ކްރިސްމަސް ފާހަޤަ ނުކުރެވެނީ ކީއްވެ؟

24 Dec 2020 | 06:03

މަރިޔަމް ސޫރަތުގައި ﷲ سُبْحَانَهُ وَ تَعَالَى އީސާ عَلَيْهِ ٱلسَّلَامُ އުފަންވި ގޮތުގެ ވާހަކަތައް ބަޔާން ކުރެއްވުމަށްފަހުގައި މަރިޔަމް ސޫރަތުގެ ފަހުކޮޅުގައި ވަޙީކުރައްވާފައިވަނީ

وَقَالُوا اتَّخَذَ الرَّحْمَنُ وَلَدًا ﴿٨٨﴾ "އަދި އެބައިމީހުން ބުންޏެވެ. ރަޙްމާންވަންތަ ފަރާތަށް ދަރިކަލަކު ލިބިވޮޑިގެންވެއެވެ."

އާދެ! ކާފަރުން، ނަޞާރާއީން ބުނެފައިވާ ބޮޑުވެގެންވާ ބަސް ﷲ سُبْحَانَهُ وَ تَعَالَى ކީރިތި ޤުރުއާނުގައި މިވަނީ ގެންނަވާފައެވެ.

އެއަށްފަހުގައި އެކަލާނގެ ވަޙީ ކުރައްވަނީ لَقَدْ جِئْتُمْ شَيْئًا إِدًّا ﴿٨٩﴾ "ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަގެނައީ ނުބައިކަންބޮޑުވެގެންވާ ބަހެކެވެ." އަދި އެބަހުގެ ނުބައިކަމުގެ ބޮޑުކަން އެކަލާނގެ ބަޔާންކުރައްވަމުން ވަޙީކުރައްވަނީ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾ އެބަހުގެ ނުބައިކަންބޮޑުކަމުގެ ސަބަބުން تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ އުޑުތައް ފަޅ ފަޅައިގެން ގޮސްދާނެ ފަދައެވެ. وَتَنشَقُّ الْأَرْضُ އަދި ބިންގަނޑު އިރައިގެން ގޮސްދާނެ ފަދައެވެ. وَتَخِرُّ الْجِبَالُ هَدًّا އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ފައިބާފާނެފަދައެވެ. އެއީ އެފަދަ ނުބައިކަން ބޮޑުވެގެންވާ ބަހެކެވެ. وَقَالُوا اتَّخَذَ الرَّحْمَنُ وَلَدًا ﷲ سُبْحَانَهُ وَ تَعَالَى އަށް ދަރިކަލަކު ލިބިވޮޑިގެންވާކަމަށް އެބުނެވޭ ބުނުން، އެ ދައުވާ ކުރެވޭ ދައުވާ ކުރުމަކީ އެފަދަ ބޮޑު ނުބައިވެގެންވާ ދައުވާއެކެވެ. އެބަހަކީ އެބަހުގެ ނުބައި ކަމުގެ ސަބަބުން، އެބަހުގެ ބޮޑުކަމުގެ ސަބަބުން އުޑުތައް ފަޅަފަޅައިގެން ގޮސް، ބިންގަނޑު އިރައިގެން ގޮސް، އަދި ފަރުބަދަތައް ކުނޑކުނޑވެގެން ފައިބަފާނެ ފަދަ ވަރުގަދަ ނުބައި ބޮޑު ބަހެކެވެ. وَمَا يَنبَغِي لِلرَّحْمَنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾ އަދި ރަޙްމާންވަންތަ ފަރާތަށް ދަރިކަލަކުލިބިވޮޑިގަތުން އެއީ އެއްވެސް ހާލެއްގައި އެކަށިގެންވާނެ ކަމެއް ނޫނެވެ. އާދެ ﷲ سُبْحَانَهُ وَ تَعَالَى އަކީ މިފަދަ އެންމެހާ އުނި ސިފަތަކުން ހުސްތާހިރުވެވޮޑިގެންވާ އިލާހެއްކަމުގައި ވާހިނދުގައި ނަޞާރާއީން ބުނަމުން އައި ނުބައި ބޮޑުވެގެންވާ ބަސް ﷲ سُبْحَانَهُ وَ تَعَالَى މަރިޔަމް ސޫރަތުގެ ފަހުކޮޅުގައި މިވަނީ ބަޔާންކުރައްވާފައެވެ.

އާދެ މިއަދުވެސް އަޅުގަނޑުމެންނަށް މިބަސް އެބައިމީހުން ބުނަމުން އަންނަތަން ފެނިގެންދެއެވެ. އަދި މި ކަމުގެ ފާހަގަ ކުރުންތައް މިއަދާއިހަމައަށްވެސް ބޮޑުކޮށް ފާހަގަކުރަމުންދާތަންފެނެއެވެ.

އާދެ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގައި ކްރިސްމަސް ފާހަގަކުރާ އިރުގައި އެ ކްރިސްމަސްއަކީ އެއީ ނަޞާރާއީން އެބައިމީހުން ޢީސާ عَلَيْهِ ٱلسَّلَامُ އުފަންވިކަމުގައި ބުނާދުވަހެވެ. އެބައިމީހުން ﷲ سُبْحَانَهُ وَ تَعَالَى އަށް ދަރިކަލަކު ލިބިވޮޑިގެންވާކަމަށް އެބައިމީހުން ބުނަމުން އައި ދުވަސް ފާހަގަކުރުމަށްޓަކައި ފާހަގަކުރެވޭ ކުރެވުމެކެވެ.

ކްރިސްމަސްއަކީ އެބައިމީހުންގެ ދީނީ ޢީދެކެވެ. އާދެ މިފަދަ ނުބައިކަން ބޮޑުވެގެންވާ ބުނުމަކަށް ތާއީދުކޮށް އެފަދަ ނުބައިވެގެންވާ ބުނުމެއްގެ މައްޗަށް ފާހަގަކުރެވޭ ދުވަހެކެވެ. މިއަދު އަޅުގަނޑުމެންނަށް ކާފަރު ޤައުމު ތަކުގެ އިތުރުން ބައެއް އިސްލާމްދީނަށް ނިސްބަތްވާ ޤައުމުތަކުގައިވެސް މިކަންކަން ފާހަގަކުރެވެމުން އަންނައިރުގައި އަޅުގަނޑުމެން މި ދުވަހުގެ ހަގީގަތް ދެނެގަންނަންޖެހެއެވެ.

އާދެ ﷲ سُبْحَانَهُ وَ تَعَالَى ކީރިތި ޤުރުއާނުގައި މިކަންކަން ބަޔާންކޮށްދެއްވާ ޤިޔާމަތާއި ހަމައަށް ކިޔެވޭނެ އާޔަތްތަކެއްގެ ގޮތުގައި މި އާޔަތްތައް ލައްވާފައި މިވަނީ މިކަމުގެ މުހިންމު ކަމުގެ ސަބަބުންނެވެ. މި ނުބައި ބުނުމުގެ ބޮޑުކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އާދެ އަޅުގަނޑުމެންނަށް މިއަދު މިކަން އިނގޭ އިރުގައި އަޅުގަނޑުމެންނަކީ އެއްވެސް ހާލެއްގައި ކްރިސްމަސް ފާހަގަކުރުމުގައި ބައިވެރިވާ ބަޔަކަށްވެގެންނުވާނެއެވެ. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ އިއުތިޤާދުން، އަޅުގަނޑުމެންގެ ހިތުން އެކަން ޤަބޫލުނުކުރި ކަމުގައިވިޔަސް އެބައިމީހުން ރުއްސުމަށްޓަކައި ނުވަތަ އެބައިމީހުންނާއި ދޭތެރޭ ރީތިކޮށް މުޢާމަލާތްކުރުމުގެ ގޮތުންވެސް އެބައިމީހުންނަށް ކްރިސްމަސްގެ ތަހުނިޔާ ފަދަ އަދި ކްރިސްމަސް ގްރީޓިންގްސް ފަދަ އެއްވެސް ކަހަލަ ބުނުމެއް އަޅުގަނޑުމެން ބުނެގެން ނުވާނެއެވެ. އަދި އެފަދަ ކަމަކާއި ގުޅޭ ޕޯސްޓެއް ޝެއަރކޮށް އެކަމަށް ތާއީދުކުރެވޭ ފަދަ އެއްވެސް ބަހެއްވެސް އަޅުގަނޑުމެންގެ ދުލުން ބޭރުކުރާ ބައެއްކަމުގައި ވެގެންނުވާނެއެވެ. އެހެން ކޮށްފި ކަމުގައިވާނަމަ އަޅުގަނޑުމެންނަށްވެސް އެކަމުގައި އެބައިވެރިވެވެނީއެވެ.

