Advertisement

ފޮންޓެއް ނޫން، މިއީ އަބޯގެ ބޮޑު އަކުރު!

03 Jan 2021 | 19:09

ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާާމްތަކުގެ ޓައިޓްލްގެ ގޮތުގައި އެކި ފޮންޓްތަކުން އަރުވަމުންދިޔަ ނަންތަކަކީ، މަދަރުސާގައި ތައުލީމް ހާސިލްކުރަމުންދިޔައިރު އަބްދުﷲ ޝަފީއު (އަބޯ)ގެ ވަރަށް ބޮޑަށް ޝައުގުވެރިކަން ވަރަށް ބޮޑަށް ދަމައިގަތް ކަމެކެވެ. އޭރު އެ ޓައިޓްލްތައް ބަލައިގެން ލިޔެހެދުމަކީ އަބޯ ވަރަށް ކުރާހިތްވި ކަމެކެވެ. އާއިލާގެ ތެރޭގައި އޮތް ބޮޑުއަކުރުން ލިޔުމުގެ ހުނަރު އަބޯގެ ގައިގައިވެސް ދިޔައީ މަޑުމަޑުން ހަރުލަމުންނެވެ.

އޭގެ އަހަރުތަކެއްގެ ފަހުން އިއްޔެ އޭނާ ޓްވިޓަރއަށް ދޫކޮށްލީ ނިމިދިޔަ 2020ވަނަ އަހަރުގައި ދިވެހި ލެޓަރިންގގެ ފަންނުގައި ކޮށްފައިވާ ފުރިހަމަ މަސައްކަތްތަކެއްގެ ކަލެކްޝަނެކެވެ. އެ ކަލެކްޝަންގެ ފުރިހަމަ އަދި ކަވި މަސައްކަތަށް އެތަކެއް ބަޔެއްގެ ތައުރީފް އަބޯއަށް އޮހެމުންދާއިރު، އެ އަކުރުތަކުގެ ފުރިހަމަކަމުގެ ފަހަތުގައިވާ ޝަޚްސުގެ ވާހަކަތަކަށް އަހާާލުންވެސް މުހިންމެވެ.


އާއިލީ ހުނަރެއް، ކުޑައިރުއްސުރެ ޝައުގުވެރިކަން ހުރޭ

ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަދި މަޝްހޫރު އެއް ގްރެފިކްސް ޑިޒައިނަރކަމަށްވާ އަބޯ "ވޮއިސް"އަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި ކިޔައިދިން ގޮތުގައި އޭނާގެ ކިބައިގައިވާ ލެޓަރިންގގެ ހުނަރަކީ އާއިލީ ކަމެކެވެ. އެ އާއިލީ ހުނަރުވެރިކަމަކީ ލެޓަރިންގގެ ފަންނަށް ވަރަށް ޅަ އުމުރުގައި އަބޯގެ ހިތްޖެއްސުވި ކަމެކެވެ.

"މަންމަ ފަރާތު ކާފައަކީ ވަރަށް ރީއްޗަށް ދިވެހި ލިޔާ މީހެއް. ކާފަގެ ދަރިންވެސް ވަރަށް މޮޅުވާނެ ބޮޑުއަކުރުން ލިޔަން. އެހެންވެ ބޮޑުވަމުންދިޔަ އިރު އެމީހުންވީ ވަރަށް އިންސްޕިރޭޝަނަލް ބަޔަކަށް"، އޭނާ ބުންޏެވެ.

ކުޑަކުޑަ އަބޯއަށް އޭރުގައި ލެޓަރިންގ އަދި ގްރެފިކްސް ޑިޒައިނިންގއަކީ ކޮބައިކަން ނުވެސް އެނގެއެވެ. ނަމަވެސް ސްކޫލްގައި އުޅުނު ދުވަސްވަރު ޓީވީއެމްއިން އޭރު ދައްކާ ޕްރޮގްރާމްތަކުގެ ޓައިޓްލްތައް ބަލައިގެން ލިޔަން މަސައްކަތް ކުރުމަކީ އޭނާ ވަރަށް ގަޔާވި ކަމެކެވެ. އަބޯގެ ލެޓަރިންގގެ މަސައްކަތްތައް ދައްކުވައިދޭ ޓްވީޓަށް ޓީވީއެމްގެ ކުރީގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) ތައުރީފްކުރެއްވިއިރު، އެކަން ވެގެންދިޔައީ އަބޯއަށް ލިބުނު ބޮޑު ފަޚުރަކަށްކަމަށް އޭނާ ބުންޏެވެ. މޮންދުއަކީ އަބޯގެ ލެޓަރިންގގެ ދަތުރު ފަށައިދިން ޓީވީއެމްގެ ބައެއް ޕްރޮގްރާމްތަކުގެ ޓައިޓްލްތައް އެޅުއްވި ފަރާތެވެ.


