އިންސާނެއްގެ ނަފްސަށް ބަޔަކު އަނިޔާކުރާއިރު ފޯރިދޭން ރައީސް ނަޝީދު ހުރެފާނެކަމަށް ދުވަހަކުވެސް ހީނުކުރަން: މޫސާ މަނިކް

04 Jun 2020 | 09:14

އިންސާނެއްގެ ނަފްސަށް ބަޔަކު އަނިޔާކުރާއިރު ފޯރިދޭން ރައީސް ނަޝީދު ހުރެފާނެކަމަށް ދުވަހަކުވެސް ހީނުކުރައްވާކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ އިއްޔެ ރޭ ޤާނޫނު އަސާސީ އިސްލާހު ގެންނަން ދަންވަރު ވަގުތެއްގައި ބޭއްވި ޖަލްސާ ހޫނުވެ ބައެއް މެންބަރުންނަށް މާރާމާރި ހިންގައި އަނިޔާވެފައެވެ. އަދި އެވަގުތު މަޖިލިސް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލިސް ރައީސް ވަނީ އެކަމަށް ހިތްވަރުދެއްވައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުން ގަދަކަމުން ނެރުމަށް މަޖިލިސްގެ އެމްޑީޕީގެ މެންބަރުންނަށް ގޮވާލާފައެވެ.

"8ފެބްރުއަރީގައި ތިބޭފުޅާ (ރައީސް މުހައްމަދު ނަޝީދު) އަށް އަނިޔާ ލިބުނަނުދޭން އަށްޑައަކަށްވީތީ އަޅުގަނޑުތަޅާޗިސްކުރީ. ދުވަހަކުވެސް ހިތަކަށްނާރާ އެއްވެސް އިންސާނެއްގެ ނަފްސަށް ބަޔަކު ކުޑަވެސް އަނިޔާއެއްދޭއިރު އެކަން ނުހުއްޓުވާ އެކަމަށްފޯރިދޭންހުރެފާނެކަމަކަށް." މޫސަ ގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރީކޯ މޫސައަކީ 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދިމުމާއެކު އެމަނިކުފާނާއެކު ވެރިކަން ނަޝީދަށް ހޯދައި ދިނުމަށްޓަކައި ސީދާ ހަރަކާތައް ނިކުންނަވައި ބޮޑެތި އަނިޔާތަކެއް ތަހަންމަލް ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ފުލުހުންގެ ހަމަލާތަކަކަށް ގިނަ ދުވަސްތަކެއްވަންދެން މޫސަ ވަނީ ފަރުވާ ހޯއްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާކުރިކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން އެ ހަމަނުޖެހުން ކުށްވެރިކުރައްވައި ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އަންގަވައިގެން ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ޕީ.ޕީ.އެމް. ގެ ނާއިބު ރައީސް އަހްމަދު ޝިޔާމަށް އަނިޔާކޮށްފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

Advertisement

ކޮމެންޓް