އާދެ ރަސޫލުﷲ ﷺ ގެ ޒަމާނުގައި އެކަލޭނގެފާނު މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވިއިރުގައި މަދީނާގެ މުޖުތަމައުއަކީވެސް އެކިއެކި ދީންތަކުގެ މީހުން ދިރިއުޅެމުން އައި މުޖުތަމައުއެކެވެ. މަދީނާގެ މުޖުތަމައުގައި ދިރިއުޅެމުންއައި މީހުންނަކީ އެއީ މުޝްރިކުންނެވެ. ބުދަށް އަޅުކަންކުރަމުން އައި މީހުންނެވެ. އަދި އެތާނގައި ޔަޙޫދީންގެ އެކިއެކި މީސްތަކުން ވާއިރުގައިވެސް އެކި ދީންތަކުގެ މީހުންނާއި އެކަލޭނގެފާނު މުއާމަލާތްކުރައްވާފައިވަނީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ބާތިލު އަޤީދާއަށް އިޤުރާރު ވެގެނެއްނޫނެވެ. އެބައިމީހުންގެ ބާތިލު އަޤީދާތަކަށް އެއްބަސްވެ އިޤުރާރުވުން އެއީ އެބައިމީހުންނާއި ރީތިކޮށް މުއާމަލާތްކުރުމުގެ ތެރެއިން ހިމެނިގެންވާ ކަމެއްނޫނެވެ. އެބައިމީހުންނާއި ރީތިކޮށް މުއާމަލާތްކުރުމަކީ އެބައިމީހުންނަށް ހައްޤު ދީން ބަޔާންކޮށްދީ އެބައިމީހުންވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެދާނެ މަގު އެބައިމީހުނަށް ބަޔާންކޮށްދީ އެކަމަށް އެބައިމީހުންނަށް މަގު ދެއްކުމެވެ. އާދެ ނަޞާރާއިންނާއި ދޭތެރޭ ރީތިކޮށް މުއާމަލާތްކުރާ ބައެއްކަމުގައި އަޅުގަނޑުމެން ވާނެނަމަ، އެބައިމީހުންގެ އެ ޝިރުކުގެ ބޮޑުކަން ބަޔާންކޮށްދީ އެގޮތުގެ މަތީގައި އެބައިމީހުން މަރުވެއްޖެ ކަމުގައިވާނަމަ ދާން އޮތްތަނަކީ އަބަދުގެ އަބަދަށް ދެމިއޮންނާނެގޮތެއްގައި ނަރަކަކަން އެބައިމީހުންނަށް ބަޔާންކޮށްދީ އެބައިމީހުންގެ އަތުހިފައިގެން ސުވަރުގެއަށް ގެންދާ ބައެއްކަމުގައި ވުމަށް އަޅުގަނޑުމެން މަސައްކަތްކުރަންވީއެވެ.

އާދެ އަޅުގަނޑުމެން މިއަދު މިކަން ދަންނަންޖެހެއެވެ. ރަސޫލުﷲ ﷺ ހަދީޡްފުޅު ކުރައްވާފައިވަނީ { مَنْ تَشَبَّهَ بِقَوْمٍ, فَهُوَ مِنْهُمْ } صحيح.‏ رواه أبو داود (4031) "ބަޔަކާ އެއްވައްތަރުވެއްޖެ ކަމުގައިވާނަމަ އެބައިމީހުންވަނީ އެ އެއްވައްތަރުވި ބަޔަކާއި އެކީގައެވެ." އާދެ ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ. ބަޔަކާ އެއްވައްތަރުވެއްޖެ ކަމުގައިވާނަމަ ޤިޔާމަތް ދުވަހު މަޙްޝަރުކުރެވޭނީ އެ އެއްވައްތަރުވި ބަޔަކާއި އެކީގައެވެ.

އާދެ އަޅުގަނޑުމެން ނަޞާރާއީންގެ ދީނީ މިފަދަ ޢީދުތައް ފާހަގަ ކުރުމުގައި އެއްވެސް ގޮތެއްގައި ބައިވެރިވެއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެން ޤިޔާމަތް ދުވަހު ނަޞާރާއީންނާއި އެކީ މަޙްޝަރުކުރެވިދާނެ ކަމަށްޓަކައި ބިރުވެތިވާންޖެހެއެވެ. ނަޞާރާއިން އަބަދުގެ އަބަދަށް ނަރަކައިގައިވާނެ ފަދައިން އަޅުގަނޑުމެން ވެދާނެތީ އަޅުގަނޑުމެން ބިރުވެތިވެ ސަމާލުވާންވާންޖެހެއެވެ.

މިއަދު މި ބިމުގައި އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ތިބެން ބޭނުންކަމުގައިވާނަމަ މިފަދަ އެންމެހާ ކަންކަމަށް އިންކާރުކުރާ ބައެއްކަމުގައި އަޅުގަނޑުމެންވާންޖެހެއެވެ. އަޅުގަނޑުމެންނަށް އިންކާރުކުރެވެން އޮތް ގޮތަށް، ހިތުން އަދި ދުލުން އަދި އަޅުގަނޑުމެންނަށް އަތުން އިންކާރުކުރުމުގެ ބާރުލިބިގެންވާނަމަ އެގޮތަށްވެސް އަޅުގަނޑުމެން އެކަންކަމަށް އިންކާރުކޮށް އެކަމާއި ދެކޮޅުހަދާ ބަރީއަތްވެގަންނަ ބައެއްކަމުގައި އަޅުގަނޑުމެންވާން ޖެހެއެވެ.

މިކަމާ ގުޅުންހުރި ތަކެތިވެސް ނުވިއްކާ އަދި މިފަދަ ތަކެތި ނުގަންނަ ބައެއްކަމުގައި އަޅުގަނޑުމެންވާން ޖެހެއެވެ. އާދެ ދުޢާ އަކީ އަޅުގަނޑުމެންނަކީ މިފަދަ އެންމެހާ ޝިރުކުގެ ޢީދު ތަކުން ދުރުހެލިވާ އަދި މިފަދަ އެންމެހާ ކަންކަމުން ބަރީއަތްވެގަންނަ ބައެއްކަމުގައި ﷲ سُبْحَانَهُ وَ تَعَالَى ލެއްވެވުމެވެ. އަދި އަޅުގަނޑުމެންގެ މިބިމަކީވެސް މިފަދަ އެންމެހާ ނުބައި ފާފަކުރުންތަކުންނާއި އިހްތިފާލް ތަކުން ރައްކާތެރިވެ ސަލާމަތްކުރެއްވިގެންވާ ބިމެއް ކަމުގައި ﷲ سُبْحَانَهُ وَ تَعَالَى ލެއްވެވުމެވެ. 

Advertisement

ކޮމެންޓް