އާތިފާގެ އިސްތިއުފާއަކީ ގައުމަށް ލިބުނު ދެރައެއް : ރައީސް މައުމޫން

11 Jun 2020 | 21:06

ހައުސިންގ އެންޑް އާބަން މިނިސްޓަރުގެ މަގާމުން އާތިފާ ޝަކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ދެރައެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާތިފާއަކީ ހިތްވަރުގަދަ އިހުލާސްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ އަދި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކުގައި ކަމަށެވެ. އާތިފާގެ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ދެރައެއްކަމަށެވެ.

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސް ވެގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އާތިފާގެ އިސްތިއުފާޔާ އެކު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ވަނީ އުވާލާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

Advertisement

ކޮމެންޓް

Advertisement