ގިނަ މީޑިޔާތަކުގެ ލޯގޯ ފަރުމާކުރި ހުނަރުވެރިއެއް!

ލެޓަރިންގެ މަސައްކަތްތައް ކުރާއިރު އަބޯ އެންމެ ބޮޑަށް އަބަދުވެސް ވިސްނަނީ ކްލައިންޓުން ހިތްހަމަޖެހޭނެފަދަ ގޮތަކަށް އެކަން ކުރުމަށްކަމަށް އޭނާ ބުންޏެވެ. އެގޮތުން ލެޓަރިންގއިން އެބައެއްގެ ބްރޭންޑް ދެއްކޭތޯ މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ތަންކޮޅެއް ފްލެކްސިބަލް ބްރޭންޑެއް ވިއްޔާ، ރަނިންގ ލެޓަރިންގ އަދި މޫވިންގ އެއްޗެހި ބޮޑަށް ހެދޭތޯ ބަލަނީ. ނޫސްތަކުގެ ލޯގޯތަކެއްވެސް ހެދިން. އެ އެއްޗެހި ހުންނަން ވާނީ ނޫހެއްގެ ލޯގޯ ހުންނަހެން ސީރިއަސްކޮށް ވަރުގަދަކޮށް. ފިލްމެއްގެ ޓައިޓްލް ހަދާއިރުވެސް ޕްރޮޑިއުސަރުން ބުނާނެ ޕްލޮޓް. އޭރުން ޑެލިވަރކުރަން ފަސޭހަވޭ"، އަބޯ ކިޔައިދިނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަބޯއަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ އޮންލައިން މީޑިޔާ އައުޓްލެޓްތަކެއްގެ ލޯގޯ ފަރުމާކޮށްފައިވާ ފަރާތެކެވެ. އެގޮތުން ތިބޭފުޅުން މިވަގުތު ވިދާޅުވަމުން ގެންދަވާ "ވޮއިސް" ނޫހުގެ ލޯގޯވެސް ފަރުމާކުރީ ހަމަ އޭނާއެވެ. އަބޯ ބުނިގޮތުގައި މިހާތަނަށް ހެދިފައިވާ މީޑިޔާ ލޯގޯތަކުގެ ތެރެއިން އޭނާއަށް އެންމެ ބޮޑަށް ކަމުދަނީ "ވޮއިސް" އަދި "ހަތާވީސް"ގެ ލޯގޯއެވެ. މީގެއިތުރުން "ވަގުތު"ގެ ރީ-ބްރޭންޑިންގގެ މަސައްކަތާއި "އަވަސް"ގެ ލޯގޯ ރިފައިން ކުރަން ލިބުނު ފުރުސަތުވެސް އޭނާ އުފަލާއި އެކު ފާހަގަކުރިއެވެ.


މުސްތަޤްބަލްގައި އަބޯގެ ފޮންޓެއް ފެނިދާނެ؟

އިއްޔެގެ ޓްވީޓާއެކު ގިނަބަޔަކު އަބޯގެ ކައިރިން އަހަމުންދިޔައީ އެއް ސުވާލެކެވެ. އޭނާގެ ފޮންޓެއް ލިބިދާނެތޯއެވެ. ނަމަވެސް އެ ޓްވީޓްގައި ވަނީ ފޮންޓްތަކެއް ނޫންކަމަށާއި އެއީ އަމިއްލަ އަތުން ލިޔެގެން އަދި ޑިޖިޓަލްކޮށް ކުރަަހައިގެން ހުރި މަސައްކަތެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

އަބޯ ކިޔައިދިން ގޮތުގައި އިއްޔެގެ ޓްވީޓް ކުރިއިރުގައިވެސް، އޭނާ ދިޔައީ ދެ ފޮންޓެއްގެ މަސައްކަތް ކުރަމުންނެވެ. އަދި މީގެކުރިންވެސް ކަލަންޑަރެއްގެ މަސައްކަތަކާ ގުޅިގެން ފޮންޓަކަށް ބޭނުންވާ ވަރަށް ތާނައިގެ ހުރިހާ އަކުރެއް ތައްޔާރުކުރިކަމަށް އޭނާ ބުންޏެވެ.

