ނިއު ނޯމަލްގައި ކުޅިވަރުތައް ކުޅޭނެގޮތުގެ އުސޫލެއް އާންމުކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ހިންގި ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާގައި ކުޅިވަރުތައް ކުޅޭނެގޮތުގެ އުސޫލެއް އާންމުކޮށްފިއެވެ.
މިނިސްޓްރީން އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވިޔަސް، ކޮވިޑް-19ގެ ހާލަތަށް ބަލައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އެ މިނިސްޓްރީން އާންމުކުރި ގައިޑްލައިންގައިވާ ގޮތުގައި ކޯވިޑް 19 އާ ގުޅިގެން ކުޅިވަރުގެ ޙަރަކާތްތައް މެދުކަނޑާލުމަށްފަހު، އާ ޢާންމު ޙާލަތުގެ މަރުޙަލާގައި، 1 ޖުލައި 2020 އިން ފެށިގެން ކުޅިވަރު ކުޅެހެދުމުގައި ޚާއްސަ ކަންކަމަށް ސަމާލުކަން ދޭން ވާނެއެވެ.
އެގޮތުން އެކުޅިވަރެއް ކުޅޭ ތަނެއްގައި، އެއްފަހަރާ ކުޅެވޭނީ ގިނަވެގެން 30 މީހުންނަށެވެ. ކުޅިވަރު ކުޅޭއިރު މާސްކް އަޅަން ނުޖެހޭއިރު، ކޯވިޑް-19އިގެ ޢަލާމާތެއް (ކެއްސާ ކިނބިހި އެޅުން ހުންއައުން ފަދަ) ހުރިނަމަ ކުޅިވަރު ކުޅުމުގައި ބައިވެރި ނުވުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކުޅުންތެރިން ގެންނަ ދަބަސްފަދަ ތަކެތި ދުރުދުރުގައި ބެހެއްޓުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން އެއް ކުޅުންތެރިއަކު ބޭނުންކުރާ ބިބްސްފަދަ ތަކެތި އަނެއް ކުޅުންތެރިޔަކު ބޭނުން ނުކުރުމަކީ އެދެވިގެންވާ ކަމެކެވެ.
•ޔޫތު މިނިސްޓްރީން ބުނިގޮތުގައި ގެއިން ނިކުތުމުގެ ކުރިންނާއި ކުޅެ ނިމުމަށްފަހުގައި ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރަންޖެހޭނެއެވެ. އަދި އެކި ތަންތަނުގައި އަތްލުމަށްފަހު، ނޭފަތާއި އަނގަޔާއި ލޮލުގައި އަތްނުލުމަށް ވަނީ އެދިފައެވެ.
އެއާއި އެކު ކުޅެ ނިމުމުން ގެއަށް ގޮސް ފެންވެރުމާއި، ޖާޒީ ބަދަލުކުރުމާއި އެއެއްޗެތި ދޮވެގެން ނޫނީ އަލުން ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން އަމިއްލަ ފެން ފުޅި ބޭނުންކުރުމަށާއި، ސާފުތާހިރުކަމަށް އިސްކަންދިނުމާއި، ކޮންމެ ކުޅުންތެރިއަކުވެސް ވަކިން ސެނިޓައިޒަރ ގެންގުޅެން ވަނީ އަންގާފައެވެ.
ފޮޓޯ: އޭދަފުށީ ވޮއިސް
Advertisement
This content is created and paid for by advertisers and does not involve Voice Journalists