ސަރުކާރުން ރ އަތޮޅުގައި އަޅާ އެއާޕޯޓް ކެންސަލް ކުރުމަށްފަހު، އޭގެ ޒިންމާ ވެސް ކުރީ ސަރުކާރަށް

07 Jun 2020 | 08:52

ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވަނިކޮށް، ރ އަތޮޅުގައި އެއާޕޯޓް ނޭޅުމުގެ ޒިންމާ ކުރީގެ ސަރުކާރުން ނަގަންޖެހޭފަދަ ގޮތަކަށް މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ ރައީސް މޫސާ އަލީ މަނިކު ފާޑު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ބުނެފައިވަނީ މި ސަރުކާރުން އެޖެންޑާ-19 ގެ ރ އަތޮޅުގައި އެއާޕޯޓް އަޅާނެކަމަށް ވި ވައުދު އުވާލައި، އެކަން ނުކުރާނެކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ހާމަކުރުމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައެވެ.

އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރ.އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅުއްްވާނެކަމަށް މަޖިލިސް އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އެކަން އެގޮތަށް ޕްލޭން ކުރެވިފައި ނެތްކަމަށް ބުނެފައިވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

"ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރ.އަތޮޅުގައި އެ އެއާޕޯޓް އަޅާނަން. އިންޝާﷲ"، މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މެމްބަރު އާދަމް ޝަރީފަށް ފާޑު ވިދާޅުވެ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމް.ޑީގެ މަޤާމުގައި ހުންނެވި މޫސާ އަލީ މަނިކު ވިދާޅުވީ، ދިގަލި އެއާޕޯޓާއި ފައިނު އެއާޕޯޓު މިއީ އާދަމް ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު ޕީ.ޕީ.އެމް ސަރުކާރުން ނުފުއްދާ ހުރި ވައުދުތައްކަމަށެވެ.

މޫސާ އަލީ މަނިކުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، "ދާއިރާއަށް ފަރުވާކުޑަ ހުރިހާ ވަގުތަކާއި ހަކަތައެއް ޔާމީން އަބްދުލް ޤައްޔޫމް ޖަލުން ނެރެވޭތޯ ހޭދަކުރާ މީހަކަށް ދާއިރާގެ ތަރައްޤީއާއި ސްޕީޑާއި ޕްލޭން ނޭނގުމަކީ ވެދާނެކަމެއް" ކަމަށެވެ.

މޫސާ އަލީ މިހެން ޓުވީޓުކޮށްފައި ވީނަމަވެސް، ފައިނު އެއާޕޯޓަކީ ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅު އިޢުލާންކުރި މަޝްރޫޢުއެކެވެ. އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުމާއެކު ރ. އަތޮޅު ފައިނުގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓް ވަނީ މި ސަރުކާރުން ކެންސަލް ކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ތިމާވެއްޓަށް ލިބޭނެ ގެއްލުންކަމުގައެވެ.

ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާއިރު، އެކަމުގެ ކަންބޮޑުވުން އެތައް ފަރާތަކުން އުފުލަމުން ދިޔަކަމުގައި ވީނަމަވެސް އެ ޕްރޮޖެކްޓް ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ މަޖިލިސް ކޮމިޓީގައި ވިދާޅުވެފައެވެ.

އެހެންކަމުން ތިމާވެށީގެ ހިމާޔަތުގައި ކަމަށްބުނެ ސަރުކާރުން އަންނަނީ ދެފުއްދެގޮތް ސިޔާސަަތެއް ގެންގުޅެމުންކަމަށް ބުނެ ރ. އަތޮޅުގެ ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement