ކެންސަރަށް ހޭލުންތެރިކުރުމުގެ ޕޯސްޓެއް
ކެންސަރަށް ހޭލުންތެރިކުރުމުގެ ޕޯސްޓެއް
ރިޕޯޓް 17 Sep 2026 | 08:33

ކުޑަކުދިންގެ ކެންސަރު: ކޮންމެ ބެލެނިވެރިއަކުވެސް ދެނެގަންނަންޖެހޭ މުހިންމު ކަންކަން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.

ސެޕްޓެމްބަރު މަހަކީ ދުނިޔޭގެ ފެންވަރުގައި ކުޑަކުދިންގެ ކެންސަރާ މެދު ހޭލުންތެރިކުރުމަށް ފާހަގަކުރާ މަހެވެ. މި މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެންސަރު ޖެހިފައިވާ ކުޑަކުދިންނަށް ހޭލުންތެރިކަން އިތުރުކޮށް، ދިރާސާތަކަށް އެހީތެރިކަން ހޯދައި، އަދި ބަލި ތަޙައްމަލުކުރަމުންދާ ޢާއިލާތަކަށް ހިތްވަރު ދިނުމުގެ ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދެއެވެ. މި މުހިންމު މަސައްކަތުގެ ރަމްޒަކީ "ރަން ކުލައިގެ ރިބަން" އެވެ.

ދުނިޔޭގެ ޙާލަތާއި ތަފާސްހިސާބުތައް

ކެންސަރަކީ އެކަކު ގައިން އަނެކަކު ގައިން އަރާ ބައްޔެއް ނޫން ނަމަވެސް، ކުޑަކުދިންނަށް ޖެހޭ ކެންސަރާ ބެހޭ ގޮތުން ކޮންމެ ބެލެނިވެރިއަކުވެސް އަސާސީ މަޢުލޫމާތުތަކެއް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ ފެންވަރުގައި ކޮންމެ އަހަރަކު 400،000 އަށް ވުރެ ގިނަ ކުޑަކުދިންނަށް ކެންސަރު ޖެހޭ ކަމަށް ލަފާކުރެވެއެވެ. ބައިނަލްއަޤުވާމީ ކެންސަރު ދިރާސާ އިދާރާ (އައިއޭއާރުސީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2024 ވަނަ އަހަރު އެކަނިވެސް އުފަންވީއްސުރެ 19 އަހަރާ ދެމެދުގެ 275،000 އަށް ވުރެ ގިނަ ކުދިންނަށް ކެންސަރު ޖެހިފައިވެއެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ރެކޯޑް ކުރެވިފައިވާ ޢަދަދުތަކެވެ. ގިނަ ޤައުމުތަކުގައި ބަލި ދެނެގަތުމުގެ ނިޒާމު ފުރިހަމަވެފައި ނުވާތީ، ޙަޤީޤީ ޢަދަދު މިއަށްވުރެ މާ މަތިވާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ.

ކުޑަކުދިންނަށް ޢާންމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތައް

ބޮޑެތި މީހުންނާ ޚިލާފަށް ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ ވައްތަރުތައް ތަފާތެވެ. ކުޑަކުދިންނަށް އެންމެ ޢާންމުކޮށް ޖެހެނީ ލޫކީމިއާ ނުވަތަ ލޭގެ ކެންސަރެވެ. މިއީ ކުޑަކުދިންގެ ޖުމްލަ ކެންސަރުގެ ގާތްގަނޑަކަށް 30 އިންސައްތައެވެ. ލޫކީމިއާގެ ތެރެއިން އެންމެ ގިނައިން ފެންނަ ވައްތަރަކީ 'އެކިއުޓް ލިމްފޮބްލާސްޓިކް ލޫކީމިއާ' އެވެ. މި ބާވަތް ޖެހެނީ ލޫކީމިއާ ޖެހޭ ކުދިންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި ކުދިންނަށެވެ. ލޭގެ ކެންސަރަށްފަހު ކުޑަކުދިންގެ މެދުގައި ދެން އެންމެ ޢާންމީ ސިކުނޑީގެ ޓިއުމަރެވެ.

ބެލެނިވެރިން ސަމާލުވާންޖެހޭ އަދި ކެންސަރު ދެނެގަންނާނެ ޢަލާމާތްތައް

ކުޑަކުދިންގެ ކެންސަރަކީ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ ފަރުވާކުރަން ފަސޭހަ ބައްޔެކެވެ. އެހެންކަމުން ބެލެނިވެރިން ތިރީގައިވާ ޢަލާމާތްތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ:

1. ހުންއައުން: ސަބަބެއް ނެތި މެދުނުކެނޑި ނުވަތަ ތަކުރާރުކޮށް ހުން އައުން.

2. ވަރުބަލިވުމާއި، ވަރުދެރަވުން: ވަރުބަލިވުމާއި، ވަރުދެރަވުން، ނުވަތަ ފާހަގަކުރެވޭ މިންވަރަށް ހަންގަނޑުގެ ކުލަ ފަނޑުވުން.

3. ނޫފައިގަތުމާއި ލޭއައުން: ފަސޭހައިން ނުވަތަ ސަބަބެއް ނެތި، ހަންގަނޑު ނޫފައިގަތުން. އަދި އަނގައިންނާ ނޭފަތުން ލޭއައުން

4. ކަށީގައި ނުވަތަ ހުޅުތަކުގައި ރިއްސުން: އަނިޔާއެއް ނުލިބި މެދުނުކެނޑި ކަށީގައި، ނުވަތަ އަތްފައިގައި ރިއްސުމާއި، ދުޅަވުން.

