ބޮޓަމޭޓްގެ ވައިބަރ ބޮޓަކާ އެކު ވިޔަފާރި ހިންގުމަށް ބޮޑު ފަސޭހައެއް!

13 Jul 2020 | 18:23

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ޑެލިވަރީގެ ޚިދުމަތްތައް ފުޅާވެ، ޓެކްނޮލޮޖީގެ އެކިއެކި ވަސީލަތްތަކަށް ކުރާ ބަރޯސާ އިތުރުވެގެން ދިއުމެވެ. ވަކިން ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިކަން އިތުރުވެގެން ދިޔައެވެ. ނަމަވެސް، މިފަދަ ވިޔަފާރިތަކުންނާއި ކަސްޓަމަރުން ކުރަމުންދިޔަ އެއް ޝަކުވާއަކީ ޑިމާންޑްތައް އިތުރުވެ، އެންމެ ބޭނުންވާ މިންވަރަށް ޚިދުމަތްތައް ލިބިގަނެ ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެކަމެވެ.

މި ވިޔަފާރިތަކަށާއި ފަރުދުންނަށްވެސް މި ތަކުލީފަށް މިވަނީ ބޮޑު ލުޔެއް ލިބިފައެވެ. ދިވެހި ޒުވާން ޑިވެލޮޕަރެއް ކަމަށްވާ މުހައްމަދު އައިމަން ވަނީ ވިޔަފާރިތަކުންނާއި ވަކި ވަކި ފަރުދުން ދޭ ޚިދުމަތްތަކަށް އަމާޒުކޮށް، ބޮޓަމޭޓްގެ ނަމުގައި ޚާއްސަ ވައިބަރ ބޮޓްތަކެއް ހެދުމުގެ ޚިދުމަތް ފަށާފައެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތުދެމުން އައިމަން ބުނީ ބޮޓަމޭޓްގެ ދަށުން ކޮންމެ ވިޔަފާރިއަކަށް ވަކި ވައިބަރ ބޮޓަކާއި އެ ބޮޓަށް އޮންލައިން ޕޯޓަލެއް ހެދިގެންދާނެކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރ ރިކުއެސްޓްތަށް މެނޭޖް ކުރެވި، ސްޓެޓިސްޓިކްސް ފެންނާނެއެވެ. އެގޮތުން ކަސްޓަމަރުންނަށް ބޮޓަށް ދިއުމަށް ފަސޭހަކުރުމަށްޓަކައި ކިޔޫ.އާރު ކޯޑަކާއި ލިންކެއް ފޯރުކޮށްދެވޭނެކަމަށެވެ. މިބޮޓްގެ ބޭނުމަކީ އާންމުކޮށް ކަސްޓަމަރުންނާއި ކުރާ މުޢާމަލާތްތައް އޮޓޮމޭޓް ކުރުންކަމަށް އޭނާ ބުންޏެވެ. އައިމަން އިތުރަށް ބުނިގޮތުގައި މި ބޮޓްތަކުގެ ފްލޯ ހަދައިދޭނީވެސް ވިޔަފާރިން ނުވަތަ ފަރުދަކު އެދޭ ގޮތަށެވެ.

“ފްލޯ މިކިޔަނީ ކަސްޓަމަރ ބޭނުންވާ ކަންތައް ސާފުކުރުމަށްޓަކައި ވަކި ތަރުތީބަކުން ކަސްޓަމަރާއި ބޮޓާއި ދެމެދު މެސެޖުން ކުރެވޭ މުއާމަލާތައް. އެގޮތުން ބޮޓްގެ ފްލޯ އެ ވިޔަފާރިއަކަށް ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކުރެވޭނެ” އައިމަން ބުންޏެވެ. އެގޮތުން މިސާލަކަށް ވިޔަފާރިއެއްގެ ޑެލިވަރީ ސާވިސްއިން ކޮންމެ ފަހަރަކުން ފޯނު ނަގައި ކަސްޓަމަރުންގެ އޯޑަރު ނެގުމުގެ ބަދަލުގައި އެ މަސައްކަތުގެ ފްލޯ ބޮޓަށް އަޅާލުމުން ކަސްޓަމަރުންނަށް އޯޑަރ ކުރަން ފަސޭހަ ވާނެކަމަށް އޭނާ ބުންޏެވެ.

