Advertisement

މާލޭގައި ފްލެޓްތައް އަޅާތީ މާލޭގެ ރައްޔިތުންނަށް ޚާއްސަކަން ދޭންޖެހޭ: އަސްލަމް

26 Aug 2020 | 20:14

ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ މާލޭ ސިޓީގައި އަޅާ ފްލެޓްތަކެއް ކަމަށްވުމުން، އެތަންތަނުން މާލޭގެ ރައްޔިތުންނަށް ޚާއްސަކަން ދޭންޖެހޭނެކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2018ވަނަ އަހަރުގައި ހިޔާ މަޝްރޫއުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޭން ނިންމީ 1000 ހައުސިންގ ޔުނިޓެވެ. ނަމަވެސް މި އަދަދު މިހާރު ވަނީ 1772އަށް އިތުރުކޮށްފައެވެ. މިކަމާއި ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ދޭ ފްލެޓްތަކުގެ އަދަދު ނިންމީ އެހެން ކެޓަގަރީތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް މަދުވުމުން ކަމަށެވެ.

މިއަދު ސަރުކާރުން އާންމުކުރި ލިސްޓްގައިވާ މާލޭގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ ނޫން އެހެން ކެޓަގަރީތަކުން ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓްތަކުގެ އަދަދު ވަނީ ދަށްކޮށްފައެވެ.

މިކަމާއި ގުޅިގެން އަސްލަމް ވިދާޅުވީ މާލޭގައި މާލޭގެ މީހާ ދިރިއުޅެނީ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށާއި، އޭނާ އުޅެމުންދަނީ މިތަނަށް އުފަންވުމުން ކަމަށެވެ. އަދި މާލޭގައި ގޯތި ބަހަމުން ބަހަމުންގޮސް، ކޮންމެ މީހަކަށް ލިބޭ މިންވަރު ވަރަށް ކުޑަވެފައިވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރި ކަމަކީ މާލޭ މީހާއަށް ސަމާލުކަމެއް ދިނީ ކަމަށާއި، އެހެން ކެޓަގަރީތަކުން ފްލެޓް އުނިކުރީ ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި ފްލެޓްތަކުގެ މަސައްކަތް މާލޭގައި ކުރާތީ މާލޭގެ ރައްޔިތުންނަށް ސަމާލުކަން ދޭން ޖެހިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް