ސައުދުﷲގެ މައްޗައް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

09 Jul 2020 | 15:23

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލް އަދި އެމްޑީޕީގެ ޤައުމީ މަޖިލިސްގެ މެންބަރު ސައުދުﷲ އަހުމަދު ހަސަންގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

"ވޮއިސް" އަށް މުއުތަބަރު ފަރާތަކުން މި މައްސަލާގައި މައުލޫމާތު ދިންގޮތުގައި ފުލުހަށް އެ މައްސަލަ މިއަދު ވަނީ ހުށަހަޅާފައިކަމަށާއި މިއަދު ހަވީރު 4:30 އަށް ފުލުހަށް ބަޔާން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމަށްވާ "ސަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޭމްގެ އިދާރީ އޮފީހުގައި އުޅޭ އަންހެންކުއްޖެއްގެ ޖިންސީ ގުނަވަންތަކުގައި ނުރުހުމުގައި އަތްލާ ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތު ސައުދުﷲގެ މައްޗަށް ވަނީ ކުރެވިފައެވެ. މި ވާހަކަތައް އެ އަންހެންކުއްޖާ އެސޯސިއޭޝަންގެ އެކްސްކޯގެ މެންބަރަކަށް ހިއްސާކޮށްފައިވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހުގައެވެ.

އެ އަންހެންކުއްޖާ ވަނީ ސައުދުﷲގެ އަމަލުތަކުގެ ސަބަބުން، ލޮކްޑައުނަށްފަހު އޮފީހުގެ މަސައްކަތްތަކަށް ނުކުންނަން އުޒުރުވެރިވާކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން މިމަހުގެ 5ވަނަ ދުވަހު ގޭމްގެ ރައީސް ނާސިހު ސޮއިކުރައްވާ ވަނީ، އިންޓާނަލް އެފެއާޒް ކޮމެޓީއަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އެސްޖީގެ މަސްއޫލިއްޔަތުތަކުން ދުރުކުރެވިފައިވާކަމަށް ސައުދުއަށް ސިޓީއަކުން އަންގާފައެވެ.

ނަމަވެސް މި މައްސަލަ އެކަށީގެންވާ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ނާސިހު މިއަދު ވަނީ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ނާސިހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާގޮތުގައި މި މައްސަލައަކީ ގޭމް ގެ ހިންގާ ކޮމިޓީއަށް މި އަހަރުގެ ޖޫން މަހު 23 ވަނަ ދުވަހު ހުށަހެޅިފައިިވާ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާކުރުމުގެ މައްސަލައެކެވެ.

އެގޮތުން އެ މައްސަަލައާއިގުޅިގެން އެކަމަށް ޚާއްޞަ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައެއް ހުށަހެޅި އެމައްސަލައިގެ ތަހުގީގު ރަނގަޅަށް ކުރިއަށް ނުދާތީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްތިއުފާދެއްވިއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ ވަޙީދުގެ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވެއެވެ. 

Advertisement

ކޮމެންޓް