“ވިޔަފާރި ވެރިޔާ ނޫނީ އޭނަ ކަނޑައަޅާ މުވައްޒަފުންނަށް އަންނާނީ މެސެޖެއް ރިކުއެސްޓެއް ލިބިއްޖެ ކަމަށް. މި މެސެޖުގަ އިންނާނެ އެ ކޮންވަޒޭޝަނަށް ފަސޭހައިން ދެވޭނެ ލިންކެއް. ދެން ޕޯޓަލަށް ވަދެ އެ ކޮންވަރޒޭޝަނަށް ބޭނުންވާ ޖަވާބުތައް ދީ ކަސްޓަމަރާއި މުއާމަލާތް ކުރެވޭނެ. އެހިސާބަށް އަންނައިރު ހުންނާނީ އާންމުކޮށް ކުރާ ސުވާލުތައް ކޮށް ނިމިފައި. ފޯނު ނަމްބަރ އެޑްރެސް އަދި ސޮޕިންގ ލިސްޓް އިންނާނީ ބޮޓުން އޮޓަމެޓިކުކޮށް ނަގައި ނިމިފަ. ދެން މުދަލެއް ހުސްވެފަ ހުރެއްޖިއްޔާ އޯނަރަށް ބުނެވޭނެ ލިސްޓްގަ މިހުރި މުދަލެއް ނެތޭ. އޯކޭހޭ. ލިސްޓްގަ ހުރި ހުރިހާ މުދަލެއް ލިބެން ހުރިއްޔާ ބުނެވޭނެ މި ފޮނުވާލަނީއޭ”، އޭނާ ބުންޏެވެ.

ހަމަ އެފަދައިން ކާބޯތަކެތި ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ މެނޫ ފޮނުވާއި އޯޑަރ ނެގުން އޮޓަމޭޓް ކޮށްލެވޭނެ ގޮތަށް ބޮޓްގެ ފްލޯ ހަދާލެވޭނެއެވެ.އަދި ތަކުރާރުކޮށް ވަކި ތަރުތީބަކުން ކަސްޓަމަރުންނާއި މުޢާމަލާތު ކުރަންޖެހޭ ކޮންމެ ވިޔަފާރިއެއްގެ އެބައެއް އޮޓަމޭޓް ކުރުމަށްވެސް މި އެޕްލިކޭޝަން ބޭނުންކުރެވިދާނެކަމަށް އައިމަން ބުންޏެވެ.

ފްލޯ ހަދައިދިނުމުގައި އެހީތެރިވެ ހުރިހާ ސެޓްއަޕް އެއް ބޮޓަމޭޓްގެ ފަރާތުން ހަދައިދޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބޮޓްމޭޓްގެ ހިދުމަތް ތަޖުރިބާ ކޮއްލައްވަން ބޭފުޅުންނަށް ޑެމޯ ބޮޓަކަށް ދެވޭނެ ގޮތެއްގެ އިތުރުން އަމިއްލައަށް ބޮޓެއް އިންޓަގްރޭޓް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ޑޭޝްބޯޑް ހަދައި އެމީހަކު އަމިއްލައަށް އެކަން ކުރެވޭނެ ގޮތަށް ސައިޓް ފަރުމާކޮށްފައިވެއެވެ.

އައިމަން ބުނިގޮތުގައި މި އެޕްގެ މަޢުލޫމާތު ބޮޓަމޭޓްގެ ވެބްސައިޓް https://botamate.online މެދުވެރިކޮށް ލިބޭނެއެވެ. މި ވެބްސައިޓްގައި ޑެމޯ ބޮޓަކަށް ދާނެ ބަޓަނަކާއި ކިޔޫ އާރު ކޯޑެއް އިންނާނެއެވެ. އަދި މި ޚިދުމަތުގެ އަގުތައްވެސް ވެބްސައިޓްގައި ހުންނާނެއެވެ. މި ޚިދުމަތުގެ އަގުތައް ކަނޑައަޅާފައިވަނީ ކަސްޓަމަރ ރިކުއެސްޓް ވިޔަފާރިއަކަށް އަންނަ މިންވަރަކަށް ބިނާކޮށް 3 ގިންތިއަކަށެވެ.

ބެލެވޭ ގޮތުގައި މި ބޭނުންކުރުމުގެ ސަބަބުން ކަސްޓަމަރުންނާއި، ވިޔަފާރިވެރިންގެ ޓައިމް އާއި އެހެން ރިސޯސްތައްވެސް ސޭވް ވެ މަސައްކަތް އިތުރަށް ލުއި ވެގެންދާނެއެވެ.

ގުޅޭނެ ގޮތްތައް:

އީމެއިލް: [email protected] ފޭސްބްކު ޕޭޖް : https://www.fb.com/botamate.online ޓްވިޓަރ: https://twitter.com/botamate

Advertisement

ކޮމެންޓް

Advertisement