Advertisement

ޑޮލަރު ހާލަތު ވަރަށް ގޯސް، ބީއެމްއެލްއަށްވެސް މަޖުބޫރު ފިޔަވަޅެއް!

17 Sep 2020 | 11:19

ބަވަނަވަމުންދާ މި ދުނިޔޭގެ ބައިނަލްއަގްވާމީ އިގްތިސާދާއި އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ މުޖުތަމައުވެސް ވަނީ އެކިއެކި ގޮތްތަކުން ގުޅިލާމެހިފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގްތިސާދަށް އަންނަ ކޮންމެ ބޮޑު ލޮޅުމެއްގެ އަސަރުވެސް ދިވެހިރާއްޖެއަށް ކުރެއެވެ. އެގޮތުން ކޮވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ރާޅުތައް މުޅި ދުނިޔެއަށް ބިންދާލިއިރު، އޭގެ ނުރައްކާތެރިކަން ސިއްހީ ގޮތުގެ އިތުރުން އިގްތިސާދީ ގޮތުންވެސް ދިވެހިރާއްޖެއަށް ކުރިއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ގޮތުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ހަވާލާދީ ޔޫއެންޑީޕީން ހާމަކުރާ ގޮތުގައި 2018ވަނަ އަހަރުގައި ފަތުރުވެރިކަން ވަނީ ދިވެހިރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ 28 އިންސައްތަ ހިއްސާކޮށްފައެވެ. މި ސިނާއަތް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބޭރު ފައިސާ ގެނެސްދޭ، އިގްތިސާދީ ރަންބިސް އަޅާ ކުކުޅަށެވެ.

ކޮވިޑް-19ގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ފެތުރިގެން ދިއުމާއި އެކު އެކަމުގެ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރިއެވެ. މީހުން ދަތުރުފަތުރު ކުރަން ފަސްޖެހި، ގިނަ އެއާލައިންތަކުންވެސް ދަތުރުތައް ހުއްޓާލުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މާޗް މަހުގެ ފަހުކޮޅުގައި ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ސަރުކާރުން ނިންމުމެވެ. ދަތިވިޔަސް، އެންމެންގެ ރައްކާތެރިކަމަށްޓަކައި އެޅުން މަޖުބޫރު ފިޔަވަޅަކަށް ވާތީކަމަށް ބުނެއެވެ.

ބޯޑަރުތައް ބަންދުކޮށް ރިސޯޓްތަކުގެ އޮޕަރޭޝަންތައް ހުއްޓާލުމާ އެކު އާންމުންގެ ތެރެއިން ގިނަބައެއްގެ މެދުގައި އުފެދިގެންދިޔަ ކަންބޮޑުވުމަކަށް ވެގެންދިޔައީ އެކަމުގެ ސަބަބުން އިގްތިސާދީގޮތުން ކުރާނެ ނޭދެވޭ އަސަރަށެވެ. ވަކިން ޚާއްސަކޮށް، ރަސްމީ މާލީ ބާޒާރުގައި ބޭރު ފައިސާ ދައުރުވާ މިންވަރު މަދުވެދާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެންދިޔައެވެ. 


ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށް ބުނި

ފަތުރުވެރިކަމުގެ ސިނާއަތް މަޑުޖެހިގެން ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގައި ޑޮލަރުގެ ތާށިކަމެއް އުޅޭކަމަށް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭ، ބޭންކް އޮފް މޯލްޑިވްސް އަދި ޚުދު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ވިދާޅުވިއެވެ. އަދި އެކަންކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޮގަސްޓްމަހުގެ 11ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް މަޑުޖެހުމުގެ ސަބަބުން ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރިކަމަށާއި، އެކަން ހައްލުކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅު އޮތް ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައިވެސް ވަނީ ޑޮލަރުގެ ލިކުއިޑިޓީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ބުނެފައެވެ. އަދި ލިކުއިޑިޓީ ދަމަހައްޓަން އުނދަގޫ ނަމަވެސް ކޮންމެހެން އަަޅަންޖެހޭނެ ފިޔަވަަޅުތައް އަޅާނެކަމަށް ބޭންކްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވިއެވެ.

މިމަހުގެ އެއްވަނަ ދުވަހު އެމްއެމްއޭއިން ވަނީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ކޯވިޑް-19 އަށް ޚާއްސަކޮށްގެން އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރުކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު، ސެޕްޓެމްބަރު މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާއިރު، މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރުމަށްކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގއެއް ލިބުމުންނާއި، ސަރުކާރުންނާއި އެމްއެމްއޭއިން އިތުރަށް ހޯދާ އެހީ އަދި ބޭރު ފައިސާތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެކަމަށްވެސް މަރުކަޒީ ބޭންކުން އޭރު ބުންޏެވެ.

މަރުކަޒީ ބޭންކާއި ފިނޭންސް މިނިސްޓްރީގެ ވާހަކަތަކުން ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށް ގަބޫލުކުރެވުނެވެ. މާލީ ކަންކަމަކީ ފަސޭހައިން ނުކުރެވޭ، އަވަހަށް ނަތީޖާ ނުފެންނަ ކަންކަމެވެ. ނަމަވެސް އެކަމުގެ ނަތީޖާއެއް ނުފެނި، މިއަދު ހެނދުނު ބީއެމްއެލްއިން ވަނީ ރާއްޖޭން ބޭރަށް ކުރާ މުއާމަލާތްތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ.


ބީއެމްއެލް ކާޑުތަކުން ބޭރުގެ މުއާމަލާތްކުރެވޭނެ ވަގުތީ ލިމިޓްތަކެއް ކަނޑައެޅުން

ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ކަންތައްތަކެއް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރާއި އެމްއެމްއޭއިން ބުނަމުން ދަނިކޮށް މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.

މިގޮތުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރެވެ. ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރެވެ. މިއަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ.

މިއީ ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށާއި ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މަޖުބޫރު އެހެނަސް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއްކަމުގައި ބޭންކުން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލްއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ބޭނުންކުރާ އެންމެ ބޮޑު ބޭންކް ކަމަށްވާއިރު، މި ކުއްލި ފިޔަވަޅުގެ ސަބަބުން ގިނަބަޔަކު ވަނީ ހާސްވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ގިނަބަޔެއްގެ ނުރުހުން ބީއެމްއެލްއާއި ސަރުކާރަށް!

ބީއެމްއެލްއިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދުތަކެއް ކަނޑައެޅުމުން ގިނަ ބަޔަކު ދަނީ މިކަމާއި މެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

އެގޮތުން މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ގިނަ އާއިލާތަކަށާއި ކިޔަވާކުދިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި 750ޑޮލަރުގެ ލިމިޓަކަށް މަހަކު ޓްރާންސެކްޝަންތައް ހެދޭގޮތަށް ބަދަލުކުރުމުން ގޭގެ ކުލި ދެއްކުމަށާއި ކާބޯތަކެތި ގަތުމަށްވެސް އެއީ އެންމެ އެކަށޭނަ މިންވަރެއް ނޫނެވެ. 

އަދި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށްވެސް ދިމާވާނެ ބޮޑު ގޮންޖެހުމެއްކަމަށް އެފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ. ދިވެހިރާއްޖޭގެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަކީ ވިޔަފާރިކުރުމަށްޓަކައި ބޭރުން ތަކެތި ގަންނަ ފަރާތްތަކަށްވުމުން، މިފަދައިން ލިމިޓެއް ކަނޑައެޅުމަކީ އެފަރާތްތަކުގެ ވިޔަފާރި ފުނޑާލުންކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ތިބެ އަމިއްލަ ބޭނުމަށް ތަކެތި ގަންނަ ފަރާތްތަކަށްވެސް އާ އުސޫލުގެ ދަށުން އަސަރުކުރާނެކަން ފާހަގަކޮށްލެވެއެވެ.

މިއާއި އެކު ގިނަބަޔަކު ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ބަދަލުގައި ޚިޔާރުކުރެވިދާނެ ބޭންކެއް އޮތްތޯ ސުވާލު އުފައްދާ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށްވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ދެބަސްވެވެން ނެތްކަމަކީ ފަތުރުވެރިކަމަށް މާ ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް މިފަދަ ހާލަތެއް ދިމާވުމަކީ ގާތުގައިވާ ކަމެއްކަމަށެވެ. އެހެނަސް މިކަން މިހާ ހިސާބަށް ދިއުމުގެ ކުރިން ސަލާމަތްކުރެވުނީސްތޯ ސުވާލު އުފެދެއެވެ. މިކަމާއި މެދު ފިނޭންސް މިނިސްޓްރީ އަދި އެމްއެމްއޭއިން އަވަހަށް ބަސް ބުނަން ޖެހެއެވެ. ގައުމީ މިފަދަ ބޮޑު މައްސަލައެއް ހަމައެކަނި ބޭންކްގެ ބޮލުގައި އަޅުވާލައިގެން ނިންމާލެވެން ނެތެވެ! ފުދުންތެރި ދިވެހިންނަށް ހައްގު މިންވަރަކީ މިއީތޯއެވެ؟

Advertisement

ކޮމެންޓް