ޖިންސީ އަނިޔާ ލިބިފައިވާ މީހާ މަޖިލީހަށް ހާޒިރުކުރަން ނިންމުމަކީ މަޖިލީހުން ހިންގާ ބިރުދެއްކުމުގެ އަމަލެއް: ޝަފީއާ

30 Jun 2020 | 21:38

ހުޅުމާލޭގެ ފަޅުތެރޭގައި އަަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ލިބުނު ބިދޭސީ އަންހެންމީހާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ބަލަމުންދާއިރު، އެ ކޮމެޓީއަށް އެ އަންހެންމީހާ ހާޒިރުކުރުމާއި ދެކޮޅުކަމަށް ފެމިލީ ލީގަލް ކްލިނިކްގެ ކޯ ފައުންޑަރ އަލްއުސްތާޛާ ހައްވާ ޝަފީއާ ރިޒާ ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާތަކާއި ދެކޮޅަށް އަޑުއުފުލަމުން އަންނަ ޝަފީއާ އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާ ލިބުނު ފަރާތުގެ ދުލުން އެވާހަކަތައް އަޑުއިއްވުމަށް ކަމަށްބުނެ، އޭނާ ހާޒިރުކުރަން ނިންމުމަކީ ރައްޔިތުންގެ މަޖިލީހުން ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. އަދި މިއީ މަޖިލީހަށް ކުރުމުގެ ބާރު އޮތްކަމެއް ނޫންކަމަށްވެސް ޝަފީއާ ވިދާޅުވިއެވެ.

އަދި މިކަން ނުހުއްޓައިފިނަމަ ކޯޓަށް ދާނެކަމަށް އިންޒާރު ދެއްވާ، ޝަފީއާ ވަނީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދުމަށް ވިދާޅުވިއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ޖަލްސާގައި ވަނީ މި މައްސަލައިގައި މިހާތަނަށް ފުލުހުން އަމަލުކޮށްފައިވާ ގޮތް ރިވިއުކުރުމަށް ނިންމާފައެވެ. އަދި ކަން ހިނގައިދިޔަ ގޮތް ކޮމިޓީއާއި އަންހެންމީހާ ހިއްސާކުރަން ބޭނުން ނަމަ، އޭނާ އަށް ގުޅޭނެ ގޮތެއް ހޯދައި ކޮމިޓީ އަށް ހާޒިރުކުރަންވެސް ފާސްކުރިއެވެ.

Advertisement

ކޮމެންޓް