އަބޯ ފާހަގަކުރިގޮތުގައި ފޮންޓް ހެދުމަކީ ވަރަށް ފަރުވާތެރިކަމާ އެކު ކުރަންޖެހޭނެ ކަމެކެވެ. އަދި ފޮންޓަކީ ވަރަށް ގިނަ ކަންކަމަށް ބޭނުންކުރެވޭ "ޓައިމް ލެސް" އެއްޗަކަށް ވާން ޖެހޭނެކަމަށް އޭނާ ބުންޏެވެ. އިރާދަކުރެއްވިއްޔާ އަބޯގެ އަމިއްލަ ފޮންޓެއް އާންމުކުރާނެކަމަށް އޭނާ ބުންޏެވެ.


މުނިފޫހިފިލުވުމުގެ ދާއިރާއިންވެސް އަބޯގެ ހުނަރުވެެރިކަން!

އަބޯގެ ލެޓަރިންގގެ ހުނަރުވެރިކަމަކީ ހަމައެކަނި މީޑިޔާގެ ދާއިރާއަށް ހުސްވެފައިވާ ކަމެއް ނޫނެވެ. އެ ހުނަރުވެރިކަން ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއިންވެސް ވަރަށް ފުރިހަމައަށް ދަނީ ފެންނަމުންނެވެ.

އޭނާ ކިޔައިދިން ގޮތުގައި ކުޑައިރުވެސް ފިލްމްތަކުގެ ޓައިޓްލްތައް ފެނިފައި އެފަދައިން އަމިއްލައަށް މަސައްކަތެއް ކުރަން އަބޯ ހުރީ ވަރަށް ބޭނުންވެފައެވެ. އެގޮތުން ފުރަތަމަ އެކަން ހަގީގަތަށް ހެދުނީ ޑާކްރެއިން އެންޓަރޓެއިންމެންޓްގެ މަޝްހޫރު "ވާށޭ މަށާ އެކީ" ފިލްމުންނެވެ.

"ފުރަތަމަ ފިލްމެއްގެ ޓައިޓްލްއަކަށް ހެދީ ވާށޭ މަށާ އެކީ. އެއީ އަމިއްލައަށް މޮގަރއަށް ޓައިޓްލް ހަދާފަ ފޮނުވީ. އެއަށްފަހު ޑާކްރެއިންގެ ހުރިހާ ޓައިޓްލްއެއްވެސް ހަދަނީ އަޅުގަނޑު. ވަރަށް ކުރާ ހިތްވާ ކަމެއް އެއީ. މޮގަރ ވަރަށް ސަޕޯޓިވް"، އަބޯ ބުންޏެވެ.

އަބޯގެ ލެޓަރިންގ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތުގެ ގޮތުގައި އޭނަ ނަގަނީވެސް ޑާކްރެއިންގެ ފިލްމެއްގެ މަސައްކަތެވެ. އެއީ ރެހެންދި ހަދީޖާއެވެ.


ޚާއްސަ ޝުކުރެއް ލޯބިވާ އަންހެނުން، އާއިލާ އަދި ރަހުމަތްތެރިންނަށް!

އަބޯ ކިޔައިދިން ގޮތުގައި މި ފަންނުގައި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ލޯބިވާ އާއިލާއެކެވެ. އެގޮތުން އޭނާގެ އަންހެނުން ޝިފާ، މައިންބަފައިން، އެއްބަނޑު އެއްބަފާ އެންމެން އަދި ރަހުމަތްތެރިންނަށް ފަށްފަށުން ޝުކުރު އަދާކުރާކަމަށް އޭނާ ބުންޏެވެ. އަދި ލެޓަރިންގގެ ޓްވީޓަށް ތަރުހީބުދިން އެންމެހާ ފަރާތްތަކަށްވެސް އަބޯ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޚާއްސަކޮށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން، އެ މިނިސްޓްރީގެ ސީނިއަރ ރިސާރޗް އެނަލިސްޓް މުހައްމަދު ނާޖިހު އަދި ޓީވީއެމްގެ ކުރީގެ ސީއޯއޯ މޮންދުގެ ނަން އަބޯ ޚާއްސަކޮށް ފާހަގަކުރިއެވެ.

ތާނައިގެ އާދައިގެ އަކުރުތަކަށް ޒަމާނީ އަދި މޮޅު ބަދަލެއް ގެނެވިދާނެކަމަށް ގިނަބަޔަކު ހިތަކަށް ނާރާނެއެވެ. ނަމަވެސް އަބޯގެ ހުނަރުވެރިކަމުން އޭނާ ވަނީ އެކަން ސާބިތުކޮށްދީފައެވެ. ތެދެކެވެ. އަބޯގެ ތާނަ އަކުރުތައް ވަރަށް ޗާލެވެ!

"ވޮއިސް"ގެ ފަރާތުން އަބޯއަށް އެދެނީ ކާމިޔާބު އަދި ފާގަތި ދުވަސްތަކެކެވެ.

Advertisement

ކޮމެންޓް