ގެސްޓްހައުސް އެސޯސިއޭޝަންގެ އެސްޖީކަމުންނާއި އެކްސްކޯ މެންބަރުކަމުން ސައުދުﷲ ވަކިކޮށްފި

10 Jul 2020 | 22:56

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުންނާއި މެންބަރުކަމުން ސައުދުﷲ އަހުމަދު ހަސަން ދީދީ ވަކިކުރުމަށް ނިންމައިފިއެވެ.

ގޭމްގެ ވަގުތީ ރައީސް މުހައްމަދު އިމްތިޔާޒް ސޮއިކުރައްވާ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިރޭ ބޭއްވި ގެސްޓްހައުސް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްކަމާއި ހިންގާ ކޮމެޓީގެ މެންބަރުކަމުން ސައުދުﷲ ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

މިހެން ފާސްކޮށްފައިވަނީ މި ބައްދަލުވުމުގައި ބައިވެރިވި 14 މެންބަރުންގެ އިއްތިފާގުންކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ 5ވަނަ ދުވަހު ގޭމްގެ ކުރީގެ ރައީސް މޫސާ ނާސިހު ސޮއިކުރައްވާ ވަނީ، އިންޓާނަލް އެފެއާޒް ކޮމެޓީއަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އެސްޖީގެ މަސްއޫލިއްޔަތުތަކުން ދުރުކުރެވިފައިވާކަމަށް ސައުދުއަށް ސިޓީއަކުން އަންގާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސައުދު ޖިންސީ ފުރައްސާރަކުރި ކަމަށްބުނެ މައްސަލެއް ވަނީ ފުލުހަށްވެސް ހުށައަޅާފައެވެ. އަދި މި މައްސަލައިގައި ޖިންސީ ފުރައްސާރަ ކުރިމަތިވި އަންހެންކުއްޖާ ވަނީ ކަންތައްތައް ހިނގައިދިޔަ ގޮތް ފޭސްބުކްގައި އާންމުވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement