ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު ހުޅުވައިފި
ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފޭސް އެކެއް ގައި ހުޅުވައިފި އެވެ.
މި ދެ ލައުންޖަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ޚިދުމަތް ދިނުމަށް ހުޅުވި ދެ ލައުންޖެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ފަސޭހައިން ޒިޔާރަތްކުރެވޭގޮތަށް ހުޅުވި ސީސީބީ ގެ މާލެ ލައުންޖް ހުންނާނީ ހުޅުމާލެ ފެރީ ޓާރމިނަލްގަ އެވެ. އަދި ހުޅުމާލެ ފޭސް އެކެއްގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގެ ތިރީ ފަންގިފިލާގަ އެވެ. މި ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ލިބޭނެ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް ދޭއް ގައިވެސް ސީ.ސީ.ބީގެ ލައުންޖެއް ހުޅުވޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް 16 ވީ ބުރާސްފަތި ދުވަހުއެވެ. މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ. ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާޙުކުރައްވައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމުކުރައްވާފަ އެވެ. ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް