ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު
ރަސްމާލޭގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އިޢްލާނުކޮށްފައިވާ މަޝްރޫޢާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން ވަނީ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކޮށްފައެވެ.
އެކަމަށްޓަކައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައިގެންނާއި، އަދި އެހެނިހެން ގޮތްގޮތުން މަޢުލޫމާތު ހޯދާފައިވާ ކަމަށް ސަލަފުން ބުންޏެވެ.
އެއަށްފަހު ސަލަފުން ވަނީ ރަސްމާލެ މަޝްރޫޢާއި އަދި މިފަދަ ބޭރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއާގުޅޭ ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭކަމަށް 8 ކަމެއް ފާހަގަކޮށްފައެވެ. އެއީ؛
އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުން،
ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ޙިމާޔަތްކުރުން
އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
ދިވެހިރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒުހިފުން
ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުން
ހުޅުވާލެވިފައިވާ އިޤްތިޞާދަކާއި ޤައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން
ދާއިމީ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުން
އިޖްތިމާޢީ އަސަރުތައް ވަޒަންކުރުން
ޝެއިޚް ފިކުރީ ވިދާޅުވީ، މިމަހު 25 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އާ ބައްދަލުކޮށް، އެ ހުށެހުޅުންތައް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
”އަދި އެ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަޤީކަން ރައީސް ވަނީ ދެއްވާފައެވެ.“
ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ސަލަފުން ނެރުނު އިލްތިމާސެއްގައިވަނީ ދިވެހިރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ޤައުމުގެ އިސްލާމީ ވަންތަކަމާއި، ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ މަޝްރޫޢަކުން، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިޢުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ “އިޒްރޭލު”ގެ ރައްޔިތަކަށް ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.
އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، އިސްލާމީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫޢުގެ އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ދިވެހި ސަރުކާރަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް