ޖޭޕީ އަދި ގާސިމް މަންޒަރުން ގެއްލިއްޖެ؟

21 Oct 2020 | 23:19

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީ މަންޒަރުން ގެއްލުނީތޯއެވެ؟

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ވާހަކައަކީ ދިވެހިންނަށް އާ ވާހަކައަކަށް ނުވާނެއެވެ. ޤާސިމް އިބްރާހިމްއާއި ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެކި ވަގުތުތަކުގައި އެކި ދުވަސްވަރު އެކި އަތަަށް ދުއްވާ ޕާޓީއެކެވެ. ޤާސިމްގެ ޖޭޕީ ފުރަތަމަ ދުއްވީ 2008 ވަނަ އަހަރު ރައީސް ނަސީދާ އެކުއެވެ. އެދަތުރުވީ ޖޭޕީއަށް އުދަގުލާއި ހިތްދަތި ދަތުރަކަށެވެ. ދެން ޖޭޕީ ނުކުތީ ވީހާލެއްގައި ވާން ރައީސް ޔާމިންއެކުއެވެ.

ރައީސް ޔާމިނާއި އެކު ނިކުންނެވުންވީ ޤާސިމް ވިދާޅުވާގޮތުން ނަމަ ހަތަރެސް ފައިން ކީރިތިކުރެއްވުން ކަހަލަކަމަކަށެވެ. ކޮންމެއަކަސް ފެއިލްވި އަދި އަތަށްގޮވި ދެކޯލިޝަން ސަރުކާރުގެ ތަޖުރިބާޔާއިއެކު ޖޭޕީ މިހާރު ނުކުމެއޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެކުއެވެ. ރައިސް ޞާލިހުގެ ސަރުކާރަށް ދެއަހަރުވި އިރު ދުނިޔެއާއި ލައްވާލާފައި މިވަނީ މީގެ ކުރިން ދުވަހަކުވެސް ދުނިޔެ ދެކެފައިވާ ނުވާވަރުގެ އުދަނގޫ ދުވަސް ވަރަކާއެވެ.

ރާއްޖޭގެ މަސްރަހު ހުއްޓި، ގައުމުގެ އިގްތިސާދީ ހާލަތު އިނދަޖެހި، ދިވެހިން ބޯވިދުނު އިރުވެސް މިސަރުކާރުގެ އެންމެ ބޮޑު ކޯލިސަން ޕާޓްނަރު ޖޭޕީ އޮތީ ކަހާލިތަށް ހިރުވާވެސް ނުލައެެވެ. ރައްޔިތުން ކޮބާތޯ އެބައުޅޭތޯވެސް ޖޭޕީގެ ލީޑަރަށް ނޭނގުނެވެ. ދެންއުފެދޭ ސުވާލަކީ ޖޭޕީ އަށް ވީ ކިއްތޯއެވެ. ނޫންނަމަ ކޮންމެ އިންތިހާބަކާ ދިމާކޮށް ރައްޔިތުން ނިވާފަތްގަނޑަކަށް ލައިގެން، ގައުމުގެ އާންމު މީހުން ނުނިދަންޏާ ނިދި ނާންނަ ޖޭޕީގެ ލީޑަރުކޮބާތޯއެވެ. ހެޔޮއެދޭ ރައްޔިތު މިހާއަށް ދިމާގެން އުޅޭ ދަތި ހާލު ނޭނގެނީ ބާއެވެ؟

ކޮންމައަކަސް ގައުމުގެ ހާލަތު ދަށަށްދާތާ އެތަކެއް ދުވަހެއްވެއެޖެއެވެ. އެތައް ބައެއްގެ ވަޒިފާ ގެއްލި މެދުފަންތީގެ ވިޔަފާރިތައް ތެދުނުވޭވަރަަށް ވެއްޓިއްޖެއެވެ. ނަމަވެސް ކޯލިޝަން ޕާޓްނަރެއްގެ ގޮތުން ކުރަންޖެހޭ ކަމެއް އަދި ބަހެއްވެސް ބުނެލާތަން ނުފެނެއެވެ. ނަމަވެސް ޖޭޕީގެ ތަރުޖަމާނު އަދި ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ކުރެވެން އޮތްކަމެއް އެބަކުރެެއެވެ. އެބޭފުޅާއަށް ވެސް ވަނީ ވާވަރެއްތާއެވެ. ޕާޓިގެ ލީޑަރުގެ ފަރާތުން ބަހެއް އަދި ޓްވީޓެއްވެސް އެބޭފުޅާއަށް ނުބުނެވޭނެތާއެވެ.

ޖޭޕީގެ ފަރާތުން ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންނަށް ބޮޑެތި ތުހުމަތުތަކެއް:

ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަަށް އައީ ރައްޔިތުންއަށް ލައްކަ ގިނަ ހުވަފެންތަކެއް ދައްކާފައެވެ. ރައްޔިތު މީހާއަށް އަމާން އޮމާން އަދި ތިޔާގި ދިރިއުޅުމެކެވެ. ދެފުށް ފެންނަ ސަރުކާރެކެވެ. ދަރަނިވެރިކަން ދޫކޮށް އަރަނި މުޖުތަމައެކެވެ. އަދި ކިޔާލަން ފަސޭހަ އަޑު އަހާލަން ޗާލު ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަންގެ ސްލޯގަން ތަކަކާއެކުއެވެ.

