ޓީޖީއެސްޓީ ރުފިޔާއިން ދެއްކޭނެގޮތަށް ހަދައި، މީރާއަށް ފައިސާ ބަލައިގަންނަ ސުންގަޑިތަކަށް ބަދަލުތަކެއް!

16 Jun 2020 | 20:17

ޓުއަރިޒަމް ގުޑްސް އެންޑް ސާރވިސަސް ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާއިން ދެއްކޭނެ ގޮތަށް ހަމަޖައްސައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ފައިސާ ބަލައިގަތުމުގެ ސުންގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 62ވަނަ މާއްދާގެ ށގައިވާ ގޮތުގެ މަތިން އެޕްރީލް 1އާއި ސެޕްޓެމްބަރު 30 އާއި ދެމެދު ހިނގާ ޓެކްސް މުއްދަތަށްވާ ޓީޖީއެސްޓީ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެކަމަށް ކަނޑައަޅާ ކަމަށެވެ.

މީގެ އިތުރުން މީރާއިން ނެރުނު ބަޔާނެއްގައި ބުނީ ޖުލައި މަހުގެ 5ވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތައް ހުޅުވާލައި ޚިދުމަތްދޭން ނިންމާފައިވާކަމަށެވެ. ނަމަވެސް ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް ފުރުސަތު ދިނުމަށާއި، އިޖްތިމާއީ ގައިދުރުކަމާއި އެކު ޚިދުމަތްދޭން ސުންގަޑިތަކަށް ބަދަލުގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ކައުންޓަރ ހުޅުވާލާ ފުރަތަމަ ހަފްތާގައި ހަމައެކަނި ބަލައިގަންނާނީ ޓެކުހަށް ނުވާ ފީއާއި ކުއްޔާއި އެހެނިހެން ފައިސާކަމަށް ވަނީ ކަނޑައަޅާފައެވެ. މިފަދަ ފައިސާާތައް ދެއްކުމުގެ ސުންގަޑިއަކީ ޖުލައި 16އެވެ. މީރާ ހުޅުވާލެވޭ ދެވަނަ ހަފްތާއިން ފެށިގެން ޓެކުހަށް ނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށައެޅުން ލާޒިމްކޮށްފައި ނުވާ ޓެކްސް ބަޔާނާއި ފައިސާ ބަލަައިގަންނާނެއެވެ.

މީރާއިން އިތުރަށް ބުނީ 15 އެޕްރީލް ނުވަތަ އެ ތާރީޚުގެ ފަހުން އަންނަ ނުވަތަ އައިސްފައިވާ ޓެކުހުގެ ސުންގަޑިތަކުގެ އައު ސުންގަޑިއަކީ 23 ޖުލައި ކަމަށެވެ. އަދި އޮންލައިންކޮށް ހުށައެޅުން ލާޒިމްކޮށްފައިވާ ޓެކްސް ބަޔާނާއި ފައިސާގެ ސުންގަޑިތަކުގެ ތެރެއިން މި ބަންދާއި ނުވަތަ މީރާ ހުޅުވާ ފުރަތަމަ ތިން ހަފްތާއާއި ދިމާވާ ސުންގަޑިތަކުގެ އަގު ސުންގަޑިއަކީ 23 ޖުލައިކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށައެޅުމާއި ފައިސާ ދެއްކުމުގެ އައު ސުންގަޑިއަކަށް 16 އޮގަސްޓް ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށައަޅަންޖެހޭ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ އައު ސުންގަޑިއަކަށް 31 އޯގަސްޓް ވަނީ ހަމަޖައްސާފައެވެ.

Advertisement

ކޮމެންޓް

Advertisement