މާނޭ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

23 Nov 2018 | 10:59

ލިވަޕޫލްގެ ތަރި ސަޑިއޯ މާނޭ އެ ކްލަބާއެކު ހާދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރުގެ މުއްދަތަކަށް އިތުރު ކޮށްފިއެވެ. މިހާރު އުމުރުން 26 އަހަރުގެ މާނޭ ލިވަޕޫލައި ގުޅުނީ 2016 ވަނަ އަހަރު 34 މިލިއަން ޕައުންޑަށް ސައުތްހެމްޕްޓަނުންނެވެ.

އޭގެ ފަހުން މާނޭވަނީ ހުރިހާ މުބާރާތެއްގައި ލިވަޕޫލަށް 89 މެޗު ކުޅެދީ 40 ލަނޑު ޖަހައިދީފައެވެ.

އެއްބަސްވުން އާ ކުރުމަށްފަހު ވާހަކަ ދައްކަމުން މާނޭ ބުނީ އޭނާގެ ފްޓްބޯޅަ ކެރިއަރުގައި ކުރެވުނު އެންމެ ރަނގަޅުކަމަކީ ލިވަޕޫލާއެކު ހެދިފައިވާ އެއްބަސްވުން އާ ކުރުން ކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައި ކްލަބަށް ހޯދައިދެވެން އޮތް ކާމިޔާބީއެއް ހޯދުމުގައި އޭނާގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގައިވެސް މާނޭވަނީ ބުނެފައެވެ.

މާނޭ ލިވަޕޫލައި ގުޅުނު ސީޒަނުގައި އޭނާއަށްވަނީ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފައެވެ. ނިމިދިޔަ ސީޒަނުގައި މާނޭ ޖުމްލަ 20 ލަނޑު ލިވަޕޫލަށް ޖަހައިދިންއިރު އޭގެ ތެރެއިން 10 ލަނޑަކީ އޭނާ ޗެންޕިއަންސް ލީގުގައި ޖެހި ލަނޑުތަކެކެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލާއެކު މޮޅު ކުޅުމެއް ދެއްކުމަށްފަހު މާނޭވަނީ ރަޝިއާގައި މިއަހަރު ބޭއްވުނު ވޯލްޑް ކަޕްގައި ސެނެގާލާއެކުވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

2018 ވަނަ އަހަރުގެ ބެލޮންޑިއޯ އަށް ޝޯޓް ލިސްޓް ކުރެވުނު 30 ކުޅުންތެރިންގެ ތެރޭގައި މާނޭ ހިމެނިފައިވާއިރު އޭނާވަނީ ބީބީސީއިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 5 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.

މާނޭގެ އިތުރުން ލިވަޕޫލްގެ ތަރި ސަލާހް އަދި ފިރްމީނޯވެސްވަނީ އެ ކުޅުންތެރިން ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މިއަހަރުތެރޭ އާކޮށްފައެވެ.

Advertisement

ކޮމެންޓް