޓި-ލިންގުއަލް ހޮޓްލައިނަކަށް ހެދިފައިވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ 33 ކޮންޓެއިންމެންޓް ސައިޓްތަކުގައި ތިބި ބިދޭސީންގެ ހާލަތު ބަލައި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ. އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި ބިދޭސީންނަށް އެހީވުމުގެ ގޮތުން ކުރަމުންދާ ގިނަ ކަންތައްތަކެއްގެ މެދުވެރިއަކީ މޯލްޑިވްސް ރެޑް ކްރެސެންޓެވެ.

އެގޮތުން ރެޑް ކްރެސެންޓް މެދުވެރިކޮށް ބިދޭސީންނަށް ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބަންގްލަދޭޝްގެ ސަރުކާރުން ހަދިޔާކުރި ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދެމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement