Advertisement

ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ، ދައުލަތުގެ މީޑިއާ ސަރުކާރުގެ ދިފާއުގައި ނިކުމެއްޖެ!

26 Jun 2020 | 06:28

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހިޔާ ފްލެޓާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ސަރުކާރަށް ޕްރެޝަރު ބޮޑުވުމާއި އެކު ދައުލަތުގެ މީޑިއާ ސަރުކާރުގެ ދިފާއުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ރައީސް ޞާލިހް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ފްލެޓްތައް ބޭރުން ބަލާލައި، އިރުއޮއްސޭ ވަގުތު ފޮޓޯ ނަގަން ރީތިވީ ނަމަވެސް އެއީ މީހުން ދިރިއުޅެން ރަނގަޅު ތަންތަަންކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެތަނަށް ބަދަލުވާ ފަރާތްތަކުގެ 80 އިންސައްތަ މީހުންވެސް އެފަދައިން ގަބޫލުކުރާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެތަނަށް މީހުން ވަންނައިރު ޓައިލްސްއާއި ދޮރެއް ނުހުންނާނެކަމަށާއި، އެތަނުގެ ހާލަތު ދަށްވުމުން ބަދަލުތަކެއް ގެންނަން މަސައްކަތް ކުރެވުނު ކަމަށެވެ.

ޑރ.މުއިއްޒު "ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީން އަޅުއްވަން ފެއްޓެވި ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅާ ނިމި، ފްލެޓްތަކުގެ އަމަލީ މަސައްކަތް ފުލީ ފަރނިޝްކޮށް ނިންމާ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދިރިއުޅޭ ވަރަށް އޮތް މަޝްރޫއުއެއް ކަމަށެވެ.

އެފަދަ މަޝްރޫއުއަކަށް މި ސަރުކާރުން ހައްދަވަމުން ގެންދަވާ ގޮތްތަކުން އެތައް ހާސް ރައްޔިތުންނަށް ދެރަ ނިކަމެތިކަން ލިބިގެންދާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ފްލެޓް އަޅަން ނިންމާފައިވަނީ 2 ލޯނެއްގެ އެހީގައިކަމަށާއި، ދެވަނަ ލޯނު ވަނީ ރައީސް ޔާމީން ސަރުކާރު ނިމުނު އިރު ހަމަ ޖެހިފައިވަކަމަށާއި، އެހެންކަމުން ދެވަނަ ލޯނަކީ ފިނިޝިންގެ މަސައްކަތުގެ ކަންކަން ނިންމުމަށް ލިބޭ ލޯނެއްކަމުން ރައްޔިތުންނަށް ފްލެޓް ލިބޭ އިރު ހުންނާނީ ހުރިހާ މަސައްކަތެއް ނިމިފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ މައްސަލާގައި މި ސަރުކާރަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ހިޔާ ފްލެޓް ހަވާލުކުރެވޭނެ ތާރީހްއަކާމެދު ކުރެއްވި ސުވާލަށް ރައީސް ޞާލިހް ޖަވާބު ދެއްވާފައެއްނުވެއެވެ.

ގިނަ ބަޔަކު އަންނަނީ މިކަމުގައި ސަރުކާރުން އުޒުރު ނުދައްކައި ހަވާލުކުރުމަށް ގޮވާލަމުންނެވެ.

ރައީސް ޞާލިހްގެ ވާހަކައާއި ގުޅިގެން މިއަދު ސަރުކާރުން ވަނީ ނޫސްވެރިނަށް ދެވަނަ ފަހަރަށް ހިޔާ ފްލެޓް ދައްކާލާފައެވެ. އަދި ދައުލަތުގެ މީޑިއާއިން އަންނަނީ ހިޔާ ފްލެޓް ގެ ޒިޔާރަތާއި ގުޅިވައިގެން ފްލެޓްއަށް ވަރަށް ބޮޑަށް ފާޑުކިޔައި ރިޕޯޓާއި ހަބަރު ޝާއިއު ކުރަމުންނެވެ.

އެގޮތުން ޕީއެސްއެމް ނިއުސްގައި މިރޭ ޝާއިއުކޮށްފައިވާ ހަބަރެއްގައިވަނީ ހިޔާ ފްލެޓް އަލިފާން ފޮއްޓެއްގެގޮތުގައި ސިފަކޮށް، ޓެކްނިކަލް އެއްވެސް ކަމަކަށް ރިޔާއަތްނުކޮށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދައުލަތުގެ މީޑިއާގެ ޒިންމާއަކީ އާންމުން ހޭލުންތެރިކުރުވުން ކަމުގައި ވީނަމަވެސް މިއަދު ޕީއެސްއެމްއިން އަންނަނީ ރައީސް ގެ ބަސްފުޅަށް ބާރުދީ އެކި ގޮތްގޮތަށް ހަބަރު ފަތުރަމުންނެވެ.

ދައުލަތުގެ މީޑީއާ މި ދަރަޖައަށް ވެއްޓުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވާކަމަށް ބުނެ ފާޑުކިޔަމުންނެވެ.

މިއަދުގެ ސަރުކާރުގެ އިސްވެރިންވަނީ ކުރީގެ ސަރުކާރުން ދައުލަތުގެ މީޑިއާ ހިސޯރުކޮށްފައިވާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

Advertisement

ކޮމެންޓް