ކުރިން ދެއްކި ވާހަކަތައް މިއަދު އޮބި އަދި ހަނދާނުން ފޮހެވުމުން، ދެއްކިވާހަކަތަކާ ކުރެހި މަންޒަރުތަކުގެ ވާހަކަ ރައްޔިތުން ދައްކަނީއެވެ. ސާފު ހުދު ސަރުކާރަކަށްވާނެ ކަމަށް ބުނި ވެރިންނަށް ގައުމުގެ ބައެއް މީހުން ހުއްޓާނުލާ ގޮވަނީ ވަގަށެވެ. ސިޔާސި ލީޑަރުންގެ ވާހަކަ ބުންޏަސް ކަޅުބެ ބޭރިއަށް ދިންވަރަށް ދެއެވެ އަދި މިހުރިހާކަމެއްގޮސް ނިމެނީ ގާސިމް އިބްރާހިމަށާއި ޖޭޕީއަށެވެ.

ފުރަތަމަ ޖެހުނީ ޖޭޕީގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރުކަމަށް ފޮނުވި އަލީ ވަހީދުގެ މައްސަލައެވެ. މައްސަލައިގެ ބޮޑުކަމުންނާ މައްސަލައިގެ ޒާތުން ރައިސް ސޯލިހުވެސް ކީރިތިކުރެއްވިއެވެ. އާއެކެވެ، ހައްސާސީ މައްސަލައެކެވެ. އެތަށް ބައިވަރު ދިވެހި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ. ކޮރަޕްޝަންގެ އެތަށް މައްސަލައެކެވެ.

ދެންވެސް ޖެހުނީ ކުޑަމައްސަލައެއްނޫނެވެ. ދިވެހި ގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އެމަޖެންސީކޮށް ގެންނަށްޖެހުނު ވެންޓިލޭޓަރ ގެނައުމުގައި ހިނގައިދިޔަ، ޖެޕީގެ ފަރާތުން ހެލްތް މިނިސްޓަރުކަށް އައްޔަނުކުރި އަމީނާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެކެވެ. ހެލްތް މިނިސްޓްރީގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެކެވެ.

ދިވެހި ގައުމު އިނދަޖެހި ޓޫރިޒަމް ދައިރާ ހީނަރުވެ، ގައުމަށް ޓޫރިޒަމް މިނިސްޓަރެއްގެ ބޭނުންޖެހުނު އިރު ޖޭޕީގެ އަލީގެ ކަންތައް ފެނުނީ މިދެންނެވި ގޮތަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެތައް ބަޔަކު ޖެހިގެން ދިޔައިރު ޖޭޕީގެ އަމީނަށް ކުރެވުނީ ސިއްސައިގެން ދާވަރުގެ، ޓޮލަރޭޓް ނުކުރެވޭވަރުގެ ތުހުމަތުތަކެކެވެ.

ތުހުމަތުތަކަށް ޖޭޕީން އަދި ގާސިމް އިބްރާހިމް ކީ ޗުއްޕު:

އަލީ ވަހީދަށް ކުރެވުނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އަދި ގޯނާ ކުރިއިރުވެސް ޖޭޕީން އޮތީ ހަނެވެ. ހުދު ގާސިމްގެ އަނބިކަނބަލުންނަށް ފުރައްސާރަ ކުރިއިރުވެސް ގާސިމް ހުރީ ހަނެވެ. އެންމެފަހުން ގައުމުގެ ވަލީއުލްއަމުރު ދެންހެވޭ އިސްތިއުފާ ދެއްވާށޭ ބުނިއިރުވެސް ޖޭޕީ އޮތީ ހުއްޓިފައެވެ. އަދި ޖޭޕީގެ ކޮމެޓީތައްވެސް އޮތީ ގަބުވެފައެވެ.

އަލީ ވަހީދުގެ މައްސަލަތަކުން އަރައި ނުގަނެވި އުޅެނިކޮން ދިމާވި އަމީންގެ މައްސަލާގައިވެސް ޖެޕީ އޮތީ ތުން ފިއްތާލައިގެން ކަހާތަން ހިރުވާނުލައެވެ. ސަރުކާރަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތައް ގޮސް ހުއްޓެނީ ގާސިމަށެވެ. ރައްޔިތުން އަތުންނާއި ފައިން ހޯހޯ އެބަގޮވައެވެ. ރައީސް ސޯލިހަށް ހުއްޓުމެއްނެތި ޕްރެޝަރު އެބަ އާދެއެވެ. ސަބަބަކީ ޖޭޕީއެވެ.

ދެންއުފެދޭ ސުވާލަކީ ޖޭޕީގެ ވަޒީރުންނާއި އެހެނިހެން މަގާމުތަކުގެ މީހުންނަށް ބޮޑެތި ތުހުމަތުތައް ކުރާއިރުވެސް ޖޭޕީ ހަނު އޮތީ ކީއްވެބާއެވެ. ޖޭޕީގެ ލީޑަރު ގާސިމްގެ ބާރު މިނިސްޓަރުންނަށް ނުހިނގަނީބާއެވެ. ޖޭޕީން ކުންފުނިތަކަށްލީ ވެރިން މާ މަތިވީތާއެވެ. ފަހަރުގައި މަތިވީއެވެ. ނޫންނަމަ ޖޭޕީގެ ފަރާތުން ބުނަންޖެހޭ ބަސް ސަރުކާރުން ބުނާކަށް ނުޖެހޭނެއެވެ. ޕާޓީގެ ލީޑަރު ބުނާހާވެސް އެއްޗަކީ ރައީސާއި އަޅުގަނޑާ ނުޖެއްސޭނެއެވެ.

ތެދެކެވެ. ރައީސް ސޯލިހާއި ގާސިމް އިބްރާހިމާއި ނުޖެހި ހިނގައިދާނެއެވެ. ނަމަވެސް ރައްޔިތުންނާއި ސަރުކާާރާއި އެބަޖެހެވެ. މިޖެހޭ މައްސަލަތަކުގައި ޖޭޕީގެ ދައުރު ވަކި ކުޑައެއް ނޫނެވެ.

Advertisement

ކޮމެންޓް