ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ދެބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި

20 Aug 2020 | 06:44

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ދެބޭފުޅެއްގެ ނަން، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފޮނުއްވައިފިއެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް އެމަނިކުފާނު ފޮނުއްވާފައިވާ ދެބޭފުޅުންނަކީ ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

ޑރ.މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝަލް ލޯގެ ދާއިރާއިން ޔުނިވަރސިޓީ އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު ހަރަކާތްތެެރިވެ ވަޑައިގެންފައެވެ.

މީގެ އިތުރުން އެބޭފުޅާ ދަނީ އައިޔޫއެމް އަދި ވިލާ ކޮލެޖްގައި ދަރިވަރުންނަށް ކިޔަވައިދެއްވަމުންނެވެ.

އެބޭފުޅާގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ފޮނުއްވާފައިވާ އަލްއުސްތާޛު އަލީ ރަޝީދު ހުސައިން މިވަގުތު ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޟީގެ މަގާމުގައެވެ.

Advertisement

ކޮމެންޓް