5. ގޮށްލުމާއި ދުޅަވުން: ސަބަބެއް ނެތި ކަރުގައި، ކިހިލިފަތްދޮށުގައި ނުވަތަ އުނަގަނޑުގައި ގޮށެއް އުފެދުން.

6. ބޮލުގައި ރިއްސުމާއި ހޮޑުލެވުން: ޚާއްޞަކޮށް، ހެނދުނުގެ ވަގުތުތަކުގައި ހޮޑުލެވުމާއެކު ބޮލުގައި ރިއްސުން.

7. ބަރުދަން ލުއިވުމާއި، ހެދިބޮޑުވުން ލަސްވުން: ސަބަބެއް ނެތި ބަރުދަން ލުއިވުން، ނުވަތަ ހެދިބޮޑުވުން ލަސްވުން.

މި އަލާމާތްތައް ފެނުމުގެ މާނައަކީ، ކުއްޖާއަށް ކެންސަރު ޖެހިފައިވުމެއް ނޫނެވެ. ނަމަވެސް، އަލާމާތްތައް މެދުނުކެނޑި ހުންނަނަމަ، ނުވަތަ އިތުރަށް ގޯސްވަމުންދާނަމަ، ޞިއްޙީ އިރުޝާދު ހޯދުން މުހިންމެވެ.

މި ޢަލާމާތްތަކަކީ އާދައިގެ އެހެން ބަލިތަކުގައިވެސް ފެނިދާނެ ޢަލާމާތްތަކެކެވެ. އެހެންނަމަވެސް، މިފަދަ ޢަލާމާތެއް ގިނަ ދުވަސްވެ ރަނގަޅު ނުވުމާއި، ނުވަތަ އެއްފަހަރާ ގިނަ ޢަލާމާތްތަކެއް ފެންނަމަ، ވަގުތުން ޑޮކްޓަރަކަށް ދައްކައި، ލޭގެ ޓެސްޓުތަކާއި ސްކޭންތައް ފަދަ ޓެސްޓުތައް ހަދައިގެން ބަލި ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ފަރުވާގެ ކުރިއެރުމާއި ދުނިޔޭގެ ފެންވަރުގައި ހުރި ފަރަޤު

އުފާވެރި ޚަބަރަކީ ބޭސްވެރިކަމުގެ ދާއިރާއިން މި ބައްޔާ ދެކޮޅަށް ހޯދިފައިވާ ބޮޑެތި ކުރިއެރުންތަކެވެ. މިސާލަކަށް އެމެރިކާގައި ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ކެންސަރުން ސަލާމަތްވާ ނިސްބަތް ވަނީ 10 އިންސައްތައިން 85 އިންސައްތައަށް ވުރެ މައްޗަށް އުފުލިފައެވެ. ނަމަވެސް، މި ކާމިޔާބީގައި ދުނިޔޭގެ ފެންވަރުގައި ބޮޑު ތަފާތެއް އެބައޮތެވެ.

މުއްސަނދި އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި 80 އިންސައްތައަށް ވުރެ ގިނަ ކުދިން ބަލިން މުޅިން ފަސޭހަވާއިރު، މެދު އަދި ދަށް އާމްދަނީ ލިބޭ ޤައުމުތަކުގައި ރަނގަޅުވާ ނިސްބަތް މާ ބޮޑަށް ދަށެވެ. ހިތާމައަކީ ކެންސަރު ޖެހިގެން މަރުވާ ކުދިންގެ 94 އިންސައްތައަކީ އެފްރިކާ، އޭޝިއާ، ދެކުނު އެމެރިކާ އަދި ކެރީބިއަން ސަރަޙައްދުގެ ނިކަމެތި ޤައުމުތަކުގެ ކުދިންނަށް ވުމެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އަމާޒު

މި ތަފާތު ކުޑަކޮށް، ހުރިހާ ކުދިންނަށްވެސް ހަމަހަމަކަމާއެކު ފަރުވާ ލިބޭނެ މަގު ފަހިކުރުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން 2018 ވަނަ އަހަރު ވަނީ ކުޑަކުދިންގެ ކެންސަރާ ދެކޮޅަށް ޚާއްޞަ ބައިނަލްއަޤުވާމީ އިސްނެގުމެއް ފަށާފައެވެ. މި މަޝްރޫޢުގެ މައިގަނޑު ލަނޑުދަނޑިއަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، މުޅި ދުނިޔޭގެ ފެންވަރުގައި ކުޑަކުދިންގެ ކެންސަރުން ރަނގަޅުވާ ނިސްބަތް މަދުވެގެން 60 އިންސައްތައަށް ވުރެ މައްޗަށް ގެންދިޔުމެވެ. މި ލަނޑުދަނޑި ޙާޞިލްވެއްޖެނަމަ، އިތުރު އެއް މިލިއަން ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރެވޭނެއެވެ.

ކެންސަރަކީ ކޮންމެ ޢާއިލާއަކަށްވެސް ކުރިމަތިވެދާނެ ބޮޑު އިމްތިޙާނެކެވެ. މިއީ މާޔޫސްވާންވީ ކަމެއް ނޫނެވެ. ޒަމާނީ ބޭސްވެރިކަމުގެ އަލީގައި، ބަލި ކުރީކޮޅުގައި ދެނެގަނެވި އަވަހަށް ފަރުވާ ފެށިއްޖެނަމަ ކުއްޖާ މުޅިން ފަސޭހަވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އެހެންކަމުން، ލޯބިވާ ދަރިފުޅުގެ ކިބައިން ޞިއްޙީ ގޮތުން ކަންބޮޑުވާންޖެހޭ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، ފަސްނުޖެހި ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަމާއި ލަފާ ހޯދުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް އެންމެ އިސް ވާޖިބެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...