ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް އެދިއްޖެ
ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން ވަނީ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކޮށްފައެވެ.
އެކަމަށްޓަކައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައިގެންނާއި، އަދި އެހެނިހެން ގޮތްގޮތުން މަޢުލޫމާތު ހޯދާފައިވާ ކަމަށް ސަލަފުން ބުންޏެވެ.
އަދި ހޯދި މައުލޫމާތުން، މި މަޝްރޫޢަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ރިއަލް އެސްޓޭޓް އުޞޫލުން ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫޢެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެއާއެކު ސަލަފުން ވަނީ ރަސްމާލެ މަޝްރޫޢާއި އަދި މިފަދަ ބޭރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއާގުޅޭ ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭކަމަށް 8 ކަމެއް ފާހަގަކޮށްފައެވެ. އެއީ؛
އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުން،
ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ޙިމާޔަތްކުރުން
އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
ދިވެހިރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒުހިފުން
ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުން
ހުޅުވާލެވިފައިވާ އިޤްތިޞާދަކާއި ޤައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން
ދާއިމީ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުން
އިޖްތިމާޢީ އަސަރުތައް ވަޒަންކުރުން ހިމެނެއެވެ.
ސަލަފުންވަނީ ދިވެހިރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ޤައުމުގެ އިސްލާމީ ވަންތަކަމާއި، ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ މަޝްރޫޢަކުން، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިޢުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ “އިޒްރޭލު”ގެ ރައްޔިތަކަށް ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.
އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، އިސްލާމީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫޢުގެ އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ދިވެހި ސަރުކާރަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށްފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ބުނި ގޮތުގައި ރަސްމާލޭގެ މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަގީންވެގެންދާނީ މަޝްރޫޢުގެ އެއްބަަސްވުން އެކުލަވާލެވި، ކަމާބެހޭ ގާނޫނު ވުޖޫދުވުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް